ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޮވިޑް: ގްރީން ޒޯނަށްދާން ހުރަސްތަކެއް

ކޮވިޑް-19ގެ ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ސަމާލުކަން ދޭ މިންވަރު ދަށްވަމުން އަންނަ ކަމަށް ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

ކޮވިޑްގެ ބަލިމަޑުކަމުގައި ދިވެހިން 203 ދުވަސް ވަނީ ހޭދަކޮށްފައެވެ. މި މުއްދަތުގައި 10،000 ވުރެ ގިނަ މީހުންނަށް ބަލި ޖެހި 34 މީހަކު ވަނީ ކޮވިޑްގައި މަރުވެފައެވެ. ކޮވިޑްގައި އެންމެ ނުރައްކާ ބޮޑުވީ އޮގަސްޓް މަހުއެވެ. އެމަހު އެކަނިވެސް 3،900 މީހުންނަށް ބަލި ޖެހި 12 މީހަކު މަރުވިއެވެ. ނަމަވެސް މި މަސް ފެށުނު ފަހުން ކޮވިޑްގެ ބަލި މީހުން ފެންނަ ނިސްބަތް ވަނީ ދަށްވާން ފަށާފައެވެ. މިއަދަކީ މި ފަހުން އެންމެ މަދުން މީހުން ޕޮޒިޓިވްވީ ދުވަހެވެ. މިއަދު ކޮވިޑަށް ޕޮޒިޓިވްވީ 31 މީހެކެވެ.

ކޮވިޑްގެ ބަލި މީހުން ފެންނަ ނިސްބަތް ތަންކޮޅެއް މަދުވިނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުކަން ނުދީފިނަމަ އަލުން ބަލި ފެތުރުމުގެ ފުރުސަތު އެބައޮތް ކަމަށް ކަމާބެހޭ އިދާރާތަކުން ވަނީ ބުނެފައެވެ.

މިރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި އެ ސެންޓަރުގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ކޮވިޑްގެ ބަލި މީހުން ފެންނަ ނިސްބަތް ދަށްވުމާއެކު ފިޔަވަޅުތަކަށް އަމަލު ކުރާ މީހުންގެ އަދަދު މަދުވާން ފަށާފައިވާ ކަމަށެވެ. ހާއްސަކޮށް މިދިޔަ ހަފްތާ ބަންދުގައި ފެނުނީ އުންމީދު ކުރި މަންޒަރެއް ނޫން ކަމަށް ވިދާޅުވިއެވެ. ނަޒްލާ ވިދާޅުވީ ދަތުރު ދިއުމާއި ޕާޓީ ބޭއްވުމާއި މަގުމަތީގައި އުޅުމަކީ އަދި ރައްކާތެރި ކަމެއް ނޫން ކަމަށާ އެއީ އަލުން ކޮވިޑްގެ ބަލި މަޑުކަން އިތުރުވެދާނެ ފަދަ ކަންކަން ކަމަށެވެ. އެހެން ކަމުން އެކަންކަން ނުކުރުމަށް އިލްތިމާސް ކުރެއްވިއެވެ.

"މި ހަފްތާ ބަންދުގައި އަޅުގަނޑުމެންނަށް މި ފެނުނީ ވަރަށް ކަންބޮޑުވާ މަންޒަރެއް. އަޅުގަނޑުމެން އުންމީދު ކުރި ގޮތާއި މުޅިން ތަފާތުކޮށް ފެނިގެން މިދިޔައީ. އަޅުގަނޑުމެން ތަކުރާރުކޮށް ދަންނަވަމުން މި ގެންދަނީ ކޭސްތައް މަދުވިނަމަވެސް އަދިވެސް ފިޔަވަޅުތަކުގައި ދެމި ތިބެން އެބަޖެހޭ. ނަމަވެސް މި ދެ ދުވަހު ފެނިގެން މި ދިޔައީ ދަތުރު ދިއުމާއި ޕާޓީ ބޭވުމާއި މަގުމައްޗަށް ވަރަށް ގިނަ އަދަދަކަށް މީހުން ނިކުތްތަން. މިއީ ގްރީން ޒޯނަށް ދިއުމަށް އެޅޭ ހުރަހަކަށް ވެގެންދާނެ. ދާން ނަގާ މުއްދަތު ގިނަވާނެ،" ނަޒްލާ ވިދާޅުވިއެވެ.

އެޗްއީއޯސީން މިރޭ ބުނީ މަނާ ގަޑީގައި ވެހިކަލް ދުއްވުމާއި ކާފިއު ވަގުތު ބޭރުގައި އުޅުން އަދި މާސްކު ނާޅާ ބޭރުގައި އުޅޭ މީހުންގެ އަދަދުވެސް އިތުރުވަމުންދާ ކަމަަށެވެ. އަދި ކަސްރަތަށް ނިކުންނަ މީހުން ކަނޑައެޅިފައިވާ ވަގުތުގެ ފަހުންވެސް ބޭރުގައި އުޅުމާއި އުސޫލުތަކާއި ހިލާފަށް ބައެއް ވިޔަފާރިތަކުން ޑެލިވަރީގެ ހިދުމަތް ދެމުންދާ ކަމަަށެވެ. އެކަމުގެ ތަފާސް ހިސާބުތައްވެސް ވަނީ އާންމު ކޮށްފައެވެ. މިއީ ކޮވިޑްގެ ބަލި މަޑުކަމުން އަރައިގަތުމަށް އޮތް ވަރަށް ބޮޑު ގޮންޖެހުމެއް ކަމަަށްވެސް ވަނީ ބުނެފައެވެ.

ނަޒްލާ ވިދާޅުވީ އާންމު ހާލަތަށް ދިއުމަށް އެންމެން މަސައްކަތް ކުރަން ޖެހޭ ކަމަށާ އެ ނޫނީ މިހާރު އޮތް ދަތި ހާލަތުގައި ތިބެން ޖެހޭ މުއްދަތު އިތުރުވާނެ ކަމަށެވެ. އަމާޒަކަށް ވާންވީ ދުވަހުން ދުވަހަށް ބަލި ޖެހޭ މީހުންގެ އަދަދު މަދު ކުރުމަށް ކަމަށް ވިދާޅުވިއެވެ. މިއަދު ޕޮޒިޓިވްވީ 31 މީހުން ނަމަަވެސް އެއީ ކޮވިޑްގެ ބަލި މަޑުކަން ފިލާ ދިޔައީ ނޫން ކަމަށްވެސް ނަޒްލާ ވިދާޅުވިއެވެ. ނަޒްލާ ވަނީ ޖުލައި މަހުގެ ފުރަތަމަ ދުވަހު ލިބުނު ލުޔާއެކު ކަންކުރެވުނު ގޮތުގެ ސަބަބުން ކޮވިޑްގެ އެންމެ ނުރައްކާތެރި ހާލަތަށް ރާއްޖެ ދިޔަ ދިއުން ހަނދާން ކޮށްދީފައެވެ.

މިވަގުތުވެސް 79 މީހަކަށް ހޮސްޕިޓަލްގައި ފަރުވާ ދެމުންދާއިރު ބައެއް މީހުންް އައިސީޔޫގައި އަދި ބައެއް ބަލި މީހުންނަށް ވެންޓިލޭޓަރުގައި ފަރުވާ ދެމުންދާ ކަމަށް ވިދާޅުވިއެވެ. ނަޒްލާ ވިދާޅުވީ ހާލަތު ބަދަލު ކުރެވޭނީ އެންމެން އެކުގައި ކަމަށެވެ.