ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

އިތުރު 86 މީހަކު ޕޮޒިޓިވްވެ އަދަދު 734 އަށް

ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު 734 އަށް އަރައިފި އެވެ.

އެޗްޕީއޭއިން މިއަދު ހަވީރު ބުނީ މިއަދު ވެސް 86 މީހަކު ބައްޔަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 67 މީހަކާއި 14 ދިވެހިންގެ އިތުރުން އިންޑިއާގެ ތިން މީހަކާއި ސްރީ ލަންކާ އާއި ނޭޕާލްގެ މީހެކެވެ.

މިދިޔަ މަހުގެ 15 ވަނަ ދުވަހު މާލެއިން މީހަކު ކޮވިޑަށް ޕޮޒިޓިވްވީ ފަހުން ކޮންމެ ދުވަހަކު ވެސް އެތައް ބަޔަކު ދަނީ ބައްޔަށް ޕޮޒިޓިވް ވަމުންނެވެ. ނަމަވެސް މިދިޔަ ހަފުތާގެ ދުވަސްތަކަށްވުރެ މި ހަފުތާގައި ކޮންމެ ދުވަހަކު ޕޮޒިޓިވްވާ އަދަދު މަދެވެ. މިއަދަކީ މިދިއަ ހަތް ދުވަސްތެރޭ އެންމެ ގިނަ މީހުން ޕޮޒިޓްވީ ދުވަހެވެ.

މިހާތަނަށް އެންމެ ގިނަ ބަޔަކު ޕޮޒިޓްވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެ ދުވަހު އެކަނި ވެސް 191 މީހުން ޕޮޒިޓިވްވި އެވެ.

ރާއްޖޭގެ ސިއްހީ މާހިރުން ވަނީ ކުރިއަށް އޮތް ދެ ހަފުތާގައި މާލެއިން ޕޮޒިޓިވްވާ މީހުންގެ އަދަދު ބޮޑުތަނުން އިތުރުވާނެ ކަމަށް ވިދާޅުވެފަ އެވެ. ޕީކް ޑޭ ގައި 1،500 ވުރެ ގިނަ ބަޔަކަށް ބަލި ޖެހޭނެ ކަމަށް ލަފާކޮށްފައި ވެއެވެ.

ކޮވިޑްގަައި ރާއްޖެއިން މިހާތަނަށް ތިން މީހަކު ވަނީ މަރުވެފަ އެވެ. އެއީ ދެ ދިވެހިންނާއި ބިދޭސީއެކެވެ. އޭގެތެރެއިން ތިންވަނަ މީހާ މަރުވީ ރޭގަ އެވެ. އެއީ ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާ ދެމުންދިޔަ 80 އަހަރުގެ ފިރިހެނެކެވެ. އޭނާ މަރުވީ ހާލު ގޯސްވެ، ވެންޓިލޭޓަރުގައި ފަރުވާ ދެމުންދާތާ ދެތިން ދުވަސް ފަހުންނެވެ.

ރާއްޖެއިން ކޮވިޑް ޖެހިގެން ފުރަތަމަ މަރުވީ 83 އަހަރުގެ ދިވެހި އަންހެނެކެވެ. އޭނާ ބައްޔަށް ޕޮޒިޓިވްވިކަން އެނގުނީ މަރުވި ފަހުންނެވެ. އޭގެ ފަހުން ކޮވިޑްގަައި މަރުވެފަވަނީ ސިފައިންގޭގެ ގުދަނެއްގައި މަސައްކަތް ކުރަމުން ދިޔަ ބަންގްލަދޭޝް މީހެކެވެ.