ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ހަތް މީހުން ޕޮޒިޓިވްވެ އަދަދު 475 އަށް

މިއަދު ޕޮޒިޓިވްވީ ހަތް މީހުނާއެކު ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު 475 އަށް އަރައިފި އެވެ.

އެޗްޕީއޭއިން ބުނީ މިއަދުގެ މިހާތަނަށް ކޮވިޑަށް ހަތް މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ތަކަންދޫއިން ޕޮޒިޓިވްވީ ތިން މީހުންނާއި އަދި ފަހުން ޕޮޒިޓިވްވީ ހަތަރު މީހެކެވެ. ތަކަންދޫއިން ޕޮޒިޓިވްވީ ދެ އަންހެނުންނާއި ކުޑަ ކުއްޖެކެވެ. އޭގެ ތެރޭގައި ދެމައިން ހިމެނެެވެ.

ފަހުން ޕޮޒިޓިވްވީ ހަތަރު މީހުންގެ ތެރޭގައި ދެ ދިވެހިން ވެސް ހިމެނެ އެވެ. ދެން ހިމެނެނީ ދެ ބިދޭސީންނެވެ. އެއީ ބަންގްލަދޭޝްއަށް ނިސްބަތްވާ ދެ މީހުންނެވެ.

މިދިއަ ބުރާސްފަތި ދުވަހަކީ ރާއްޖެއިން އެންމެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވީ ދުވަހެވެ. އިއްޔެ އެކަނިވެސް 119 މީހުން ވަނީ ބައްޔަށް ޕޮޒިޓިވްވެފަ އެވެ. ރޭ ދަންވަރު ވެސް 72 މީހަކު ޕޮޒިޓިވްވި އެވެ.

ފަހުން ޕޮޒިޓިވްވި 72 މީހުންނަކީ ވެސް ބަންގްލަދޭޝްގެ މީހުން ކަމަށް އެޗްޕީއޭ ބުންޏެވެ.

ބުރާސްފަތި ދުވަހު ޕޮޒިޓިވްވީ މީހުންގެ ތެރެއިން 95 މީހުންނަކީވެސް ބިދޭސީންނެވެ. އަދި އެ އެންމެންނަކީވެސް އެއް ތަނެއްގައި އުޅެމުންދިޔަ ބައެއް ކަމަށް އެންއީއޯސީއިން ވަނީ ބުނެފައެވެ. އެ 95 މީހުންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްއަަށް ނިސްބަތްވާ 61 މީހަކާއި އިންޑިއާގެ 32 މީހެއްގެ އިތުރުން ނޭޕާލްގެ ދެ މީހެކެވެ.

ކޮވިޑް-19 އާ ގުޅިގެން ގިނަ ބިދޭސީން ދިރިއުޅޭ ތަންތަނުގައި ބަލި ފެތުރިގެން ހިނގައިދާނެ ކަމަށްޓަކައި އެތަންތަން މޮނިޓާކޮށް ބެލެހެއްޓުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

މަބުރޫކް ވިދާޅުވީ މިވަގުތު އެފަދަ 23 ތަނެއް ފުލުހުން މޮނިޓާ ކުރަމުން ގެންދާ ކަމަށާ އެ ތަންތަނުގައި 1085 މީހުން އުޅެމުން ގެންދާ ކަމަށެވެ. އަދި އެ ތަންތަނުގައި އުޅޭ ހުރިހާ މީހުންގެ ސާމްޕަލްތައް ނަގާ ޓެސްޓް ކުރުމަށް ހާއްސަ މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށެވެ.

އެ ތަންތަނުގައި އުޅޭ މީހުންގެ ހާލަތު އަދި އެމީހުންނަށް ބޭނުންވާ ތަކެތި ރެޑްކްރެސެންޓުން ބަލަހައްޓަމުން ގެންދާ ކަމަށެވެ.