ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަ ނުކުރަން ދަައުލަތުގެ އެއްވެސް އިދާރާއަކުން ޔޫތު މިނިސްޓްރީއަށް އަންގާފައިނުވާ ކަމަަށް އެ މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން މިހެން ބުނެފައިވަނީ ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި އިވެންޓެއް ބޭއްވީ ޔޯގާ ފަދަ ދީނާ ހިލާފު އަމަލުތައް ހުއްޓުވަން އިސްލާމިކް މިނިސްޓްރީން ދިވެހި ފުލުހުންގެ ހިދުމަތުގައި އެދިފައިވަނިކޮށް ކަން ހާމަވެފައިވާތީ އެވެ. އިސްލާމިކް މިނިސްޓްރީން ވަނީ އެކަމަށް އެދި ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދަށް ސިޓީއެއް ފޮނުވާފައެވެ. އެ ސިޓީ ފޮނުވީ މި މަހުގެ 16 ވަނަ ދުވަހު އެވެ.
އިސްލާމިކް މިނިސްޓްރީގެ ސީނިއާ އެގްޒެކްޓިވް ޑިރެކްޓަރު ހިޝާމް އަހުމަދު ސޮއިކޮށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދަށް ފޮނުވި ސިޓީގައި ވަނީ ޔޯގާއާމެދު އިސްލާމީ ބޮޑެތި އިލްމުވެެރިންނާއި ގައުމުތަކުގެ ފަތުވާ މަޖިލީސްތަކުގެ ނިންމުން ވަރަށް ސާފުކޮށް ބަޔާން ކޮށްދީފައެވެ.
އެގޮތުން މިހާރަކަށް އައިސް މެޑިޓޭޝަންގެ ގޮތުގައި ނުވަތަ ކަސްރަތެއްގެ ގޮތުގައި އަދި ރާއްޖޭގައިވެސް ތަފާތު ބަލިތަކަށް ޝިފާ ހޯދުމުގެ ނަމުގައި ޔޯގާ ބޭނުން ކުރަމުންދާ ކަމަށެވެ. ނަމަވެސް 2004 ވަނަ އަހަރުގެ ސެޕްޓެންބަރު މަހު މިސްރުގެ ފަތުވާ ދޭ މަޖިލީސް އިން ނެރެފައިވާ ފަތުވާފައި ޔޯގާއަކީ މުސްލިމުންނަށް ހަރާމް ކުޅިވަރެއް ކަމަށާ އެއީ ހިންދޫގެ އަޅުކަމާއި ގުޅިފައިވާ ކަމެއް ކަމުން އެއީ ކުޅިވަރެއްގެ ގޮތުގައިވެސް ކުޅުން ހުއްދަ ކަމެއް ނޫން ކަމަށް ބުނެފައިވާ ކަމަށެވެ. މީގެ އިތުރުން 2008 ވަނަ އަހަރު މެލޭޝިޔާގެ ގައުމީ ފަތުވާ މަޖިލީސް އިން ނެރެފައިވާ ފަތުވާއެއްގައި ޔޯގާއަކީ މުސްލިމުންނަށް ހަރާމް ކުޅިވަރެއް ކަމަށާ އެއީ ކުޅިވަރެއްގެ ގޮތުގައިވެސް އަދި އަޅުކަމެއްގެ ގޮތުގައިވެސް ކުރުން ހުއްދަ ނުވާނެ މުސްލިމުންގެ އަގީދާއަށް އަސަރުކުރާނެ ކަމެއް ކަމަށް ބުނެފައިވާ ކަމަށެވެ.
މިނިސްޓްރީގެ ސިޓީގައި ބުނެފައިވަނީ މި މެޑިޓޭޝަނަކީ ހިންދޫގެ އަޅުކަމެއް ކަމަށްވާ ޔޯގާގައި ހިމެނޭ ކަމެއް ކަމަށާ އަދި އެ މީހުންގެ ދީނީ ސަގާފަތާއި ގުޅޭ ގޮތުން މެޑިޓޭޝަންގެ ނަމުން ނަންދީ އިރުއަރާ ވަގުތު އިރަށް ކުރުނީސްކޮށް އަދި ހިންދޫން ބުދު ފައްޅީގައި އަޅުކަން ކުރުމުގައި ބޭނުން ކުރާ މިއުޒިކު ހިމެނޭ ހަރަކާތެއް ކަމަށް ވަނީ ބުނެފައެވެ.
"... އިސްވެ ދެންނެވުނު ސަބަބުތަކާ ހުރެ މިފަދަ ކަންތައްތަކަކީ އިސްލާމީ ޝަރީއަތާއި ހިލާފު ކަމަކަށްވާތީ އާއި ދިވެހިރާއްޖޭގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމާއި ބެހޭ ގާނޫނުގެ ދަށުން މަނާ ކުރެވިފައިވާ ކަންތައްތަކެއް ކަމުގައިވާތީ އިސްލާމީ ޝަރީއަތާއި ދިވެހި ގާނޫނުތަކާއި ގަވާއިދުތައް ނެގެހެއްޓުމަށްޓަކައި މިފަދަ ކަންކަން ކުރާ ފަރާތްތައް ދެނެގަނެ އެކަށީގެންވާ ފިޔަވަޅު އެޅުމަށް އަންގަމެވެ،" މިނިސްޓްރީގެ ސިޓީގައިވެއެވެ.
ޔޫތު މިނިސްޓްރީން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެހެން އަހަރުތަކެކޭ އެއްގޮތަށް މި އަހަރުވެސް ޔޯގާ ޑޭ ފާހަގަ ކުރީ އިންޑިއާ ހައިކޮމިޝަނާއި ޔޫތު މިނިސްޓްރީ ގުޅިގެން ކަމަށާ އެ ހަރަކާތް ބޭއްވީ 2014 ވަނަ އަހަރުން ފެށިގެން އެކަން ކުރަމުން ގެންދާ އުސޫލުން ކަމަށެވެ. އަދި އެ އަހަރުން ފެށިގެން ޔޯގާ ޑޭ ގެ ހަރަކާތުގައި ޔޫތު މިނިސްޓްރީން ބައިވެރިވަމުން ދަނީ ޔޯގާއަކީ ކަސްރަތާއި ކުޅިވަރުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ބަލާ ހުރިހާ ގައުމެއްގެ ޔޫތު މިނިސްޓްރީން ބައިވެރިވާ އުސޫލުން ކަމަށެވެ.
އެ ބަޔާނުގައި ބުނެފައިވަނީ ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަ ނުކުރަން ދަައުލަތުގެ އެއްވެސް އިދާރާއަކުން ޔޫތު މިނިސްޓްރީއަށް އަންގާފައިނުވާ ކަމަަށެވެ. އަދި ކަނޑައެޅިގެން އިސްލާމް ދީނުގައި ހަރާމް ކުރައްވާފައިވާ ކަންކަމާއި އަދި ގާނޫނު އަސާސާއި ގާނޫނުތަކާއި ހިލާފު އެއްވެސް ކަމެއް އެ މިނިސްޓްރީން ނުކުރާނެ ކަމުގެ ޔަގީންކަން ވަނީ ދީފައެވެ.
ޔޫތު މިނިސްޓްރީގެ ބަޔާނުގައި ވަނީ ބައެއް މައްސަލަތަކަކީ އިލްމުވެރިންގެ މެދުގައި ހިލާފު އުފެދިފައިވާ ކަންތައްތަކެއް ކަމުން ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން އެފަދަ މައްސަލަތަކާއި ގުޅިގެން އިދާރާތަކުން ސާފުކޮށް ރައުޔު ކަނޑައެޅުމަކީ މުހިންމު ކަމެއް ކަމަށެވެ.