މީޑިއާއަށް ހާއްސަ ލޯނެއް އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަނުން ތައާރަފު ކޮށްފި އެވެ.
އެސްޑީއެފްސީން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ކޮވިޑް-19 އިގެ ބަލިމަޑު ކަމުގެ ސަބަބުން ވިޔަފާރިތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށް ދޭން ކުރަމުންދާ މަސައްކަތުގެ ތެރެއިން މިހާރު ހިންގަމުން ގެންދާ ނޫސްތަކާއި ޓީވީ ޗެނަލްތަކާއި ރޭޑިއޯތަކަށް އަމާޒު ކޮށްގެން ހާއްސަ ލޯނެއް ތައާރަފު ކޮށްފައިވާ ކަމަށެވެ.
"ކޮވިޑް-19 ވިޔަފާރި އެހީ - މީޑިއާ ޕެކޭޖް" ނަމުގައި ތައާރަފުކޮށްފައިވާ މި ލޯނަކީ މީޑިއާ އިދާރާތަކުން ދުވަހުން ދުވަހަށް ކުރަންޖެހޭ ހަރަދުތައް ހަމަޖައްސައިދިނުމާއި އެ ވިޔަފާރިތައް ދެމެހެއްޓުމަށް އަމާޒު ކޮށްގެން ތައާރަފު ކޮށްފައިވާ ލޯނެއް ކަމަށެވެ.
މި ލޯން ދޫކުރަނީ ހަތަރު ޕަސެންޓް އިންޓްރެސްޓް ރޭޓްގައި ހަ އަހަރު ދުވަހުން ދައްކަން ޖެހޭ ގޮތަަށެވެ. އަދި ލޯނުގެ ޝަރުތު ތަކުގެ ތެރޭގައި މިހާރު ކުރިމަތިވެފައިވާ ހާލަތުގައި ދިވެހި އެއްވެސް މުވައްޒިފަކު ވަޒީފާއިން ވަކިކޮށްފައި ނުވުން ހިމެނޭ ކަމަށް ބުނެފައި ވެއެވެ. އަދި މި ލޯނަށް މިއަދުން ފެށިގެން ކުރިމަތިލުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލާފަ އެވެ.
ކޮވިޑްގެ ބަލިމަޑުކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް ބޮޑު ހީނަރުކަމެއް އައިސް ވިޔަފާރިތައް ވަނީ ހުއްޓިފަ އެވެ. އަދި މީޑިއާއަށް ވެސް ވަނީ މާލީ ބޮޑެތި މައްސަލަތަކެއް ދިމާވެފަ އެވެ.