ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދަރުމަވަންތަ ހޮސްޕިޓަލް

ދަރުމަވަންތާގައި ފަރުވާ ދެމުންދާ ދިވެއްސަކު ވެންޓިލޭޓަރަށް ލައިފި

ކޮވިޑް-19 ޖެހިގެން ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ މީހުންގެ ތެރެއިން އުމުރުން ދުވަސްވީ މީހަކަށް ވެންޓިލޭޓަރުގައި ބާއްވައިގެން ފަރުވާދޭން ފަށައިިފި އެވެ.

އެންއީއޯސީގެ މިރޭގެ ނޫސްވެރިންގެ ބައްދަލްވުމުގައި ޑރ. މުހައްމަދު އަލީ ވިދާޅުވީ ވެންޓިލޭޓަރުގައި ބާއްވައިގެން ފަރުވާ ދެމުންދަނީ އުމުުރުން 88 އަހަރުގެ މީހެއް ކަމަށެވެ. އެނގިފައިވާ ގޮތުގައި އެއީ ކޮވިޑްގައި މަރުވި ދިވެހި މީހާގެ ފިރިމީހާއެވެ.

މުހައްމަދު އަލީ ވިދާޅުވީ ދަރުމަވަންތާގައި ގާއިމްކޮށްފައިވާ އައިސީޔޫގައި ފަރުވާ ދެމުންދާ މީހުންގެ ތެރެއިން 88 އަހަރުގެ ދިވެހި ފިރިހެން މީހާއަށް މިއަދު ވެންޓިލޭޓަރުގައި ފަރުވާ ދޭން ފެށީ ހާލަތު ގޯސްވަމުންދާތީ ކަމަށެވެ. އެގޮތުން އޮކްސިޖަން ލެވެލް އަދި ލޭގެ ޕްރެޝަރު ދަށްވުމުގެ މައްސަލަތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.

"..އެހެން ނަމަވެސް ވެންޓިލޭޓަރަށް ލީ ފަހުން ހާލަތު އިތުރަށް ގޯސްނުވާކަން ފާހަގަކުރެވޭ."

ދަރުމަވަންތަ ހޮސްޕިޓަލްގައި ކޮވިޑް-19 އަށް ފަސް މީހަކު ދަނީ ފަރުވާ ހޯދަމުންނެވެ. އޭގެ ތެރޭގައި ހިމެނެނީ 80 އަހަރުގެ ދިވެހި ފިރިހެނަކާއި، 68 އަހަރުގެ ދިވެހި ފިރިހެނެއްގެ އިތުުރުން 70 އަހަރުގެ ދިވެހި އަންހެނަކާއި، ވެންޓިލޭޓަރުގައި ފަރުވާ ދެމުންދާ 88 އަހަރުގެ ދިވެހި މީހާގެ އިތުރުން ޕާކިސްތާނު މީހެކެވެ.

އެ މީހުންގެ ތެރެއިން 80 އަހަރުގެ މީހާއަށް ދަނީ އޮކްސިޖަން ދެމުންނެވެ. ދެން ތިބި މީހުންގެ ހާލަތު "ސްޓޭބަލް" ކަމަށް ޑރ. މުހައްމަދު އަލީ ވިދާޅުވިއެވެ.