ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19 އިގެ ބަލާއާފާތް

އިއްޔެގެ ޕޮޒިޓް ނަމްބަރަކީ ނުރައްކާތެރި އިންޒާރެއް: އަފްޒަލް

ލޮކްޑައުން ކުރުމުން މާލެ މަގުތައް ފަޅުވެފައި: އެ މުއްދަތު ދިގު ކުރާނެ ކަމަށް ބެލެވޭ -- އަހުމަދު އަޝްހާދު | އަވަސް
50%
50%
0%

އިއްޔެ ޕޮޒިޓިވްވި މީހުންގެ ނަމްބަރަކީ ނުރައްކާތެރި އިންޒާރެއް ކަމަށާއި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މަދު ކުރެވިގެން ނޫނީ ލޮކްޑައުން އުވާލެވެން ނޯންނާނެ ކަމަށާއި މިހާރު މި ދާ ގޮތުން ރަށްރަށަށް ވެސް ނުރައްކާ ބޮޑުވެފައިވާ ކަމަށް އެންއީއޯސީން ބުނެފި އެވެ.

އެންއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވި ގޮތުގައި ލޮކްޑައުންގައި އަބަދަކު ނުތިބެވޭނެ އެވެ. ނަމަވެސް މިއީ އަދި ލޮކްޑައުން އުވާލެވޭނެ ހާލަތެއް ނޫނެވެ. އޭނާ ވިދާޅުވީ ޕޮޒިޓިވް ކޭސްތައް ފުލުފުލުގައި ފެންނަމުން ދާއިރު ކޭސްތައް އިތުރުވެގެންދާ ހަގީގީ ސަބަބުތައް ނެތި ދިއުމުން ނޫނީ ލޮކްޑައުން އުވާ ނުލެވޭނެ ކަމަށެވެ.

މާލެ ލޮކްޑައުން ކުރުމުގެ ފައިދާ ވަރަށް ބޮޑު ކަމަށާ މި ލޮކްޑައުން ނުގެނައި ނަމަ މިހާރު އޮތް ހާލަތަށްވުރެ މާ ނުރައްކާތެރި ހާލަތަކަށް ކަންކަން ދިޔައީ ވެސް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ މިހާރު ކޭސްތައް ފެންނަމުންދާ ގޮތަށް ބަލާއިރު އަދިވެސް ގިނަ ބަޔަކަށް ބަލި ޖެހުމުގެ ފުރުސަތު އެބައޮތް ކަމަށާއި ގޭގައި ތިބޭ މީހުނަށް އެ ރިސްކް ކުޑަ ކަމަށެވެ.

އަފްޒަލް ވިދާޅުވީ އިއްޔެ އެކަނިވެސް 73 މީހުން ބައްޔަށް ޕޮޒިޓިވްވުމަކީ ނުރައްކާތެރި އިންޒާރެއް ކަމަށާއި ބަލީގެ މީހުން އަތޮޅުތަކުން ފެނުމާއި، އެފަދަ މީހުން ދަތުރުކުރި ބޯޓްތަކުގައި އެތައް ބަޔަކު ދަތުރު ކުރުމުން ރަށްތަކަށް ވެސް ބަލި ފެތުރުމުގެ ފުރުސަތަކީ އެބައޮތް ކަމަށެވެ.

"ލޮކްޑައުން ނެގޭނީ މިހާރު މިފެންނަ ކޭސް ލޯޑްތައް ކޮންމެވެސް ވަރަކަށް ކޮންޓްރޯލަކަށް އައިސްގެން. އެއް ގޮތަކަށް ބުނާނަމަ އަޅުގަނޑުމެން މި ހޯދަނީ ބެކް ލޮގްތަކެއް. މާނައަކީ އަދިވެސް ހެލިފެލިވެ އުޅޭ މާނައަކީ ބޮޑަށް އިންޓްރެކްޓްވާ ގުރޫޕެއްގެ ތެރޭގައި ކޭސްތައް ފެންނާތީ އިތުރަށް ސްޕްރެޑްވުމުގެ ފުރުސަތު އެބައޮތް،" އަފްޒަލް ވިދާޅުވި އެވެ. "ލޮކްޑައުން އެއް ލިފްޓް ކުރެވޭ ހިސާބަށް ދެވޭނީ މި ހުރިހާ ކޭސްތަކެއް އެނގި ކޮންމެވެސް ވަރަަކަށް ތިރިވާން ފެށީމަ"

އޭނާ ވިދާޅުވީ މިވަގުތު އަދި ލޮކްޑައުން ދޫކޮށްލެވެން ނޯންނާނެ ކަމަށެވެ.

ޑރ. އިބްރާހިމް އަފްޒަލް
ލޮކްޑައުން ނެގޭނީ މިހާރު މިފެންނަ ކޭސް ލޯޑްތައް ކޮންމެވެސް ވަރަކަށް ކޮންޓްރޯލަކަށް އައިސްގެން. އެއް ގޮތަކަށް ބުނާނަމަ އަޅުގަނޑުމެން މި ހޯދަނީ ބެކް ލޮގްތަކެއް. މާނައަކީ އަދިވެސް ހެލިފެލިވެ އުޅޭ މާނައަކީ ބޮޑަށް އިންޓްރެކްޓްވާ ގުރޫޕެއްގެ ތެރޭގައި ކޭސްތައް ފެންނާތީ އިތުރަށް ސްޕްރެޑްވުމުގެ ފުރުސަތު އެބައޮތް،
ޑރ. އިބްރާހިމް އަފްޒަލް | އެޗްޕީއޭ

މާލެ ފުރަތަމަ ލޮކްޑައުން ކުރީ މިމަހުގެ 15 ވަނަ ދުވަހު އެވެ. އަދި ލޮކްޑައުންގެ މުއްދަތު 48 ގަޑިއިރަށް ގެންދިއުމަށް ފަހު އެ މުއްދަތު ފަހުން ވަނީ 14 ދުވަހަށް އިތުރު ކޮށްފަ އެވެ. މާލެއިން ޕޮޒިޓިވް ކޭސްތައް ފެންނަ ނިސްބަތަށް ބަލާއިރު، ކުރިއަށް އޮތް ދުވަސްތަކުގައި ލޮކްޑައުން އުވާލެވޭނެ ފަދަ ހާލަތަކަށް ދާނެ ކަމަށް އަދި ގަބޫލު ނުކުރެއްވޭ ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީންވެސް ވަނީ ވިދާޅުވެފަ އެވެ.

އަމީން ވިދާޅުވި ގޮތުގައި، މިހާރު ޕޮޒިޓިވްވި ކޭސްތަކުގެ ކްލަސްޓާތަކަށް ސިފަ އަންނަމުންދެ އެވެ. އެ ބަލި މިހާރު ފެތުރިފައިވާ ސަރަހައްދުތައް ވެސް ކޮންމެވެސް މިންވަރަކަށް އެނގެމުން ދެއެވެ. ބަލި ފެތުރިފައިވާ ކްލަސްޓާތައް ދެނެގަނެވުމުން ބަލި ފެތުރުން ހުއްޓުވަން ފިޔަވަޅު އެޅުމުގައި ފަސޭހަ ވެގެންދާ އެވެ.

"މިވަގުތުގެ ހާލަތަށް ބަލާއިރު، ކުރިއަށްއޮތް ހަތަރު ވަރަކަށް ދުވަހުގެ ތެރޭގައި އާއްމު ހާލަތަކަށް ނޫނީ ލޮކްޑައުން އުވާލަންޖެހޭ ހާލަތަކަށް އަންނާނެ ކަމަކަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ،" އަމީން ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އެކަމާ ގުޅިގެން ގޮތެއް ނިންމާނީ ލޮކްޑައުން އާ ގުޅިގެން ބަލި ފެތުރުން ކޮންޓްރޯލް ކުރެވުނު މިންވަރަށާއި އެ ފިޔަވަޅުގެ ކާމިޔާބީގެ މައްޗަށް ބެލުމަށް ފަހުގައި ކަމަށެވެ.

އިއްޔެއަކީ ކޮވިޑް-19 އަށް ރާއްޖެއިން އެންމެ ގިނަ މީހުން ޕޮޒިޓިވްވީ ދުވަހެވެ. އިއްޔެ އެކަނި ވެސް 73 މީހުން ޕޮޒިޓިވްވި އެވެ. ރޯދަ މަސް ފެށުނީއްސުރެ ކޮންމެ ދުވަހަކު ގިނަ އަދަދެއްގެ ބަޔަކު ދަނީ ބައްޔަށް ޕޮޒިޓިވްވަމުންނެވެ.

މާލެއިން ބޭރުން މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުން ފެނިފައިވަނީ އުތުރުގެ ހއ. އުލިގަމާއި ށ. ނަރުދޫންނެވެ. އެ ދެ ރަށުން ޕޮޒިޓިވްވެފައިވަނީ މާލެ ލޮކްޑައުންކުރި ދުވަހު މާލެއިން ކަނޑު ބޯޓެއްގައި ފުރައިގެން ދިޔަ ދެ މީހުންނެވެ. އެ ދެ ބޯޓްގެ އިތުރުން އިތުރު ބޯޓަކާއި މަސްދޯންޏެއް ވެސް މިހާރު ވަނީ ކަރަންޓީން ކޮށްފައެވެ.

އެއީ އަމާޒު ބޯޓާއި، ކާވިޔާ ބޯޓާއި، ނޫފަރު އެކްސްޕްރެސްގެ އިތުރުން ދުރުރާސްތާ-8 މަސް ދޯންޏެވެ.

4 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ސިން

ދެންވެސް ރައްޔިތުން ސަލާމަތް ކުރަން މަަސައްކަތް ކުރުން މުހިންމު.. ރައްޔިތުން އެދޭ ގޮތެއްވެސް ބަލައިގެން... ވޯޓްދީގެން މެމްބަރުންވެސް ރައީސް ވެސް މަގާމުގަ ހުންނެވީ، ދެވަނަ ފަހަރަކުންވެސް ވޯޓުހޯދަން އެދެންޖެހޭނީ ރައްޔިތުން ކައިރިންކަން ހަދާންބަހައްޓަންޖެހޭ....

ހިޔާލު

ގައުމުގެ ބޮޑެތި މަގާމުތަކުގަ ތިބޭ މީހުން އަމިއްލަ ފައިދާ އާއި އަމިއްލަ ގާތްތިމާގެ މީހުން ޓެސްޓް ކޮށް ޓެސްޓް ކުރަން ގެންގުޅޭ ކިޓްތައް ހުސްކޮށްފި، އިތުރަށް ބަލި ޖެހިދާނެތީ އެ މީހުން ސަލާމަތް ކުރަން މިހާރު ދޮގު ހަދައިގެން ހަބަރުތައް އެ ފަތުރަނީ. ކުރިންވެސް ސަރުކާރުގެ ބޮޑުން ބޭނުން ބަޔަކު ރާއްޖެއިން ބޭރުން ގެނެސް ވަގުތުން ގެއަށް ފޮނުވައިގެން ޕާޓީ ބޭއްވީ، މިހާރު މި ފެންނަނީ އެ ޕާޓީގެ ތެރެއިން މާލެތެރެއަށް ފަތުރައިގެން އުޅޭ ކަންތައް. އާންމުންގެ އެތައް ބަޔަކު މި ޖެހެނީ އެހެން ބަޔެއްގެ އިހްމާލުން ހިގައިގެން އުޅޭ ކަމަކަށް ފަރުދީ ޒިންމާއޭ ކިޔައިގެން އެ މީހަކު ހުރި ތަނެއްގައި އާއިލާ މީހުންނާ ދުރުގަ ހުންނަން..... މި ކަހަލަ ސަރުކާރެއް ބޭނުމެއް ނޫން........!!!!

ދދ

މި ޑޮކްޓަރުން މިރާއްޖޭގައި އޭޑުސް ބަލި ފުރަތަމަ ފެނިގެންވެސް ދިނީ މިކަހަަ ގޯސް ބިރުވެރި މައުލޫމާތުތަކެއް ރައްޔިތުންނަށް ފުތަތަމަ ބުނަމުން ދިޔައީ އޭޑުސް ބަލި އެއީ ވަރަށް ފަސޭހައިން ގައިން ގަޔަށް އަރާ ބައްޔެކޯ، އެކަމަކު ފަހުން ބުނަން ފެށީ އޭޑުސް ބައްޔަކީ އެގޮތަށް ފަސޭހައިން ފެތުރޭ އެއްޗެއް ނޫނޭވެސް ، ރައްޔިތުން ގުންބޯ ހައްދާބަޔެއް!

ލލ

ސިޔާސީ ޑޮކްޓަރުން ކުޅޭ ޑުރާމާއެއް މިމީހުން ބޭނުންވާ އަދަދެއް ބޭނުންވާ ދުވަހަކު ނެރެލާފަ ރައްޔިތުން ގުންބޯ ހައްދަނީ މިމީހުންގެ މޮޅުކަން ދައްކަން ! ބަލި ޖައްސަވަނީ އަދި ފިއްލަވަނީވެސް ﷲ މިމީހުން މިހާ މޮޅުނަމަ މިބަލިޔެއް ނުވެސް ފެތުރުނީސްތާ ؟

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345