ކޮވިޑް-19 އަށް ފަރުވާ ހޯދަމުން އައި އުމުރުން 27 އަހަރުގެ މީހަކު މަރުވެއްޖެ އެވެ.
ކޮވިޑްގެ ބަލި މީހުން އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ މެޑިކަލް ފެސިލިޓީގައި އޮތް އެ މީހާ މަރުވީ މިއަދު އިރުއޮއްސި 6:00 ގައެވެ. އެއީ ދިވެހި ފިރިހެނެކެވެ.
ކޮވިޑް ޖެހި ހާލުބޮޑުވެ މަރުވާ މީހުންގެ ތެރޭގައި ހަގު އުމުރުގެ މީހުންގެ ނިސްބަތް ދަނީ އިތުރުވަމުންނެވެ. މީގެ ކުރިން 25 އަހަރުގެ ދިވެހި އަންހެނަކު އަދި 28 އަހަރުގެ ދިވެހި އަންހެނަކުވެސް މަރުވެފައިވެއެވެ. އުމުރުން 10 އަހަރުގެ ކުއްޖަކުވެސް ވަނީ ފަރުވާ ލިބުން ލަސްވެ މި ބަލީގައި މަރުވެފައެވެ.
ރާއްޖެއިން މިހާތަނަށް މަރުވެފައިވަނީ 198 މީހެކެވެ. އޭގެ ތެރެއިން 88 މީހަކު މަރުވީ މިދިޔަ މެއި މަހުގެ ތެރޭގައި ކޮވިޑްގެ ހަތަރުވަނަ ރާޅުގެ ނުރައްކާ އޮތްއިރުއެވެ.
މިހާތަނަށް 70،000 ވުރެ ގިނަ މީހުންނަށް ކޮވިޑް ޖެހި 60،000 ވުރެ ގިނަ މީހުން ވަނީ ބަލީން ފަސޭހަވެއެވެ. މިވަގުތު އެކްޓިވް ކޭސްތަކުގެ އަދަދަކީ 9،326 އެވެ.