ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހުޅުމާލޭ މެޑިކަލް ފެސިލިޓީ

މެޑިކަލް ފެސިލިޓީ ހުހަށް، ދަރުމަވަންތާގައި ދެ މީހެއް

ކޮވިޑަށް ޕޮޒިޓިވް މީހުންގެ ތެރެއިން އެޑްމިޓްކޮށްގެން ފަރުވާ ދޭން ޖެހޭ މީހުންނަށް ހާއްސަ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އެޑްމިޓްކޮށްގެން ފަރުވާ ދޭ އެއްވެސް މީހަކު މިހާރު ނެތް ކަމަށް ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

މެޑިކަލް ފެސިލިޓީގައި މިރޭގެ ނިޔަލަށް އެކި ދުވަސްތަކުގައި އެތައް ސަތޭކަ ބަޔަކު އެޑްމިޓްކޮށްގެން ފަރުވާ ދީފައިވެއެވެ. އެ ތަނަކީ ކޮވިޑްގެ ބަލި މީހުންނަށް ފަރުވާ ދިނުމަށް ހާއްސަކޮށްގެން ހެދި ތަނެކެވެ.

އެޗްއީއޯސީގެ އިސް އޮފިޝަލަކު ވިދާޅުވީ އެތަނުގައި ފަރުވާ ދެމުންދިޔަ މީހުންގެ ތެރެއިން އެންމެ ފަހު މީހާ މިރޭ 8:00 ގައި ދޫކޮށްލާފައިވާ ކަމަށެވެ. އެހެން ކަމުން 274 ބެޑްގެ އެތަން މިހާރު ހުރީ ހުހަށެވެ. މިއީ އެތަން މިގޮތަށް ހުސްކޮށް ހުރި ފުރަތަމަ ފަހަރެވެ.

މެއި މަހުގެ ތެރޭގައި ރާއްޖެ ތަޖުރިބާކުރި ކޮވިޑްގެ ހަތަރުވަނަ ރާޅުގައި މެޑިކަލް ފެސިލިޓީ ފުރުނެވެ. އަދި ދަރުމަވަންތަ ހޮސްޕިޓަލްގައި ކޮވިޑަށް ހާއްސަކުރި ޔުނިޓްތައް ފުރި އައިޖީއެމްއެޗްގެ ބައެއް ޔުނިޓްތަކާއި ހުޅުމާލެ ހޮސްޕިޓަލްވެސް ކޮވިޑަށް ހާއްސަ ކުރަަން ޖެހުނެވެ. މިވަގުތު ހުޅުމާލޭގައި ކޮވިޑަށް ހާއްސަ ހޮސްޕިޓަލެއްވެސް ދަނީ ހަދަމުންނެވެ.

ކޮވިޑް ބަލީގެ ދެ މީހަކަށް ދަރުމަވަންތަ ހޮސްޕިޓަލްގައި ދަނީ އެޑްމިޓްކޮށްގެން ފަރުވާ ދެމުންދެއެވެ. އެ ދެ މީހުން ތިބީ 17 ވަނަ ފްލޯގައެވެ. އެ މީހުންގެ ހާލު ރަނގަޅު ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

މިވަގުތު ކޮވިޑަށް ޕޮޒިޓިވް މީހުންގެ ތެރެއިން އެޑްމިޓްކޮށްގެން ފަރުވާ ދެމުން ދަނީ 14 މީހަކަށެވެ.

ރާއްޖޭގައި ކޮވިޑްގެ ހާލަތު ދަނީ ރަނގަޅުވަމުންނެވެ. ހާއްސަކޮށް ކޮވިޑްގެ ހާލަތު އެންމެ ގޯސް މާލެ ސަރަހައްދުގައި ޕޮޒިޓިވް ނަންބަރު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. މިދިޔަ ވިއްސަކަށް ދުވަހުވެސް ކޮންމެ ދުވަހަކު ބަލި ޖެހޭ މީހުންގެ ނިސްބަތް 40 ވުރެ ރަށެވެ. ނަމަވެސް ބައެއް ރަށްރަށުގައި އަދިވެސް ކޮވިޑްގެ ހާލަތު ގޯހެވެ. މިވަގުތު ކޮވިޑްގެ ހާލަތު އެންމެ ގޯހީ ރ. ދުވާފަރުގައެވެ. އެ ރަށުން މިރޭ މީހަކުވެސް މަރުވެފައިވެއެވެ. އުމުރުން 52 އަހަރުގެ އެ އަންހެން މީހާ މަރުވީ ފަރުވާ ދިނުމުގައި ލަސްވެގެން ކަމަށް ބުނެ މިރޭ އެ ރަށުގައި އިހުތިޖާޖުވެސް ކޮށްފައިވެއެވެ.

މިވަގުތު އެޗްޕީއޭގެ "ކޮވިޑް ބަންދު" ގައި އޮތީ 12 ރަށެކެވެ.