ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

އިތުރު 165 މީހަކު ކޮވިޑަށް ޕޮޒިޓިވް

ރާއްޖެއިން އިތުރު 165 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ. މިއަދު ޕޮޒިޓިވްވި މީހުނާއެކު ރާއްޖޭގެ ކޮވިޑް ނަންބަރު ވަނީ 89،529 އަށް އަރާފަ އެވެ.

މިއަދުގެ އިރު އޮއްސުމާ ހަމައަށް އެއްކޮށްފައިވާ ހިސާބުތަކާ ހަވަލާދީ އެޗްޕީއޭއިން މިރޭ ބުނި ގޮތުގައި ކޮވިޑް ބަލި ޖެހުނު މީހުންގެ ތެރެއިން 25 މީހުންނަކީ މާލޭ ސަރަހައްދުން ބަލި ޖެހުނު މީހުނެވެ. މިއަދު ޕޮޒިޓިވް މީހުންގެ ތެރެއިން 121 މީހުން ޕޮޒިޓިވްވީ އަތޮޅުތަކުގެ ތެރެއިންނެވެ. ރިސޯޓްތަކުން 19 މީހަކު ޕޮޒިޓިވްވެފައި ވެއެެވެ. ޓެސްޓްކޮށްފައިވަނީ 3،113 ސާމްޕަލް އެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 2،170 މީހުންނެވެ. މިހާތަނަށް 87،099 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 15 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.

މިއަދާ ހަމައަށް 247 މީހަކު ވަނީ ކޮވިޑް ބަލީގައި މަރުވެފަ އެވެ. އެ ބަލީގައި އެންމެ ފަހުން މީހަކު މަރުވީ އިއްޔެ އެވެ. އެއީ އައްޑޫ ސިޓީން މަރުވި ދުވަސްވީ މީހެކެވެ. ބުދަ ދުވަހު އުމުރުން ދެ މަހުގެ ކުޑަ ފިރިހެން ކުއްޖަކުވެސް ވަނީ ކޮވިޑްގައި މަރުވެފައެވެ.