ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޮވިޑާއެކު ހަ މަސް: ނަތީޖާ މިމަހު

ކޮވިޑްގެ ބަލާއާފާތުގައި ދިވެހިން ހަ މަސްދު ވަސް ހޭދަ ކޮށްފައި ވާއިރު ކޮވިޑުން ރައްކާތެރި ވުމަށް އެޅި ފިޔަވަޅުތަކުގެ ނަތީޖާ މިމަހު ފަހުކޮޅު ފެންނާނެ ކަމަށް އުންމީދު ކުރާ ކަމަށާ އެ އުންމީދު ހާސިލު ވާނީ ރައްޔިތުން ކުރާ މަސައްކަތެއްގެ ސަބަބުން ކަމަށް އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

ރާއްޖެއިން ކޮވިޑްގެ ކޭހެއް ފުރަތަމަ ފެނިފައި ވަނީ މާޗް މަހުގެ ހަތްވަނަ ދުވަހު އެވެ. ކޮވިޑްގެ ބަލިމަޑުކަމުގަައި ދިވެހިން 184 ދުވަސް ހޭދަ ކޮށްފައިވާއިރު އެއީ ހަ މަސް ދުވަހެވެ.

އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ކޮވިޑް ކޮންޓްރޯލް ކުރަން އެޅި ފިޔަަވަޅުތަކުގެ ނަތީޖާ މި މަހުގެ ފަހުކޮޅު ފެންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަަށާއި އެކަމަކު އެ ނަތީޖާ ފެންނާނީ ރައްޔިތުންގެ ހިތްވަރުން ކަމަށެވެ.

"ކޮވިޑް ބަލިމަޑުކަމުގައި މިވަނީ ހަމަ މަސް ވެފައި. ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުން ދިއުމާއި ގުޅިގެން އަޅުގަނޑުމެން މިދަނީ އިތުރު ފިޔަވަޅުތައް އަޅަމުން. އަދި މިކަމުގެ ނަތީޖާ ފެންނާނެ ކަމަށް އަޅުގަނޑުމެން މި ބަލަނީ މި މަހުގެ ފަހުކޮޅު ހިސާބުގައި އެންމެ އަވަހަށް ވެސް. މިއީ ތިޔަ ބޭފުޅުން ކުރި ނުވަތަ ކުރަމުންދާ މަސައްކަތުން ނުކުންނާނެ ނަތީޖާއެއް،"

ނަޒްލާ ވިދާޅުވީ ބަލިމަޑުކަމުން އަރައިގަތުމަށް މުޖުތަމައުގެ ކޮންމެ މީހަކީ ވެސް މުހިންމު މީހެއް ކަމަށާއި ރައްކާތެރި ކަމުގެ ފިޔަވަޅުތަކަށް ބޯލަނބަން ޖެހޭ ކަމަށާ ކޮވިޑުން ސަލާމަތްވެފައިވާ ރާއްޖެއެއް ލިބޭނީ އޭރުން ކަމަށެވެ.

"އަޅުގަނޑުމެން ދެެކެނީ ދިވެހި ކޮންމެ ރައްޔިތަކީ އަދި ރާއްޖޭގައި މިވަގުތު ދިރިއުޅޭ ކޮންމެ މީހަކީ ވެސް އެޗްޕީއޭގެ މެންބަރެއް ކަމަށް. ކޮވިޑް ހުއްޓުވުމަށް މަސައްކަތް ކުރާނެ މީހެއް. އަޅުގަނޑުމެންގެ އުންމީދަކީ އަވަސް މުސްތަގުބަލެއްގައި ކޮވިޑުން ސަލާމަތްވާނެ ދުވަހެއް ފެނުން. އިންޝާﷲ، އެ ދުވަސް ވެސް ފެންނާނެ،"

އަޅުގަނޑުމެން ދެެކެނީ ދިވެހި ކޮންމެ ރައްޔިތަކީ އަދި ރާއްޖޭގައި މިވަގުތު ދިރިއުޅޭ ކޮންމެ މީހަކީ ވެސް އެޗްޕީއޭގެ މެންބަރެއް ކަމަށް. ކޮވިޑް ހުއްޓުވުމަށް މަސައްކަތް ކުރާނެ މީހެއް. އަޅުގަނޑުމެންގެ އުންމީދަކީ އަވަސް މުސްތަގުބަލެއްގައި ކޮވިޑުން ސަލާމަތްވާނެ ދުވަހެއް ފެނުން،
ޑރ. ނަޒްލާ ރަފީގު | އެޗްއީއޯސީގެ ތަރުޖަމާނު

އޭނާ ވިދާޅުވީ މި ބަލިން ދިފާއުވުމަށް އަޅަން ޖެހުނު ފިޔަވަޅުތަކުން އިގްތިސޯދީ ގޮތުންނާއި އިޖްތިމާއީ ގޮތުންވެސް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެފައިވާ ކަމަށާއި އަޅާ ފިޔަވަޅުތަކަށް އެންމެންނަށް އެއްބަސް ނުވެވިދާނެ ކަމަށެވެ. ނަމަަވެސް މަސައްކަތް ކުރަން ޖެހެނީ އެއްބަސްވެވޭ ހިސާބެއްގައި ނަތީޖާ ނެރެން ކަމަށެވެ.

ހަ މަހުގެ ތަފާސް ހިސާބު

  • ބަލި ޖެހުނު މީހުންގެ އަދަދު: 8,667
  • ރަނގަޅުވީ މީހުންގެ އަދަދު: 6,049
  • އެކްޓިވް ކޭސްގެ އަދަދު: 2,589
  • ބަލީގައި މަރުވި މީހުންގެ އަދަދު: 29
  • އެޑްމިޓްކޮށްފައިވާ މީހުންގެ އަދަދު: 142
  • ބަލި ޖެހުނު ދިވެހިންގެ އަދަދު: 5,456
  • ބަލި ޖެހުނު އަންހެނުންގެ އަދަދު: 2,569
  • ބަލި ޖެހުނު ފިރިހެނުންގެ އަދަދު: 6,078
  • އައިސޮލޭޝަން މީހުންގެ އަދަދު: 1,118

މާލެއިން ކޮވިޑްގެ ފުރަތަމަ ކޭސް ފެނުނީ އޭޕްރީލް މަހުގެ 15 ވަަނަ ދުވަހު އެވެ. އެ ދުވަހުން ފެށިގެން އެތައް ދުވަހަކަށް މާލެ ސިޓީ ލޮކްޑައުންގައި ބޭއްވި އެވެ. މިހާރު ވެސް އޮތީ ސެމީ ލޮކްޑައުންއެއްގަ އެވެ.

ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން ރާއްޖޭގެ ތާރީހުގައި ވެސް ފުރަތަމަ ފަހަރަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރި އެވެ. އެ މުއްދަތު މިދިއަ އާދީއްތަ ދުވަހުގެ ރޭ ހަވަނަ ފަހަރަށް ވަނީ އިތުރުކޮށްފަ އެވެ. އެގޮތުން އަންނަ މަހުގެ ހަވަނަ ދުވަހުގެ ނިޔަލަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ދެމި އޮންނާނެ އެވެ.