ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ހާލުބޮޑު ތިން މީހަކު ދަރުމަވަންތައަށް

ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން ހާލު ސީރިއަސް ތިން މީހަކު ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކޮށް ފަރުވާދޭން ފަށައިފި އެވެ.

އެޗްޕީއޭއިން ދެންމެ ބުނީ ޓްރީޓޮޕް ހޮސްޕިޓަލްގައި ފަރުވާ ދެމުންދިޔަ އެ ތިން މީހުން މިހާރު ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގައި ގާއިމްކޮށްފައިވާ ކޮވިޑަށް ފަރުވާދޭ ސެންޓަރަށް ބަދަލުކޮށްފައިވާ ކަމަށެވެ. އެމީހުންގެ ހާލަތު ކްރިޓިކަލް ކަމަށްވެސް ވަނީ ބުނެފައެވެ. އޭގެ ތެރެއިން ދެ މީހުންނަށް ފަރުވާ ދެނީ ވެންޓިލޭޓަރުގައެވެ.

ކޮވިޑް ބަލި ޖެހޭ މީހުންގެ ތެރެއިން ހާލު ސީރިއަސްވާ މީހުންނަށް ފަރުވާ ދިނުމަށް އެންމެ ފުރަތަމަ ގާއިމްކުރި ސެންޓަރަކީ ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގައި ގާއިމްކޮށްފައިވާ ސެންޓަރެވެ. ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން ގިނަ މީހުންނަށް ފަރުވާދީފައިވަނީ އެ ސެންޓަރުގައެވެ. ނަމަވެސް ފަހުން ގިނަ މީހުންނަށް ފަރުވާ ދީފައިވަނީ ހުޅުމާލޭގައި ހުންނަ ޓްރީޓޮޕް ހޮސްޕިޓަލްގައެވެ.

ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު 2،323 އަށް އަރާފައެވެ. އޭގެ ތެރެއިން ބަލިން ރަނގަޅުނުވެ ތިބީ 399 މީހުންނެވެ. 12 މީހަކަށް ފަރުވާ ދެނީ ހޮސްޕިޓަލްގައެވެ. ބަލި ޖެހުނު މީހުންގެ ތެރެއިން 82.26 ޕަސެންޓް މީހުން ވަނީ ރަނގަޅުވެފައެވެ. އެއީ 1،911 މީހުންނެވެ.

ރާއްޖެއިން ކޮވިޑް ބަލީގައި 8 މީހަކު ވަނީ މަރުވެފައެވެ. އެއީ ހަތަރު ދިވެހިންނާއި ހަތަރު ބިދޭސީންނެވެ. މަރުވި ދިވެހިންގެ ތެރޭގައި ހިމެނެނީ ދުވަސްވީ މީހުންނެވެ. ނަމަވެސް ބިދޭސީންނަކީ ޒުވާން އުމުރުގެ މީހުންނެވެ.

ކޮވިޑްގެ ބަލި މީހުން ފެންނަ މިންވަރު މަދުވެފައިވާއިރު ލޮކްޑައުންއަށް ބޮޑެތި ލުއިތަކެއްވެސް ވަނީ ދީފައެވެ. ބުދަ ދުވަހުން ފެށިގެން ވަރަށް ގިނަ ލުއިތަކެއް ދިނުމަށް ވަނީ ނިންމާފައެވެ. އަދި ޖުލައި މަހުގެ 15 ވަނަ ދުވަހު ރާއްޖެ ހުޅުވާލަންވެސް ދަނީ ތައްޔާރުވަމުންނެވެ.