ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޮވިޑް ފަރުވާ ހޯދާ މީހެއް ހާލު ސީރިއަސް ވެއްޖެ

ކޮވިޑް ޖެހިގެން ޓްރީޓޮޕް ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ މީހުންގެ ތެރެއިން އެކެއްގެ ހާލު ސީރިއަސް ކަމަށް އެންއީއޯސީން ބުނެފި އެވެ.

މިރޭ އެ ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ބަލިމީހުންނަށް ފަރުވާ ދިނުމުގައި އިސްކޮށް ހަރަކާތްތެރިވާ ޑރ. މޫސާ މުރާދު ވިދާޅުވީ ކޮވިޑްގެ ބަލި މީހުންގެ ތެރެއިން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދޭން ޖެހޭ މީހުންނަށް ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގައި ތައްޔާރުކޮށްފައިވާ ކޮވިޑް ސެންޓަރާއި ޓްރީޓޮޕްގައި ފަރުވާ ދެމުންދާ ކަމަށެވެ.

ޓްރީޓޮޕް ހޮސްޕިޓަލްގައި މިވަގުތު 10 މީހަކަށް ފަރުވާ ދެމުންދާއިރު އޭގެ ތެރެއިން ދެ މީހަކަށް ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގައެވެ. އަދި ވެންޓިލޭޓަރަށް ނުލައި އޮތް މީހެއްގެ ހާލު ސީރިއަސްވެގެން އޭނާގެ ހާލަތު ވަރަށް ގާތުން މޮނިޓަރު ކުރެވެމުންދާ ކަމަށް ޑރ، މޫސާ މުރާދު ވިދާޅުވިއެވެ.

ނަމަވެސް އެމީހާއާ ގުޅޭ އިތުރު މައުލޫމާތެއް ހިއްސާއެއް ނުކުރެއެވެ.

މިވަގުތު ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާ ދެމުންދަނީ ތިން މީހަކަށެވެ. އޭގެ ތެރެއިން ދެ މީހަކަށް ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގައެވެ. އެހެން ކަމުން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން ވެންޓިލޭޓަރުގައި ހަތަރު މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.

މޫސާ މުރާދު ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ އަންހެން މީހާގެ ހާލަތު ރަނގަޅު ކަމަށާ އޭނާ ވަރަށް އަވަހަށް ހޮސްޕިޓަލުން ދޫކޮށްލެވޭނެ ކަމަށް ބެލެވޭ ކަމަށެވެ.

ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ އަދަދު ވަނީ 955 އަށް އަރާފައެވެ. މި ވަގުތު ފަރުވާ ދެމުން ގެންދަނީ 910 މީހަކަށެވެ. 40 މީހުންވަނީ ބަލިން ރަނގަޅުވެފައެވެ. އަދި ދެ މީހަކު ވަނީ ރާއްޖެއިން ފުރައިގެންގޮސްފައެވެ.

ކޮވިޑް ޖެހިގެން ރާއްޖޭގައި މިހާތަނަށް ތިން މީހަކު ވަނީ މަރުވެފަ އެވެ. އެއީ ދެ ދިވެހިންނާއި ބިދޭސީއެކެވެ. ރާއްޖެއިން ކޮވިޑް ޖެހިގެން ފުރަތަމަ މަރުވީ 83 އަހަރުގެ ދިވެހި އަންހެނެކެވެ. އޭގެ ފަހުން މަރުވެފަ ވަނީ ސިފައިންގޭގެ ގުދަނެއްގައި މަސައްކަތް ކުރަމުން އައި ބަންގްލަދޭޝް މީހެކެވެ. މަރުވި ތިން ވަނަ މީހާއަކީ ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާ ދެމުންދިޔަ 80 އަހަރުގެ ދިވެހި ފިރިހެނެކެވެ.