ކޮންމެ އަހަރަކު ވެސް ރޯދަ މަހާއި ދިމާކޮށް އަރަބި އިސްލާމީ ގައުމުތަކުން ރާއްޖެއަށް ކަދުރު ހަދިޔާ ކުރެ އެވެ. ޒަމާނުއްސުރެ އެއީ ހިނގާ ކަމެކެވެ. އެގޮތުން ރާއްޖެއަށް އެންމެ ގިނައިން ކަދުރު ފޮނުވަނީ އެކުވެރި ސައުދީ އަރަބިއްޔާގެ ސަރުކާރުންނެވެ. އަދި ވަރަށް ގިނަ ފަހަރަށް ޔޫއޭއީ އާއި އިސްލާމީ ގައުމުތަކުގައި ހިންގާ ޖަމިއްޔާ އަދި ޖަމާއަތްތަކުން ވެސް ރާއްޖެއަށް ހަދިޔާގެ ގޮތުގައި ރޯދައަށް ކަދުރު ފޮނުވައި ދެއެވެ. ދިވެހި ރައްޔިތުންނަށް ހަދިޔާ ކުރާ މި ކަދުރު ކޮންމެ ފަހަރަކު ވެސް ރޯދަ މަސް ފެށުމުގެ ކުރިން ރާއްޖެ ގެނެ އެވެ. އަދި ބައެއް އަހަރުތަކުގައި ރޯދަ މަސް ފެށުމުގެ ކުރިން ގޭބީސީތަކަށް ބަހާ ނިންމާ ވެސް ލައެވެ.
އެކި އަހަރު ރާއްޖެއަށް ކަދުރު ލިބެނީ އެކި މިންވަރަށެވެ. އެހެން ކަމުން އެކި އަހަރުތަކުގައި ގޭބީސީތަކަށް ލިބޭ ކަދުރުގެ މިންވަރު ވެސް ތަފާތުވެ އެވެ. މީގެ ކުރިން ބައެއް އަހަރުތަކުގައި ރާއްޖޭގެ ހުރިހާ ގޭބީސީއަކަށް ހެން ކަދުރު ލިބުނު އަހަރުތަކެއް ވެސް ދިޔަ އެވެ.
ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އޭރު އެ މަސައްކަތުގައި އިސްކޮށް އުޅުއްވި ބައެއް ބޭފުޅުން ވިދާޅު ވިދާޅުވި ގޮތުގައި ކަދުރު ލިބޭ ނިސްބަތުން ބައެއް އަހަރުތަކުގައި ރާއްޖޭގެ ހުރިހާ ގޭބީސީތަކަށް ކަދުރު ފޯރުކޮށްދީފައި ވެސް ވާނެ އެވެ. އެކަަމަކު އޭރުވެސް ކަދުރުގެ ޝަކުވާ އޮވެ އެވެ.
"އޭރުވެސް ރޯދައަށް ސައުދީން ފޮނުވާ ކަދުރާމެދު ރައްޔިތުންގެ ޝަކުވާ އޮވޭ. ބައެއް ފަހަރު ލިބޭ މިންވަރު މަދުވުމުގެ ޝަކުވާ އަދި އަނެއް ބައި ފަހަރު ނުލިބުމުގެ ޝަކުވާ އޮވޭ." އޭރު އެ މަސައްކަތުގައި އުޅުއްވި ބޭފުޅަކު ވިދާޅުވި އެވެ. "މީގެ އިތުރުން އިސްލާމީ ކަންތައްތަކާބެހޭ އެންމެ މަތީ މަޖިލީހާއި ރައީސް އޮފީހުގައި މަސައްކަތްކުރާ މީހުންނަށް ކޭސް ކޭހުން ކަދުރު ލިބޭ ކަމުގެ ތުހުމަތު ވެސް ކުރޭ."
ރައީސް މައުމޫނަށް ފަހު އޭގެ ފަހުން ރައީސް މުހައްމަދު ނަޝީދާއި، ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ދުވަސްވަރުގައި ވެސް ސައުދީ އާއި އެކުވެރި އަރަބި ގައުމުތަކުން ދޭ ކަދުރު ލިބި، ބަހަ އެވެ. ކަންދިމާކުރި ގޮތުން ކަދުުރުގެ ޝަކުވާއެއް އަދި ކަދުރު ނުލިބުމުގެ މާ ބޮޑު ޝަކުވާއެއް ވެސް ނޫނީ އެއްވެސް ވަރެއްގެ ޝަކުވާއެއް އެ ފަސް އަހަރު ތެރޭގައި އައިސްފައެއް ނުވެއެވެ.
އެހެން ދިމާވި އެންމެ ބޮޑު އެއް ސަބަބަކަށްވީ ސައުދީން ހަދިޔާ ކުރާ ކަދުރު ބަހައިގެން އެއިން ލިބޭނެ ކަދުރުކޮޅަށް އިންތިޒާރު ކުރާވަރަށް ވުރެ ދިވެހިންގެ އަތްމަތު ތިޔާގިވެ ތަރައްގީވެފައި ވުމެވެ. އަދި ކުއްލިއަކަށް ރާއްޖެއަށް އައި ބޮޑު ބަދަލެވެ. އޭގެ ސަބަބުން ކޮންމެހެން ކަމާ ކަންފަށާ އެ ކަދުރުކޮޅު ހޯދުމުގެ ޝައުގުވެރި ކަމެއް މިދިއަ އަހަރުތަކުގައި ނެތީ އެވެ.
ކަދުރުގެ މައްސަލަ ބޮޑުވެ ފޯރި އަރާ ކަމަކަށް ވެގެން ދިޔައީ ރައީސް އަބްދުﷲ ޔާމީންގެ އަބްދުލްގައްޔޫމްގެ ސަރުކާރުގެ ތިންވަނަ އަހަރުން ފެށިގެނެވެ. އެ އަހަރު ރައީސް ޔާމީންގެ އަނބިކަނބަލުން، މެޑަމް ފާތިމަތު އިބްރާހިމް ދީދީ އާއި ގުޅުވައި ކަދުރުގެ ތަފާތު ވާހަކަތައް ދެއްކި އެވެ. މައިގަނޑު ތުހުމަތަކީ ސައުދީން ދޭ ކަދުރުން ވައްކަން ކުރީ އެވެ.
އެހެން ދިމާވި ސަބަބެއް އޮތެވެ؛ ސައުދީން ހަދިޔާ ކުރި ކަދުރުގެ ތެރެއިން މިންވަރެއް، ނޫނީ ބޮޑު ބައެއް އޭރު އެކަމަނާގެ ސޮދަގާތު ފައުންޑޭޝަނަށް ދެއްވީ އެވެ. އިސްލާމިކް މިނިސްޓްރީއަށް ލިބޭ ކަދުރުގެ ތެރެއިން ދެބައިކުޅަ އެއްބައި އެ ފައުންޑޭޝަނަށް ދޭންޖެހެ އެވެ. އޭގެ ފަހުން އަދި ފައުންޑޭޝަންގެ ލޯގޯ ޖެހުމަށްފަހު ސައުދީން ހަދިޔާ ކުރާ ކަދުރުކަން އެނގޭ ލޭބަލް ފޮރުވައި އެ ފައުންޑޭޝަންގެ ނަމުގައި ބެހީ އެވެ.
ހަމަ ޔަގީނުން ވެސް ރައީސް ޔާމީންގެ ވެރިކަމުގައި ސޮދަގާތު ފައުންޑޭޝަނުން ސައުދީ ހަދިޔާ ކަދުރު ބެހި އެވެ. އެގޮތަށް ބެހި ބައެއް ކަދުރު ޕެކެޓްތަކުގައި ޖަހާފައިވާ ސޮދަގާތު ފައުންޑޭޝަންގެ ހެޔޮ އެދުންތަކާއެކު ލިޔެފައިވާ ކަރުދާހު ލޯގޯ ނައްޓާލުމުން ދެން ފެންނަނީ "ސައުދީގެ ހެޔޮއެދުންތަކާއެކު" ޖަހާފައިވާ ނަން ކަރުދާހެވެ. އެހެންވީމަ އެއީ ދިވެހިންނަށް ސައުދީ ފޮނުވި ކަދުރުގައި ފައުންޑޭޝަންގެ ލޯގޯ ޖެހުމަށްފަހު ބަހަނީ ކަން އޭރު އެނގުނެވެ.
އެކަންވީ އޭރު އޮތް އިދިކޮޅު ފަރާތްތަކަށް ސިޔާސީ ގޮތުން ސަރުކާރަށް ހަމަލާދޭން ލިބުނު ވަރަށް ރަނގަޅު ފުރުސަތަކެވެ. އަދި އެހިސާބުން ފެށިގެން ކުރިން މާ ބޮޑަށް ބޭނުންވާ އެއްޗަކަށް ވެސް ނުވެފައި އޮންނަ ކަދުރަކީ ބޭނުން އެއްޗަކަށް ވެސް ވީ އެވެ. އަދި ކަދުރު ބެހުން ސިޔާސީވެސް ވީއެވެ.
އެކަމާއި ގުޅިގެން ހިލޭ ލިބޭ ކަދުރުކޮޅުން ވެސް "ވައްކަން" ކުރާ ކަމަށް ތުހުމަތުކޮށް ފަސްޓް ލޭޑީ ފާތުންނަށް އަމާޒުކޮށް އެކި ނަންތައް ވެސް ބޭނުން ކޮށްފައި ވެއެވެ.
ފަހުގެ މި ޒަމާނުގައި ރާއްޖޭގައި ވެރިކަން ކުރެއްވި ބޭފުޅުންގެ ތެރެއިން ވަރުގަދަ ވެރިކަމެއް ކުރެއްވި ބޭފުޅަކަށް ރައީސް ޔާމީން ވެވަޑައިގަންނަވާނެ އެވެ. އެހެންވީމަ ވެރިކަމުގައި ހުންނެވި އިރު އިދިކޮޅުން އަންނަ އެފަަދަ ފާޑުކިޔުންތަކަށް ސަރުކާރުގެ ރުހުން ލިބިފައި ތިއްބެވި ބޭފުޅުން މާބޮޑު ސަމާލުކަމެއް ނުދެއްވަ އެވެ.
ބައެއް ކަންކަން އެއީ ދިމާއަށް ގޯސްކޮށް ހިނގާ ކަންކަމަށް ވިޔަސް "ތިޔަހެން ނުހައްވާށޭ" މީހަކު ބުންޏަސް އަދި އެފަދަ ކަންކަން ފަޅާ އަރައި ބޭޒާރު ވުމުން ވެސް ބައެއް އެހެން ވެރިން ކަންކުރައްވާ ގޮތަށް އެކަންކަން ފޮރުވުމަކީ ވެސް އެ ސަރުކާރުގެ ދުވަސްވަރު އޮތް ކަމެއް ނޫނެވެ. ރައީސް ޔާމީންގެ ވަރުގަދަ ވެރިކަން ނިމޭން ދޭން ވެސް މީހެއްގެ ފާޑު ކިޔުމަކަށް، އާދޭހާއި ޝަކުވާއަކަށް ބެލުމެއް ނެތި އެ ކުރާ ކަމެއް ހިނގަހިނގާ އޮތެވެ.
އެ ވެރިކަން ނިމިގެންދަންދެން ވެސް ސޮދަގާތު ފައުންޑޭޝަނުން ގެންދިޔައީ ރައްޔިތުންނަށް ކޮންމެ އަހަރަކުވެސް ކަދުރު ބަހަމުންނެވެ. ކޮންމެ ލޭބަލްއެއްގައި ބެހި ނަމަވެސް އެއް ކަމެއް ޔަގީނެވެ. އޭރު ކަދުރު ލިބެ އެވެ. ކަދުުރު ނުލިބޭ ޝަކުވާއެއް ގައިމަށް ނޯވެ އެވެ. އޭރު އޮތް ޝަކުވާއަކީ ލިބެނީ ސައުދީ ކަދުރުގައި ސޮދަގާތު ފައުންޑޭޝަންގެ ލޭބަލް ޖަހައިގެން މެޑަމްގެ ނަމުގަ އެވެ.
އޭގެ ފަހު މި ސަރުކާރު އައި ފަހުން ދެވަނަ ރޯދަ މަސް ބައްދަލުކޮށް ފުރަތަމަ ދިހައެއް ނިމޭން މިއޮށް ދަނީ އެވެ. ހުޅެއް ނުހި ނަމަވެސް މިދިޔަ ރޯދަ މަހުވެ ސް ކަދުރު ނުލިބުމުގެ ޝަކުވާ އޮތެވެ. އަދި މި އަހަރު މިއުޅެނީ އެ ޝަކުވާ މާ ބޮޑު ހުޅު ހިފައިގެނެވެ.
މިއަހަރު ވެސް ސައުދީ ސަރުކާރުންނާއި، ޔޫއޭއީގެ ހަލީފާ ފައުންޑޭޝަންގެ ފަރާތުން ދިވެހި ރައްޔިތުންނަށް ކަދުރު ހަދިޔާ ކުރިއެވެ. އާންމުކޮށް ސައުދީ ހަދިޔާ ކުރާ 50 ޓަނުގެ ކަދުރު މި އަހަރު ވެސް ސަރުކާރާ ހަވާލު ކުރި އެވެ.
މި އަހަރު ރޯދަ މަސް ދިވެހިންނާއި ބައްދަލުކުރީ ކޮރޯނާ ވައިރަހާއެކު މުޅި ދުނިޔެ ފުށުން ޖެހި އިގްތިސޯދީ ބޮޑެތި މައްސަލަތަކެއްގެ ތެރޭގައި ރާއްޖެ ވެސް ވަނިކޮށެވެ. އެހެން ކަމުން އެހެން އަހަރުތަކާ ހިލާފަށް ސަރުކާރުން ބަހާ ކަދުރުން އެތިކޮޅެއް ނަމަވެސް ލިބޭނެ ކަމުގެ އިންތިޒާރުގައި އެތައް ބަޔަކު މި ފަހަރު ތިއްބެވެ. އަދި މިފަހަރު ކަދުރު ބެހުމުގައި ވެސް އިސްލާމިކް މިނިސްޓްރީއަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައި ވެ އެވެ.
ރާއްޖެއަށް ކަދުރު ލިބުނުއިރު ރާއްޖެ އޮތީ ބަންދުވެފަ އެވެ. މާލެ އޮތީ ލޮކްޑައުންގަ އެވެ. އެހެން ކަމުން ކައުންސިލްތައް މެދުވެރިކޮށް ރައްޔިތުންނަށް ކަދުރު ބަހަން ގޮންޖެހުންތައް ކުރިމަތިވީ އެވެ. އޭއާއެކު އެކަން އޮތީ ވެސް ފާޑަކަށް ސިއްރެއް ވެފައެވެ.
"މައްސަލައަކީ ކަދުރުގެ ވާހަކަ ނުދައްކާ އޮތުން އެކަން ފޮރުވާފައި އޮތުން... ގޮންޖެހުން އޮތަސް ނުބެހިގެން އުޅޭ ވާހަކަވެސް ނުބުނެ އޮތީމަ މައްސަލައަކަށްވީ އަދި ފަހުން އެކަން ފޮރުވުން އެކި މީހުން އެކި ގޮތަށް ދެއްކި ވާހަކަ މައްސަލައަކަށްވީ،" ކަދުރު ނުލިބޭތީ އާއި އަދި މިފަހަރު ކަދުރާ ގުޅުވައި އެންމެ ގިނައިން މީހުން އަހާ ސުވާލަކަށް ވެފައިވާ "ތިގެއަށް ކަދުރު ލިބުނުތަ؟" އެ ސުވާލު އަމިއްލަ އެފްބީ ވޯލްގައި ލިޔުނު މީހަކު ބުންޏެވެ.
ކޮންމެ ސަރުކާރެއް އޮވެގެން ކަދުރު ކަންކަން ކޮންމެ ގޮތަކަށް ރާއްޖޭގައި ހިނގައި ދިޔައަސް ދެން މީގެ ފަހަށް ރާއްޖޭގައި ސައުދީ ކަދުރަކީ ސިޔާސީ އެއްޗަކަށް ނުވާނެ އެއްވެސް ގޮތެއް ނޯންނާނެ އެވެ. އިސްލާމިކް މިނިސްޓްރީ ތެރެއިން ކޮންމެ އަހަރަކު ހައްޖު ކޯޓާގެ މައްސަލަ ނުކުންނަ ގޮތަށް ދެން ކޮންމެ އަހަރަކު ވެސް ކަދުރުގެ މައްސަލަ ވެސް ނުކުންނާނެ އެވެ.
މި އަހަރު ކަދުރު މައްސާލާގައި ޝަކުވާގެ އަޑު ގަދަވުމުން ސަރުކާރުން ޖަވާބެއް ދިނެވެ؛ އެ ޖަވާބަކީ "ކަދުރުހު ހުރީ ލިބިފަ" އެވެ. އަނެއް ކާވެސް މީހުން "ލިބުނު ކަދުރު ކޮބައިހޭ؟" އަހައި އެ ވާހަކަ ދައްކާން ފަށައިފި އެވެ. ދެން ސަރުކާރުން ބުނީ އެހެން ވާހަކައެކެވެ. އެއީ "މިފަހަރު ކަދުރު ބަހަނީ ފަގީރުންނަ" ށޭ އެވެ. އެކަން ކުރާނީ ޔޫތު މިނިސްޓްރީ މެދުވެރިކޮށެވެ. އަދި މިހާރު އެ މިނިސްޓްރީ ކަދުރު ބަހަމުން ބަހަމުން އެބަދެ އެވެ.
ކަދުރު ނުލިބިގެން ފާޑު ކިޔާ މީހުން އޭގެ ތެރެެއަށް ވަދެ އެކަން ހިނގާ ގޮތް ބަލައިލި އިރު މިފަހަރު ކަދުރު މި ލިބެނީ 436 ގޭބީސީއަކަށެވެ. އެކަމަކު މާލޭގައި އެކަނިވެސް 1717 ފަގީރުން ތިބި ކަމަށް ރަޖިސްޓްރީ ކޮށްފައި ވެއެވެ.
މި ވާހަކަތަކުގައި ކުރިލާން ފެށުމުން ކަދުރު ބަހަން ހަވާލުވެ ވަޑައިގެނެވި އަދި އާންމު ގޮތެއްގައި ހުރިހާ ވާހަކައެއް ޓްވިޓާ މެދުވެރިކޮށް ހިއްސާ ކުރައްވާ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވެސް އެއަށް ޖަވާބެއް ދެއްވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ކަދުރު ބެހީ ފަގީރުންގެ ތެރެއިން ފޯނު ނެގި މީހުނަށެވެ.
މިނިސްޓަރުގެ މި ޖަވާބަކީ ކަދުރުގެ ޝަކުވާ ކުރާ މީހުނަށް އަޖައިބެއް ކަހަލަ ވާހަކައަކަށް ވިއެވެ. އެ މީހުން ސުވާލު ކުރަނީ ފަގީރުންނަކީ ފޯނާއި ޓެބްލެޓާއި އައިޕެޑާއި ލެޕްޓޮޕް ހިފައިގެން އުޅޭ ބައެއް ހެއްޔެވެ؟ އެމީހުން އެ ތިބެނީ މިނިސްޓްރީން ކަދުރު ފޮނުވަން ގުޅާނެ ކަމަށް ފޯނުގެ އިންތިޒާރުގައި ހެއްޔެވެ؟
ކަދުރުގެ މައްސަލާގައި ފާޑު ކިޔުން އަމާޒުވުމާ ގުޅިގެން މިހާރު އެންމެ ބަލަމުން އަންނަ "މެންދުރު ފަހު ނިއުސްކޮންފަރެންސަ" ށް އަރާ މަހުލޫފް ދެން އަދި ވިދާޅުވީ މާ މޮޅު ވާހަކަ އެކެވެ: "ކަދުރުގެ ކަންތަކަކީ އަޅުގަނޑާ އަދި ޔޫތު މިނިސްޓްރީއާ ބެހޭ ކަމެއް ނޫނޭ" އެވެ.
އެންމެ ރަނގަޅެވެ. އެއީ އިސްލާމިކް މިނިސްޓްރީގެ ކަމެކެވެ. އެ މިނިސްޓްރީން ބުނާ ގޮތުގައި 125 ކައުންސިލްގެ ތެރެއިން މިހާތަނަށް 60 ކައުންސިލަކަށް ކަދުރު ދޫކޮށްފައި ވާނެ އެވެ. އަދި ސިޓީ ކައުންސިލްތަކުގެ ތެރެއިން މާލެ ސިޓީ ކައުންސިލް ފިޔަވައި އެހެން ކައުންސިލްތަކުން ކަދުރު ނަގާފައިވެ އެވެ. ކައުންސިލްތަކަށް ކަދުރު ދޫކުރަމުން ދަނީ އާބާދީއަށް ބެލުމަށްފަހު މި އަހަރު ރާއްޖެއަށް ކަދުރު ލިބުނު މިންވަރަށް ވެސް ބަލައިގެނެވެ.
ކަދުރު ނުގެންގޮސް ހުރި ކައުންސިލްތަކަށް މި މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ކަދުރު ގެންދިއުމުގެ ފުރުސަތު އެބައޮތެވެ. މި މުއްދަތަށް ފަހު ބާކީ ހުރި ކަދުރުތައް ކަރަންޓީންގައި ތިބި މީހުންނާއި، ސަރުކާރުގެ ބެލުމުގެ ދަށުގައި ހާލުގައި ޖެހިފައިތިބި ބިދޭސީން ބައިތިއްބާފައިވާ ހިޔާ ފެސިލިޓީތަކަށް ދޭން މިނިސްޓްރީން ވަނީ ނިންމާފަ އެވެ.
އިހަށް "ކަދުރު ވަގަށް" ގޮވަމުން ވެރިކަމަށް އައި މި ސަރުކާރަށް ކަދުރު ބަހަން ފުރުސަތު ލިބުމުން މި ފަހަރު އެކަމެއް ނުވި އެވެ. އަދި އެ ބަހާކަށް ވެސް ނޭނގުނެވެ. އަނެއްކޮޅުން ކުރިން ފާޑުކިޔުން އަމާޒުވި ފަރާތްތަކަށް މި އޮތީ ކުރިން ތުހުމަތުތަކާއި ވާހަކަ އުފެއްދި ބޭފުޅުންނަށް ސިޔާސީ ފާޑުކިޔަން ފުުރުސަތު ލިބިފަ އެވެ. ޔަގީން ކަމަކީ ކަދުރު ނުލިބިގެން އެންމެންހެން އެބަ ސުވާލު ކުރެ އެވެ. އަދި ކަދުރުކޮޅަށް މި ފަހަރު މިހެދީ ކިހިނެއް ހެއްޔޭވެސް އެބަ އަހަ އެވެ. އެންމެ ފަހު ސުވާލަކަށް ވަނީ "ތިގެއަށް ކަދުރު ލިބުނު ހެއްޔޭ" އެވެ.