ޔޫތު މިނިސްޓްރީ

ޔޫތު މިނިސްޓްރީގެ ގުދަނަކަށް ކައުންސިލުން ވަތް މައްސަލަ ފުލުހުންނަށް

Apr 1, 2023

ޔޫތު މިނިސްޓްރީގެ ގުދަނަކަށް މާލޭ ސިޓީ ކައުންސިލްގެ މުވައްޒަފުންތަކެއް ވަދެ އެތަނުގައި ހުރި ސާމާނުތައް ގެންދަން އުޅުނު މައްސަލަ ފުލުހުންނަށް ހުށަހަޅައިފި އެވެ.

މާލޭ ސިޓީ ކައުންސިލްގެ މުވައްޒަފުންތަކެއް ޔޫތު މިނިސްޓްރީގެ ގުދަނަކަށް ވަދެ އުޅެނިކޮށް ނަގާފައިވާ ފޮޓޯތަކެއް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ރޭ ވަނީ ހިއްސާކޮށްފަ އެވެ.

"ޔޫތު މިނިސްޓްރީގެ ބިމެއްގެ ތެރެއަށްވަދެ އެތަނުގައިހުރި ގުދަނުގެ ތަޅުހަލާކުކޮށްލާ ގުދަންކޮށްފައި ހުރި އަގުބޮޑު ސާމާނުތައް ގެންދަނީ،" ފޮޓޯތައް ހިއްސާކުރައްވަމުން މަހުލޫފު ވިދާޅުވި އެވެ.

އެކަން ހުއްޓާލުމަަށާއި ގެއްލޭ ތަކެއްޗާއި ގެއްލުން ލިބޭ ތަކެއްޗަށް ސިޓީ ކައުންސިލުން ޒިންމާ އުފުލަންޖެހޭނެ ކަމަށް މަހުލޫފު ވިދާޅުވި އެވެ.

އެކަމާ ގުޅޭ ގޮތުން މާލޭ ސިޓީ ކައުންސިލުން ބުނީ އެ ކައުންސިލުން ގާނޫނާއި ގަވާއިދާ ހިލާފަށް އެއްވެސް ކަމެއް ނުކުރާނެ ކަމަށެވެ. ކަން ހިނގި ގޮތް ބެލުމަށްފަހު ތަފުސީލު ހާމަކުރާނެ ކަމަށްވެސް މާލޭ ސިޓީ ކައުންސިލުން ވަނީ ބުނެފަ އެވެ.

މި ގުދަން ހުންނަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި "ރުމާލު ޖަގަހަ" ހިންގިތަނާ ކައިރީގަ އެވެ.

މާލޭ ސިޓީ ކައުންސިލުން ވަނީ ގަލޮޅު މާލެހިޔާގެ ދެކުނުން އޮންނަ 353 ނަންބަރު ކޮއްޓާއި 355 ނަންބަރު ކޮށި ހިމެނޭ ބިމުގައި ހުރި ރުމާލު 2 ޖަގަހަ ހިންގި އިމާރާތާއި ޓޯޔާޑް ހިމެނޭ ބިމާ ދެމެދު ހުރި ގުދަނާއި ގުދަނުގައި ހުރި ތަކެތީގެ ވެރިފަރާތް ސާފުކުރަން މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި އިއުލާނުކޮށްފަ އެވެ.