ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކުރެއްދޫގެ 575 ސާމްޕަލް ނެގެޓިވް، ނަތީޖާ ނުލިބޭ 74

ކުރެއްދޫގައި ތިބި ހުރިހާ މީހުންގެ ސާމްޕަލްތައް ނަގާ ނިމިފައިވާ ކަމަށާ އޭގެ ތެރެއިން ނަތީޖާ ލިބުނު 575 ސާމްޕަލްގެ ނެގެޓިވް ކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން ބުނެފި އެވެ.

ރާއްޖޭގައި ކޮވިޑް-19 އެންމެ ފުރަތަމަ ޖެހުނީ، ކުރެއްދޫ ރިސޯޓުގައި މަސައްކަތް ކުރަމުން އައި ދެ ބިދޭސީ މުވައްޒަފަކަށެވެ. އެ ދެ މީހުނަށް އެ ވައިރަސް ޖެހިފައި ވަނީ އެ ރިސޯޓުގައި ޗުއްޓީ ހޭދަކުރި އިޓަލީގެ ޓޫރިސްޓެއްގެ ފަރާތުން ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. އެ ފަތުރުވެރިޔާ ވައިރަހަށް ޕޮޒިޓިވްވެފައި ވަނީ އެނބުރި ގައުމަށް ދިޔަ ފަހުން ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ކުރެއްދޫގައި މަސައްކަތްކުރާ މުވައްޒިފުން އެ ރިސޯޓުން ނުފޭތި ތިބޭތާ 55 ދުވަސްވަނީ ވެފައެވެ. އެޗްޕީއޭއިން ބުނީ ކުރެއްދޫ ކޭސްއަކީ ތަފާތު ކޭސްއެއް ކަމަށާ އެ ރިސޯޓުން މީހުންނަށް ފޭބޭނީ ހުރިހާ މުވައްޒިފުން ޓެސްޓް ކުރުމަށް ފަހު ކަަމަށެވެ.

ކުރެއްދޫގައި ތިބީ 649 މީހުންނެވެ. އެ ހުރިހާ އެންމެންގެ ސާމްޕަލްތައް ވަނީ ނަގާފައެވެ. އަދި އައިޖީއެމްގެ ލެބްގެ އިތުުރުން ޕޮލިސް ލެބްގައި އެ ސާމްޕަލްތައް ދަނީ ޓެސްޓް ކުރަމުންނެވެ.

މިހާތަނަށް އައިޖީއެމްގެ ލެބްގައި 354 ސާމްޕަލެއް ޓެސްޓްކޮށްފައިވާއިރު ޕޮލިސް ލެބްގައި 221 ސާމްޕަލް ވަނީ ޓެސްޓްކޮށްފައެވެ. ނަތީޖާ ނުލިބެނީ 74 ސާމްޕަލެއްގެއެވެ.

މަބުރޫކް ވިދާޅުވީ އެ ނަތީޖާތައް ލިބުމާއެކު ކުރެއްދޫ ހުޅުވާލާ މުވައްޒިފުންނަށް އެމީހުންގެ ރަށްތަކަށް ދިއުމުގެ މަގު ފަހިކޮށްދޭނެ ކަމަށެވެ.