ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19 އިގެ މަރުތައް

ސައުވީސް ގަޑިއިރު؛ ކޮވިޑްގައި ދެ މަރު

ކޮވިޑް-19 އަށް ފަރުވާ ހޯދަމުން އައި ދެ މީހަކު އެ ބަލީގައި މަރުވެއްޖެ އެވެ. މި ދެ މަރާއެކު ރާއްޖޭގެ ކޮވިޑް މަރުގެ ނަންބަރު ވަނީ 308 އަށް އަރާފައެވެ.

ކޮވިޑްގައި މިދިޔަ ސައުވީސްގަޑިއިރުގެ ތެރޭގައި ދެ މީހަކު ވަނީ މަރުވެފައެވެ. އެއީ ރޭ އެ ބަލީގައި މަރުވި އުމުރުން 80 އަހަރުގެ މީހަކާއި މިއަދު އެ ބަލީގައި މަރުވި 73 އަހަރުގެ މީހެކެވެ. އެއީ ދެ އަންހެނުންނެވެ.

އެކަކު މަރުވީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށެވެ. އަނެކަކު މަރުވީ ހެނދުނު 9:29 ގައި އައިޖީއެމްއެޗް ގައެވެ.

ކޮވިޑްގައި ރާއްޖެއިން މަރުވި 308 މީހުންގެ ތެރެއިން 289 މީހުންނަކީ ދިވެހީންނެވެ. ގިނައީ ދޮށީ އުމުރުގެ މީހުންނެވެ. ނަމަވެސް ވަރަށް ހަގު އުމުރުގެ ކުދީންވެސް ހިމެނެއެވެ. އަދި ޒުވާނުންވެސް ހިމެނެއެވެ. ބިދޭސީންގެ އަދަދަކީ 19 އެވެ. ކޮވިޑް ބަލީގެ ކުރީ ގިނައިން މަރުވީ ބިދޭސީންނެވެ.

ރާއްޖޭ ވަނީ ކޮވިޑްގެ ނުރައްކާތެރި ހަތަރު ރާޅެއްގެ ތަޖުރިބާ ކޮށްފައެވެ. އެ ދުވަސްތަކުގައި ބަލި ވަރަށް ބޮޑަށް ފެތުރި ކޮންމެ ދުވަހަކު އެތައް ބަޔެއްގެ ހަށިގަނޑުން ބަލި ފެނުނެވެ. އެތައް ބަޔަކު އެ ބަލީގައި މަރުވިއެވެ. ބައެއް ދުވަސް ދުވަހު 13 މީހުންވެސް މަރުވިއެވެ.

ކޮވިޑްގެ ހާލަތު ގޯސްވަމުންދާތީ ރައްކާތެރި ކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސް ކޮށްފައެވެ.