ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ފްރަންޓްލައިންގައި މަސައްކަތްކުރާ 239 މީހަކު ޕޮޒިޓިވްވެއްޖެ

ކޮވިޑް-19 އިގެ ބަލިމަޑުކަމުގެ ތެރޭ ފްރަންޓްލައިންގައި މަސައްކަތް ކުރާ މީހުންގެ ތެރެއިން 239 މީހަކަށް ކޮވިޑް ޖެހިފައިވާ ކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން ބުނެފި އެވެ.

އެންއީއޯސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ޑރ. އިބްރާހިމް އަފްޒަލް ވަނީ މިހާތަނަށް ރާއްޖެއިން ޕޮޒިޓިވްވީ މީހުންގެ ތެރެއިން ފްރަންޓްލައިންގައި މަސައްކަތް ކުރާ މީހުންނާ ގުޅޭ ބައެއް ތަފްސީލްތައް ހާމަކޮށްފައެވެ.

އަފްޒަލް ވިދާޅުވީ ފްރަންޓްލައިންގައި މަސައްކަތް ކުރާ މީހުންގެ ތެރެއިން މިހާތަނަށް 239 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ.

ފްރަންޓްލައިންގައި މަސައްކަތް ކުރާ މީހުންގެ ތެރެއިން އެންމެ ގިނަ ބަޔަކު ޕޮޒިޓިވްވީ މެއި މަހުގެ 8 ވަނަ ދުވަހުއެވެ. އެ ދުވަހު 51 މީހަކަށް ވަނީ ބަލި ޖެހިފައެވެ. ދެން އެންމެ ގިނަ މީހުން ޕޮޒިޓިވްވީ އެޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެ ދުވަހު 22 މީހުން ވަނީ ޕޮޒިޓިވްވެފައެވެ.

މީގެ އިތުރުން މެއި މަހުގެ ނުވަވަނަ ދުވަހު 19 މީހުން، މެއި މަހުގެ 20 ވަނަ ދުވަހު 16 މީހުން އަދި މެއި 21 އާއި 22 ގައި ކޮންމެ ދުވަހަކު 12 މީހުން ވަނީ ޕޮޒިޓިވްވެފައެވެ.

"ފްރަންޓްލައިނޭ މިކިޔަނީ އެއްގޮތަކުން ހެލްތް ސައިޑްގައި މަސައްކަތްކުރާ ބޭފުޅުން ނޫނިއްޔާ ސެކިއުރިޓީ ސައިޑްގައި މަސައްކަތްކުރާ ބޭފުޅުން. އަދި މީގެ އިތުރުންވެސް ޒަރޫރީ ބައެއް ހިދުމަތްތައް، މިސާލަކަށް އެސްޓީއޯ ގޭސް އުފުލާ ބޭފުޅުން ފަދަ. އެ އަަަދަދުތައް ވަނީ ހިމަނާފައި." އަފްޒަލް ވިދާޅުވިއެވެ.

ކޮވިޑް ޖެހުނު މީހުންގެ ތެރޭގައި ގިނަ އަދަދަކަށް ސިފައިންވެސް ހިމެނެއެވެ. އަދި ފުލުހުންވެސް ހިމެނެއެވެ. މީގެ އިތުރުން ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މީހުންނާއި ސަރުކާރުގެ ކުންފުނިތަކުގައި މަަސައްކަތްކުރާ މުވައްޒިފުންވެސް ހިމެނެއެވެ.