މާލޭ ސިޓީ

ގެއަކުން މީހުންނަށް ނުނިކުމެވޭ ގޮތަށް ފާރެއް ރާނައިފި

މާލޭގެ ގެއަކުން މީހުންނަށް ނުނިކުމެވޭ ގޮތަށް ފާރެއް ރޭނި މައްސަލައެއް ކަމާ ގުޅޭ އިދާރާތަކުން ބަލަން ފަށައިފި އެވެ.

ގަލޮޅުގައި ހުރި ގެއެއްގައި މިމައްސަލަ ކުރިމަތިވެގެން އުޅެނީ ބަންޑާރަގޯއްޗެއް ބެހިއިރު އެ ބެހި ގޮތުގައި ހިޔާލުތަފާތުވުންތަކެއް އުފެދި ކޮންމެވެސް އެއް ފަރާތަކުން އަމިއްލައަށް އިންވަކިކުރުމުގެ ގޮތުން ފާރެއް ރާނާލުމާ ގުޅިގެންނެވެ.

މިމައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ފުލުހުން ޔަގީންކޮށްދިނެވެ. ނަމަވެސް މިއީ ބަންޑާރަގޯއްޗެއް ބެހި ގޮތުން އުޅޭ ހިތްހަމަނުޖެހުމަކަށްވާތީ އެ މައްސަލަ ބަލާނީ މާލެ ސިޓީ ކައުންސިލުން ކަމަށް ފުލުހުން ބުންޏެވެ.

މިމައްސަލަ ބަލަމުންދާ ކަމަށް މާލެ ސިޓީ ކައުންސިލުން ބުންޏެވެ. އެކަމަކު މިއީ ކޯޓަށް ހުށަހަޅަން ޖެހިދާނެ މައްސަލަ އަކަށްވާތީ މައްސަލައިގެ އިތުރު ތަފްސީލް މިވަގުތު ހިއްސާކުރާކަށް މާލެ ސިޓީ ކައުންސިލެއް ބޭނުމެއް ނުވި އެވެ.