ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ފަޅައިގެން ދިޔައީ ބައްޕައެއްގެ ހިތް!

ޖެހުނު ބޮޑު މުސީބާތެއްގެ ތެރޭގައި ކާނެ އެއްޗެއް ނެތި، ބަނޑުހައިވެ ހާންތިވެގެން އެކަމުގެ ޝަކުވާއާއެކު ރޮމުން ރޮމުން ދަރިފުޅު އެ އާދޭސް ކުރަނީ މާލޭގައި ހުރި އޭނާގެ ބައްޕަ އޭނާގެ ގާތަށް ގައުމަށް ދިއުމަށެވެ. ގައުމުގައި ހުރި އަނބިމީހާ އެ ހުރީ ހަދާނެ ގޮތް ހުސްވެ، ނިކަމެތިވެފަ އެވެ. މައިންބަފައިން ގިސްލަގިސްލާފައި ރޮނީ އެވެ. ފެންނާން މިއޮތް މަންޒަރާއި ވަމުން މިދާ ގޮތާއެކު ގައުމުން ކަންފަތާ ހަމައަށް އައި އެ އަޑުން ހިތް ފަޅައިގެން ނުދާނީ ކާކުގެ ހެއްޔެވެ؟

ކޮންމެވެސް ސަބަބަކާ ލައިގެން ވަރަށް ގިނަ ބަންގްލަދޭޝް މީހުން ދިރިއުޅުމަށް ފައިސާ ފޮއްޗެއް ލިބޭތޯ ދާން ޖެހުނީ ގައުމާއި އާއިލާ ދޫކޮށް ދިވެހި ރާއްޖެއަށެވެ. އެ މީހހުން އައީ ރަނގަޅު އާމްދަނީއެއް ހޯދުމުގެ އުއްމީދުގައި ގެއާއި ލިބިފައިވާ އެހެން ބިން ކޮޅާއި މަންމަ އަދި އަނބިމީހާގެ ގަހަނާކޮޅު ރަހުނުކޮށްގެން ލިބުނު ފައިސާ ކޮޅުން ބައެއް ޑިޕޮޒިޓްކޮށް އަނެއްބައި ދިވެހި އެޖެންޓަށާއި ރަށު އެޖެންޓަށް ދީގެނެވެ.

އެހެން ނަމަވެސް ދިވެހި ރާއްޖެއިން އެފަދަ ގިނަ މީހުންނަށް މަރުހަބާކީ ބޭއިންސާފާއި އަނިޔާ އެވެ. އެތައް ގުރުބާނީއަކަށްފަހު އައުމުން ހޫރައިލީ މަގުމައްޗަށެވެ. ވަޒީފާއެއް ނުލިބުނެވެ. އުއްމީދުކުރި މުސާރައެއް ނެތެވެ. އުޅޭނެ ގެއެއް ނެތެވެ. އޮންނާނެ އައްޓެއް ނެތެވެ. ބޯނެ ވައްޓެއް ނެތެވެ. ވަންނާނެ ވެއްޓެއް ނެތެވެ. އަދި އަމިއްލަ ޕާސްޕޯޓު ވެސް ނެތެވެ. ހަމައެކަނި ލިބުނު އެއްޗަކީ "ގަވައިދާ ހިލާފަށް އުޅޭ" މީހެއްގެ ލަގަބާއި ކުށްވެރިއެއްގެ ލަގަބެވެ. މިއީ ހިއުމަން ޓްރެފިކިންގެ ނޫން އެހެން އެއްޗެއް ހެއްޔެވެ؟

ރާއްޖޭގައި އުޅޭ އެތައް ހާސް ބަންގްލަދޭޝް މީހުންގެ ހިތްދަތި ހާލަތަކީ މިއީ އެވެ. ކޮވިޑް-19 އާއެކު މުޅި ދުނިޔެ ހުއްޓުވާލައި ބިރުވެރިކަމާއި ހާސްކަން ވެރިވެފައިވާއިރު ރާއްޖޭގައި އެންމެ ބޮޑު ނިކަމެތިކަމެއް ލިބިފައިވަނީ ބަންގަލަދޭޝްގެ މީހުނަށެވެ. އެ މީހުން ބުރަ މަސައްކަތާއި ގުލާން ކުރުމުން ދިވެހިން މައްޗަށް އުފުލައި ދިން އިރު މިއަދު އާއިލާއާ ދުރުގައި ތިބެން ޖެހުނު ހިތާމަވެރި ވަގުތު އެމީހުންގެ ތެރޭގައި ވެސް ކޮވިޑް ދަނީ ބާރަށް ދުވަމުންނެވެ. ވައިރަހުގެ ނުރައްކާ ބޮޑުއިރު ގައުމުގައި އޮތް އާއިލާ ތިބި ހާލެއް ގިނަ މީހުންނަށް ނޭނގެ އެވެ. އާއިލާއަށް ފައިސާ ފޮނުވޭނެ ގޮތެއް ނެތެވެ. އާމްދަނީއެއް ލިބޭނެ ގޮތެއް ވެސް ނެތެވެ.

މަގުމަތިން މަސައްކަތެއް ނުލިބެ އެވެ. ފުހޭނެ ސައިކަލެއް ނުލިބެ އެވެ. މަސައްކަތެއް ކޮށްލަން ގޭގެއަކަށް ނުގެންދެ އެވެ. ވަޒީފާ ވެސް ގެއްލުނީ އެވެ. ދިވެއްސަކު ހަތަރުކަޅިވެސް ހަމައެއް ނުކުރެ އެވެ.

ފުދިގެން. ފޮނިކޮށް އުޅެމުން އައި ދިވެހިން ވެސް މިއަދު މިތިބީ އަތްމަތި ދަތިވެފަ އެވެ. ކުލި ދެއްކޭނެ ގޮތް ވެސް ނެތިފަ އެވެ. ވީއިރު، ދެއިރު ރަނގަޅަށް ނުކައި އުޅެމުން އައި ބަންގަލާދޭޝް މީހުން މިހާރު ތިބޭނެ ހާލަތު ހިތަށް ގެންނާށެވެ. އެ މީހުންގެ އާއިލާތުގެ ކުދިންގެ ލޮލުން އެ އޮހޮރޭނެ ކަރުނަ ސިފަކޮށްލާށެވެ. ރަށުގައި ތިބި އަނބިންގެ ހިތުގައި އަޅާނެ ވޭނާއި މައިންބަފައިންގެ ކެކުޅުން ހިޔާލަށް ގެންނާށެވެ.

ފައިސާއެއް، ކާނެ އެއްޗެއް ނުލިބުނަސް ހެޔޮ ވެދާނެ އެވެ. އެކަމަކު، އެ އާއިލާތައް މި ވަގުތު ބޭނުން ވާނީ އެމީހުންގެ ފިރިން / އަނބިން، ބައްޕައިން ދަރިން އެމީހުންގެ ގާތުގައި ތިބޭށެވެ. އެކަމެއް ވެސް ވާކަށް ނެތެވެ. އެމީހުންނަށް ގައުމަށް ދެވޭނެ ގޮތެއް ވެސް ނެތެވެ. ގާނޫނީ ގޮތުން އެ ގައުމުގެ މީހެއްކަން އެނގޭނެ ލިޔުމެއް ވެސް ހަރާން ނެތެވެ. ލިޔުމެއް ލިބޭނެ ކަމެއް ވެސް ނޭނގެ އެވެ. އެކަމަށް ހޭދަވާނީ އަދި ކިތައް އަހަރު ކަމެއް އެނގޭ އާދަމުގެ ދަރިޔަކުވެސް ނޫޅެ އެވެ.

"[ވާހަކަ ދައްކާފައިވާ ގޮތް ރަނގަޅުކޮށްދީފައި] އަހަރެން މާލެ އައިތާ މިއީ 10 ވަނަ އަހަރު، އޭގެ ފަހުން ގައުމަކަށް ނުދެވޭ... ޕާސްޕޯޓެއް ވެސް ނެތް، އަހަރެން ރާއްޖެ އައިއިރު އަންހެން ދަރިފުޅު ވަރަށް ކުޑަ މިހާރު ބޮޑުވެއްޖެ، އެކަމަކު ދަރިފުޅާ ބައްދަލެއް ނުވޭ، ދަރިފުޅު ދެކެން ވަރަށް ބޭނުންވޭ!" މިއީ ގަލޮޅު ބޯޅަދަނޑަށް ބިދޭސީން ރަޖިސްޓްރީވާން އެއްވެ ތިބިއިރު އެ ތަނުން ބިދޭސީއަކު ވާހަކަ ދައްކާލުމުން ކިޔައިދިން ވާހަކަ އެކެވެ.

މި ކަހަލަ ކިތައް މީހުން ރާއްޖޭގައި އުޅޭނެ ހެއްޔެވެ؟ އަދި މިހާރު ކޮވިޑް-19 އާ ގުޅިގެން އެމީހުންގެ ހިތުގެ ރިހުން ކިހާ ގަދަވާނެ ހެއްޔެވެ؟

އެންމެންނަށް ހެޔޮ ހިތުން މަރުހަބާ ކިޔައި، ހިތްހެޔޮކަމާއި ސާދާ ކަމުގެ މިސާލެއްގެ ގޮތުގައި މުޅި ދުނިޔެ ވެސް ބަލައި ދިވެހިންގެ ތެރޭގައި ބަޔަކަށް މި ހާލު ޖެހެންވީ ކީއްވެ ހެއްޔެވެ؟ އަހަރެމެން މިހާ ނުލަފާލެއް މިވީ ކޮން ތާރީހަކުން ފެށިގެން ހެއްޔެވެ؟

ރާއްޖޭގައި އުޅޭ ބަންގަލާދޭޝް މީހުންގެ ވާހަކަތައް ހިއްސާކޮށް އެމީހުންނަށް މައުލޫމާތު ދިނުމަށް ފޭސްބުކްގައި ހަދާފައިވާ ޕޭޖަކުން ރޭ ޕޯސްޓްކުރި ފޮޓޯއާއެކު "ރާއްޖޭގެ ހިތް" ފަޅައިގެން ގޮސްފި އެވެ. އެ ފޮޓޯގައިވާ އަސަރާއި އެ ކަރުނައިން އެތައް ބަޔަކު ރޮއްވައި ވެސް ލައިފި އެވެ. އެމީހުން އެ އުފުލަމުންދާ ވޭނުގެ އަޑު ވެސް އިވިއްޖެ އެވެ.

ފޮޓޯގެ ފަހަތުގައިވާ ވާހަކައިގެ މާބޮޑު ތަފުސީލެއް އެ ޕޭޖުގައި ހިއްސާއެއް ނުކުރެ އެވެ. ތައާރަފުގައި ބުނެފައިވާ ގޮތުން ފޮޓޯއިން ދައްކުވައިދެނީ ރާއްޖޭގައި ވެސް ތިބި ބިދޭސީންގެ ހާލަތެވެ. އެ ފޮޓޯއިން ފެންނަނީ ފޯނުން އޭނާގެ އާއިލާއަށް ގުޅައިގެން އިންދަ އެވެ. އޭނާ ފޯނުން ވާހަކަ ދައްކަމުން ދިޔައިރު ގިސްލެވެމުން ގޮސް ބަޑި ފަޅައިގެން ދަނީ އެވެ. އަދި ވަރަށް ބާރަށް އަޑުލައި ރޯ މަންޒަރު ފޮޓޯއިން ރީއްޗަށް ސިފަވެ އެވެ. -- ފޮޓޯއަކީ އިންޑިއާގައި ނަގާފައިވާ ފޮޓޯއެކެވެ.

އެންމެ ފޮޓޯގަނޑަކުން އަހަރެމެންނަށް މި ފެންނުނީ އެތަކެއް ހާސް ބިދޭސީންގެ ވޭނީ ކުކުރުމާއި ރުއިމުގެ އަޑެވެ. ރާއްޖޭގައި އުޅޭ ލައްކައަކާ ކައިރި ކުރާހާ މީހުންގެ ވެސް ހިތުގެ ކެކުޅުމެވެ.

އާއިލާ ގާތަށް ނުދެވި މާލޭގައި 15 ދުވަހަށް ތާށިވުމުން އަހަރެމެންނަށް ކުރި އަސަރު އަދި މިހުރީ ތާޒާކަމާއެކު އެވެ. ވީ އިރު އެމީހުންނަށް ކިހާ އަސަރެއް ކުރާނެ ހެއްޔެވެ؟ ކިހާ ވިސްނުމެއް ކިހާ ފިކުރެއް ކުރާނެ ހެއްޔެވެ؟

ދިވެހިންގެ ތެރެއިން ބައެއްގެ ނުބައި ނުލަފާ ކަމުން އެތައް އާއިލާއަކަށް ކުރިމަތިވެފައިވާ މި ހިތްދަތިކަމުގެ ބަދަލު އެކަން ކުރި ބަޔަކު ދޭން ޖެހޭނެ އެވެ. އެބަޔަކު ދިނަސް ނުދިނަސް އެމީހުންނަށް ކުޑަ ވެސް ތަސައްލީއެއް ނަމަވެސް ފޯރުކޮށް ދިނުމަކީ ދިވެހި އެންމެންގެ މައްޗަށް އޮތް މިވަގުތު އޮތް ވާޖިބެކެވެ. އެމީހުންވެސް ބިކަކޮށް، މަގުމަތިކޮށް ނުލަމާ ހެއްޔެވެ؟ ވެވުނު މިންވަރަކުން އެހީ ވެދޭށެވެ. މާދަމާވެސް މިބަލާއާފާތުން މިންޖުވީވީމާ ގޭތެރޭގައި ބަންޑުން އޮތް ނާށި އުއްޑުން ޖަހައިދޭން އަންނާނީ ވެސް މިއަދު ރޯން އެއިން މީހާ އެވެ.