އިސްލާމިކް މިނިސްޓްރީ

ރާއްޖޭގެ އެންމެ އަގު ބޮޑު ޤުރުއާން މުބާރާތް އިއުލާންކޮށްފި

Jan 2, 2023
1

ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ އަގު ބޮޑު ޤުރުއާން މުބާރާތް -- ރަންތާޖު މިއަދު އިއުލާންކޮށްފި އެވެ. މުބާރާތުގެ އެއްވަނަ އަށް ތިން ލައްކަ ރުފިޔާގެ ފައިސާގެ އިނާމެއް ލިބޭނެ އެވެ.

މިމުބާރާތް އިންތިޒާމު ކުރަނީ ޔޫތު މިނިސްޓްރީއާއި އިސްލާމިކް މިނިސްޓްރީންނެވެ. މުބާރާތް ބްރޯޑްކާސްޓް ކުރަނީ އަމިއްލަ ޓީވީ ޗެނަލެއް ކަމަށްވާ ރާއްޖެ ޓީވީއާ ގުޅިގެންނެވެ.

ރާއްޖެ ޓީވީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި މި ތިން ފަރާތުގެ މެދުގައި ވަނީ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.

މިރަސމްިއްޔާތުގައި ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ވިދާޅުވީ މުޅި ރާއްޖެއަަށް ހުޅުވާލައިގެން އަންނަ ރޯދަ މަހު ބާއްވާ މިމުބާރާތަކީ ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ފުރިހަމަ ޤުރުއާން މުބާރާތަށް ވެގެންދާނެ ކަމަށެވެ. ރާއްޖޭގެ ހުރިހާ ރަށެއްގައި އޮޑިޝަންތައް ބާއްވައިގެން ހޮވާލެވޭ ކުދިންނާ އެކު މާލޭގައި ބޮޑު މުބާރާތް ކުރިއަށް ގެންދާއިރު ރާއްޖެ ޓީވީއާ ގުޅިގެން ވަރަށް ރަނގަޅަށް ކުރިއަށް ގެންދެވިދާނެ ކަމުގެ އިތުބާރު އޮތް ކަމުގައިވެސް ވިދާޅުވި އެވެ.

"ތަފާތު އެކި ކަންކަމުގައި އަޅުގަނޑުމެން މުބާރާތްތައް ބާއްވާއިރު ރީތިކޮށް ޤުރުއާން ކިޔަވާ ފަރާތްތަކުގެ އަގުވަޒަން ކުރުމަށްޓަކައިވެސް މުބާރާތް ބާއްވަންޖެހޭ،" މިނިސްޓަރު މަހްލޫފް ވިދާޅުވި އެވެ.

މިރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ ވިދާޅުވީ ޤުރުއާން މުބާރާތެއް ބާއްވަން އެންމެ ރަނގަޅު ދުވަސްވަރަކީ ރަމަޟާން މަސް ކަމަށްވާތީ ރޯދަ މަހު ބާއްވާ މިމުބާރާތް ރާއްޖެ ޓީވީއާ ގުޅިގެން ވަރަށް ފުރިހަމައަށް ގެންދެވިދާނެ ކަމުގެ އުއްމީދު އެބައޮތް ކަމަށެވެ.

މިމުބާރާތުގައި ކުދިން ބައިވެރިކުރުމަށާއި މުބާރާތަށް ހޮވޭ ކުދިންނަށް ބެލެނިވެރިންގެ އެހީތެރިކަމާއި އެއްބާރުލުން ބޭނުންވާނެ ކަން ފާހަގަކުރައްވަމުން މިނިސްޓަރު ޒާހިރު ވިދާޅުވީ އޮޑިޝަނުން ހޮވޭ ކުދިންނަށް ވަރަށް ރަނގަޅު ޓްރޭނިންތަކެއްވެސް ދޭނެ ކަމަށެވެ.

މިމުބާރާތުގައި ބައިވެރިވުމަށް މިހާރު ވަނީ ފުރުސަތު ހުޅުވާލާފަ އެވެ. އުމުރުން 16 އަހަރާއި 45 އަހަރާ ދެމެދުގެ ކޮންމެ މީހަކަށްވެސް މުބާރާތުގައި ބައިވެރިވެވޭނެ އެވެ. ރާއްޖޭގެ 10 ސަރަހައްދެއްގައި އޮޑިޝަން ހެދުމަށްފަހު މުބާރާތަށް ނެގުމަށް ހަމަޖެހިފައިވަނީ 20 ބައިވެރިންނެވެ.

އޮޑިޝަން ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ މިމަހުގެ 15 އިން އަންނަ މަހުގެ 15 އަށެވެ. އޮޑިޝަން ކުރިއަށް ދާނީ ހދ. ކުޅުދުއްފުށި، ށ. ފުނަދޫ، ބ. އޭދަފުށި، އއ. ރަސްދޫ، ދ. ކުޑަހުވަދޫ. ލ. ގަން، ގދ. ތިނަދޫ، ފުވައްމުލައް، އައްޑޫ ސިޓީގެ ހިތަދޫ އަދި މާލޭގަ އެވެ.