ރާއްޖެއިން އިތުރު 138 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ. މިއަދު ޕޮޒިޓިވްވި މީހުނާއެކު ރާއްޖޭގެ ކޮވިޑް ނަންބަރު ވަނީ 73،798 އަށް އަރާފަ އެވެ.
މިއަދުގެ އިރު އޮއްސުމާ ހަމައަށް އެއް ކޮށްފައިވާ ހިސާބުތަކާ ހަވަލާ ދީ އެޗްޕީއޭއިން މިރޭ ބުނި ގޮތުގައި ކޮވިޑް ބަލި ޖެހުނު މީހުންގެ ތެރެއިން 13 މީހުންނަކީ މާލޭ ސަރަހައްދުން ބަލި ޖެހުނު މީހުނެވެ. މިއަދު ޕޮޒިޓިވް މީހުންގެ ތެރެއިން 105 މީހުން ޕޮޒިޓިވްވީ އަތޮޅުތަކުގެ ތެރެއިންނެވެ. ރިސޯޓަކުން ވެސް ހަތް މީހަކު ޕޮޒިޓިވްވެފައި ވެއެެވެ. މިއީ މާލެ ސަރަހައްދުން އެންމެ މަދުން މީހުން ޕޮޒިޓިވްވި ދުވަހެވެ.
މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 3،602 މީހުންނެވެ. މިހާތަނަށް 69،974 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 28 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ. ހާލުބޮޑުވެ ވެންޓިލޭޓަރުގައި ފަރުވާ ދެނީ އެންމެ މީހަކަށެވެ. އެހެން އެންމެންގެ ހާލު ރަނގަޅު ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
އަދާ ހަމައަށް 210 މީހަކު ވަނީ ކޮވިޑް ބަލީގައި މަރުވެފަ އެވެ.
މާލެ ސަރަހައްދުގެ ޕޮޒިޓިވް ނަންބަރު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާއިރު ކޮވިޑް-19 އިން ރައްކާތެރިވުމަށް މާލެ ސަރަހައްދުގައި އެޅި ފިޔަވަޅުތަކަށް މިރޭ 12 އިން ފެށިގެން ބޮޑެތި ލުއިތަކެއް ދިނުމަށް ނިންމާ އެކަން ވަނީ އިއުލާނުކޮށްފައެވެ. މާދަމާއިން ފެށިގެން ކާފިއު ވަގުތު ރޭގަނޑު 8:00 އިން ފަތިހު 4:00 ކުރުކުރަން ވަނީ ނިންމާފަ އެވެ. ކާފިއު ނޫން ގަޑިތަކުގައި ބޭރުގައި އުޅެން ފުލުހުން ދޫކޮށްފައިވާ ހާއްސަ ހުއްދަ އުވާލާ ހުއްދައާ ނުލައި އެ ގަޑިތަކުގައި ބޭރުގައި އުޅުމުގެ ހުއްދަ ދޭނެ އެވެ. އަދި ކާފިއު ނޫން ވަގުތު ހުރިހާ ވިޔަފާރިތަކެއް ހުޅުވައިގެން ހިދުމަތް ދިނުމުގެ ހުއްދަވެސް ދިނުމަށް ވަނީ ނިންމާފައެވެ. އެ ގޮތުން ކާފިއު ނޫން ވަގުތުތަކުގައި ޑައިނިންގެ ހިދުމަތް ދެވޭނެ އެވެ.
މިރޭ ފަތިސް ނަމާދުން ފެށިގެން ގައިދުރުކޮށް ޖަމާއަތުގައި ނަމާދު ކުރަންވެސް ފަށާނެ އެވެ.
ކޮވިޑް ޖެހިފައި ތިބި މީހުން ބަލިން ފަސޭހަވިތާ 60 ދުވަސް ނުވާނަމަ އެފަދަ މީހުންނަށް ކަރަންޓީނާ ނުލައި އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރެވޭ ގޮތަށް ވެސް ވަނީ ހަމަޖައްސައި ދެކުނު އޭޝިއާގެ ގައުމުތަކުގެ ޓޫރިސްޓުންނަށް އަލުން ޓޫރިސްޓް ވިސާ ދޭން ވެސް ވަނީ ނިންމާފަ އެވެ.
އިންޑިއާގައި ކޮވިޑް ހާލަތު ވަރަށް ބޮޑަށް ގޯސްވެފައި ވަނިކޮށް އިންޑިއާގެ ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރަމުން ދިޔަ ވަގުތެއްގައި ދެކުނު އޭޝިއާގެ ފަތުރުވެރިންނަށް ރާއްޖެއިން ވިސާ ދޫކުރުން މެދުކަނޑާލީ މިދިޔަ މެއި މަހުގެ 13 ވަނަ ދުވަހު އެވެ.