ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

އަހަރު ދުވަސްތެރޭ 208 މީހަކަށް ދެވަނަ ފަހަރަށް ކޮވިޑް ޖެހުނު

އަހަރު ދުވަސްތެރޭ ދިވެހިންނާއި ބިދޭސީން ހިމެނޭ ގޮތުން ރާއްޖެއިން 208 މީހަކަށް ދެވަނަ ފަހަރަށް ކޮވިޑް ޖެހިފައިވާ ކަަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ތަފާސް ހިސާބުތަކުން ދައްކައިިފި އެވެ.

އެޗްއީއޯސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ޑރ. އިބްރާހިމް އަފްޒަލް ވަނީ 2020 ވަނަ އަހަރާއި 2021 ވަނަ އަހަރުގެ ތެރޭގައި ދެވަނަ ފަހަރަށް ކޮވިޑް ޖެހުނު މީހުންގެ ތަފާސް ހިސާބުތަކެއް ހިއްސާ ކުރައްވާފަ އެވެ. އެއީ 53 ހަފުތާގެ ތަފާސް ހިސާބުތަކެކެވެ.

ރާއްޖެއިން ފުރަތަމަ ކޮވިޑްގެ ބަލި މީހަކު ފެނިފައިވަނީ މާޗް މަހުގެ ފުރަތަމަ ހަފުތާގަ އެވެ. ނަމަވެސް މާލެއިން ފުރަތަމަ ކޮވިޑް ބަލި ފެނުނީ އޭގެ މަސް ދުވަސް ފަހުން އޭޕްރީލް 15 ގައެވެ.

އަފްޒަލް ވިދާޅުވީ ބަލި ޖެހިފައިވާ މީހަކަށް ދެވަނަ ފަހަރަށް ބަލި ޖެހެނީ ތިން މަސް ދުވަސް ފަހުން ކަމަށެވެ. ނަމަވެސް ބަލިޖެހި ރަނގަޅުވެފައި ބަލި ޖެހޭ މީހުނަށް އެ ބަލި ޖެހިފައި ހުރީ އެކި މުއްދަތުގައިކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އެންމެ ގިނަ މީހުންނަށް ބަލި ޖެހިފައިވަނީ ފުރަތަމަ ބަލި ޖެހި ރަނގަޅުވީތާ 34 ހަފުތާ ފަހުންނެވެ. އެ މުއްދަތުގައި 43 މީހަކަށް ދެވަނަ ފަހަރަށް ކޮވިޑް ޖެހިފައި ވެއެވެ.

އަދި 31 ހަފުތާ ފަހުން 22 މީހަކަށް ބަލި ޖެހިފައިވާއިރު 35 ވަނަ ހަފުތާގައި 15 މީހަކަށް އަދި 36 ވަނަ ހަފުތާގައި ވެސް 15 މީހަކަށް ބަލި ޖެހިފައި ވެއެވެ. 30 ވަނަ ހަފުތާގައި 13 މީހަކަށް ބަލި ޖެހިފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ. އެޗްޕީއޭއިން އާންމު ކުރި އަހަރު ދުވަހުގެ ތަފާސް ހިސާބަތަކަށް ބަލާއިރު ދެވަނަ ފަހަރަށް ކޮވިޑް ޖެހިފައިވަނީ 208 މީހަކަށެވެ.

މިދިޔަ އަހަރާ އަޅާ ބަލާއިރު މި އަހަރު ބަލި ޖެހޭ މީހުންގެ ނިސްބަތް އިތުރު ނަމަވެސް ދެވަނަ ފަހަރަށް ބަލި ޖެހޭ މީހުންގެ އަދަދު ވަރަށް މަދެވެ. އެހެން ވަނީ ވެކްސިން ޖެހި މީހުންގެ އަދަދު އިތުރުވެފައި ވުމުންނެވެ.

އަފްޒަލް ވިދާޅުވީ ކޮވިޑް ޖެހޭތާ ތިން މަސް ދުވަސް ފަހުން އަލުން ބަލި ޖެހުމަކީ އާދަޔާ ހިލާފު ކަމެއް ނޫން ކަމަށެވެ.