މާލޭ ސިޓީ

ފެން ބޮޑުވެފައިވާތީ މާލޭގެ މަގުތަކުގައި ބަރު އުޅަނދު ނުދުއްވުމަށް އެދިއްޖެ

މާލެއަށް ބޯކޮށް ވާރޭވެހި މަގުތަކުގައި ފެން ބޮޑުވެ ބައެއް ގޭގެއަށް ފެން ވަންނަމުންދާތީ ބަރު އުޅަނދު މާލޭގެ މަގުތަކުގައި ނުދުއްވުމަށާއި ހަތަރު ފުރޮޅުލީ އުޅަނދު ޒަރޫރީ ބޭނުންތަކުގައި ނޫނީ ނުދުއްވުމަށް ފުލުހުން އިލްތިމާސްކޮށްފި އެވެ.

ފުލުހުން މިއަދު ނެރުނު ކުރު ބަޔާނެއްގައި ބުނީ މާލޭގެ މަގުތަކުން ފެން ހިނދި އާންމު ހާލަތަށް މަގުތައް އަންނަންދެން ފުލުހުންގެ އިލްތިމާސްއާ އެއްގޮތަށް އަމަލުކުރުމަކީ އެދޭ ކަމެއް ކަމަށެވެ.

"މިފަދަ ހާލަތްތަކުގައި ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމާއި އެހީތެރިކަމަށްޓަކައި އިހްލާސްތެރިކަމާ އެކު ޝުކުރު ދަންނަވަމެވެ،" ބަޔާނުގައިވެ އެވެ.

ފުލުހުން އެކްސްގައި ފަހުން ކޮށްފައިވާ ޕޯސްޓެއްގައި ބުނީ ސިނަމާލެ ބްރިޖު އަދި ހައިވޭއިން ދަތުރުކުރާއިރު ތިމާއާއި އަނެކާގެ ސަލާމަތާއި ރައްކާތެރިކަމަށް ބަލައިގެން އުޅަނދު ދުއްވުމަށްވެސް އިލްތިމާސް ކުރާ ކަމަށެވެ. އަދި ސައިކަލު ދުއްވާއިރު ކުޑަ ނަގައިގެން ނުދުއްވުމަށާއި ފަސޭހައިން ހަލާކުވެ ވަޔާދާ ފަދަ ކޯޓު ބޭނުން ނުކުރުމަށާ ހެލްމެޓް ވެސް ވަޔާ ނުދާނޭހެން ރަނގަޅަށް އެޅުމަށްވެސް ފުލުހުން އެދިފައިވެ އެވެ.

"ބޯކޮށް ވާރޭ ވެހޭއިރު އުޅަނދު ދުއްވާނަމަ ހެޑް ލައިޓް ދިއްލައިގެން ދުއްވުމަކީ ރައްކާތެރި ވުމަށް އެޅިދާނެ ފިޔަވަޅެއް،" ފުލުހުން ބުނެފައިވެ އެވެ.

މާލޭގެ މަގުތަކުގައި ވަރަށް ބޮޑަށް ފެން ބޮޑުވެފައިވާތީ ފުލުހުން ގެންދަނީ މަގުތަކުގައި ޓްރެފިކް ބޮޑުވުން ކުޑަކުރުމަށާއި ފެން ހިންދުމުގައިވެސް އަމަލީ ގޮތުން ބައިވެރިވަމުންނެވެ.