ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ރާއްޖެއަށް ކޮވިޑް އައީ ގަލްފް ފުޑް އެކްސްޕޯއިން ކަމަށް ވެދާނެ

Apr 29, 2020
5

ރާއްޖެއަށް ކޮވިޑް-19 ފެތުރެން ފެށީ ދުބާއީގައި ބޭއްވުނު ގަލްފް ފުޑް އެކްސްޕޯއިން އެނބުރި އައި ފަރާތްތަކުގެ ފަރާތުން ކަމަށްވުމުގެ ފުރުސަތު ބޮޑު ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

މިދިޔަ ފެބްރުއަރީ މަހު ދުބާއީގައި ބޭއްވި ގަލްފް ފުޑް އެކްސްޕޯގައި ބައިވެރިވި ފަރާތްތަކުގެ ތެރެއިން މިވަގުތު ރާއްޖޭގައި ތިބި މީހުން ހެލްތު އެޗްޕީއޭއަށް ރިޕޯޓު ކުރަން ވަނީ އެދިފަ އެވެ. އެގޮތުން، ފެބްރުއަރީ މަހުގެ 16 އިން 20 އަށް އެ އެކްސްޕޯގައި ބައިވެރިވި މީހުން ރިޕޯޓު ކުރަން އެދިފައިވެ އެވެ.

އެންއީއޯސީގެ ފަރާތުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން، ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ ރާއްޖޭގައި އެ ބަލި ޖެހިފައިވާ މީހުންގެ އެންމެ ގިނަ އަދަދެއް ހިމެނޭ ބާޒާރުމަތީ ކްލަސްޓާ އާއި ދުބާއީން އެނބުރި އައި މީހުންނާ ގުޅުން އޮތުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

އެގޮތުން، ރާއްޖޭގެ އިންޑެކްސް ކޭހަކީ އެ ކްލަސްޓާގައި ހިމެނޭ މީހަކަށްވުމަކީ ވެސް ވަރަށް އެކަށީގެންވާ ކަމެއް ކަމުގައި ވެސް އަފްޒަލް ވިދާޅުވި އެވެ.

"ދުބާއީ އެކްސްޕޯގައި ގިނަ ވިޔަފާރިވެރިންތަކެއް ބައިވެރިވެފައިވާއިރު، އެ މީހުންގެ ފުށުން އެހެން މުވައްޒަފުންނަށް ބަލި ކެސްކޭޑް ވެގެން އައުމުގެ ފުރުސަތު ބޮޑު. އަދި އެ ހިސާބުން ބަލި މަސައްކަތު މީހުނާ ހަމައަށް ދިއުމުގެ ފުރުސަތު އޮންނާނެ. އަދި އެމީހުންގެ އެކޮމޮޑޭޝަން ކަންތައްތައް ހުންނަ ގޮތުން، ބަލި ވަރަށް ބޮޑަށް ފެތުރިގެންދާ ގޮތަށް މި އޮންނަނީ،" އޭނާ ތަފްސީލުކޮށް ދެއްވި އެވެ.

ނަމަވެސް، އިންޑެކްސް ކޭހާއި ދުބާއީ އެކްސްޕޯ އާއި ޔަގީންކަމާއެކު ގުޅުވެން ނޯންނާނެ ކަމަށް ވެސް އަފްޒަލް ވިދާޅުވި އެވެ.

ރާއްޖޭގައި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން، ދެ ކޭހެއް އެ އެކްސްޕޯއާ ގުޅުން އޮތް ކަމަށް ފާހަގަވެފައިވާ ކަމަށް އެޗްޕީއޭއިން މީގެ ކުރިން ވެސް ވަނީ ބުނެފަ އެވެ.

"އެކްސްޕޯއަށް ދިޔަ މީހުންގެ ތެރެއިން އެނބުރި ރާއްޖެއަށް އައި މީހުންގެ މައުލޫމާތު އެއްކުރަން ބޭނުންވޭ. އެއީ ކޮންމެހެން މިހާރު ހިންގަމުންދާ ކޭސްތަކާ ގުޅުމެއް ނެތަސް، މި ކޭސްތަކަކީ އޭގައި އެހެން ކޭސްތަކާ ކޮންމެވެސް ވަރަކަށް ތަފާތު ހުރި ކޭސްތަކެއްކަން ފާހަގަ ކުރެވިގެން އެކަން އިތުރަށް ބަލަން" އަފްޒަލް ރޭ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އޭރު އެނބުރި އައި މީހުންގެ ކިބައިގައި މިހާރު އެބަލީގެ ނެތް ނަމަވެސް، އެތަނަށް ދިއަ މީހުނަށް އެ ބަލި ޖެހިފައިވުމުގެ ފުރުސަތު އޮތްކަމަށް ބެލެވޭތީ ކަމަށެވެ.

އަދި އެތަނަށް ދިއަ މީހުންގެ ކިބާގައި އެ ބަލީގެ ތަފާތުތަކެއް ފާހަގަވެފައިވާތީ އެކަން އިތުރަށް ބަލައިލަން ބޭނުންވާތީކަމަށް އަފްޒަލް ވިދާޅުވި އެވެ.

ނަމަވެސް، އެގޮތަށް ރިޕޯޓުކުރާ ފަރާތްތައް އެކަހެރިކުރަން ނުޖެހެނޭކަމަށްވެސް ޑރ. އަފްޒަލް ވިދާޅުވެފައިވެ އެވެ.