ބޮލީވުޑް

ނަވާޒުއްދީން ސިއްދީގީގެ އަންހެނުން ވަރިވާން ކޯޓަށް

ބޮލީވުޑް އެކްޓަރު ނަވާޒުއްދީން ސިއްދީގީގެ އަންހެނުން އާލިޔާ ސިއްދީގީ އޭނާ ކައިރިން ވަރިވާން ކޯޓަށް ހިނގައްޖެ އެވެ. ކައިވެނީގައި ބޮޑެތި މައްސަލަތަކެއް ޖެހިފައިވާތީ ވަރިވާން ބޭނުން ކަމަށާއި ޚަރަދު ބަރަދުވެސް ހޯދައިދޭން ނަވާޒުއްދީނުގެ އަންހެނުން ވަނީ ކޯޓުގައި އެދިފަ އެވެ.

އާލިޔާގެ ގާނޫނީ ވަކީލު އިންޑިޔާގެ ނޫހަކާ ވާހަކަ ދައްކަމުން ބުނެފައި ވަނީ ނަވާޒުއްދީނަށް ލީގަލް ނޯޓިސް ފޮނުވީ މި މަހުގެ 7 ވަނަ ދުވަހު ކަމަށެވެ.

ނަވާޒުއްދީނުގެ ލޯބީގެ ހަޔާތަކީ އޭނާ ކުޅެފައިވާ ފިލްމުތަކަށް ވުރެ ވެސް ކުލަތައް ގިނަ އަދި ވަރަށް މަޝްހޫރު ވެފައިވާ ވާހަކަތަކެކެވެ. މިހާރު ރިލީޒް ކޮށްފައިވާ ނަވާޒުއްދީނުގެ ބައޮގްރަފީގައި އޭނާ ކިޔައި ދީފައިވާ ގޮތުގައި އޭނާގެ ފުރަތަމަ ލޯބިވެރިޔާއަކީ އަންޖަލީ ނަމަކަށް ކިޔާ އަންހެން ކުއްޖެކެވެ. ނަމަވެސް އަބަދު ދެ މީހުން އަރާރުން ވާން ޖެހޭތީ އަންޖަލީ އާ ކައިވެނި ކުރުމަށް ނަވާޒުއްދީން ބޭނުން ނުވުމުން އެ ދެ މީހުން ރުޅިވީ އެވެ.

އަންޖަލީ އާ ރުޅިވުމަށްފަހު މަންމަ ހޯދި އަންހެންކުއްޖެއް ކަމަށްވާ ޝީބާ އާއި ނަވާޒުއްދީން ކައިވެނި ކުރި އެވެ. މި ކައިވެނި ކުރީ "ޕަޓަންގް" ގެ ޝޫޓިން ފެށުމުގެ ދުވަސްކޮޅެއް ކުރިންނެވެ. ނަމަވެސް ކައިވެނީގައި ހަމަޖެހިގެން އުޅެވުނީ އެންމެ ދެ މަހު އެވެ. އެ ހިސާބުން މައްސަލަތައް ޖެހި ވަރިވާން ކޯޓަށް ދިޔަ އެވެ. ޝީބާގެ އާއިލާއިން ބުނެފައި ވަނީ ނަވާޒުއްދީނުގެ އާއިލާއިން ޝީބާއަށް އަނިޔާކުރާ ކަމަށެވެ.

ޝީބާ ވަރިކުރުމާއެކު އަނެއްކާ ވެސް ނަވާޒުއްދީނުގެ ހަޔާތަށް އޭނާގެ ފުރަތަމަ ލޯބިވެރިޔާ އަންޖަލީ އައެވެ. މިފަހަރު ހުރިހާ ކަމެއްވެސް ރަނގަޅުވާނެ ކަމުގެ ވައުދާއި އަހުދާ އެކުގައި ދެ މީހުން އަލުން ރައްޓެހިވި އެވެ. އަންޖަލީއަކީ މުސްލިމް ނަމަކަށް ނުވާތީ ކައިވެނި ކުރުމަށް އޭނާގެ ނަން ޒައިނަބަށް ބަދަލު ކުރަން އަންޖަލީ ހުށަހެޅި އެވެ. ފަހުން މި ނަން ކަމުނުދާތީ އަންޖަލީ އަމިއްލައަށް ފަހުން އޭނާގެ ނަން އާލިޔާ އަށް ބަދަލު ކުރީ އެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި އާލިޔާ އާއި ނަވާޒުއްދީނުގެ ކައިވެނީގައި މައްސަލަތައް ޖެހެން ފެށީ 2017 ގައެވެ. އެ ފަހަރު މައްސަލަ ޖެހުނީ ސުނީތާ ރާޖްވަރް ކިޔާ އެކްޓަރަކާ ނަވާޒުއްދީން ލޯބީގެ ގުޅުމެއް ހިންގައިގެންނެވެ.
އޭގެ ފަހުން ވެސް ނަވާޒުއްދީނާއެކު ދިރިއުޅެން އާލިޔާ މަސައްކަތް ކުރި އެވެ. ނަމަވެސް މިހާރު ބުނަނީ ދެން އިތުރަށް އެ ކައިވެނީގައި ދެމިހުންނަން ބޭނުންނުވާ ކަމަށެވެ.

މިވަގުތު ނަވާޒުއްދީން އާއި އާއިލާ ތިބީ އުއްތަރު ޕްރަދޭޝްގެ މުޒައްފަރްނަގަރް ޑިސްޓްރިކްޓްގެ ބުދާނާގައި ހުންނަ ނަވާޒުއްދީނުގެ ގޭގައި ކަރަންޓީނުގަ އެވެ. ނަވާޒުއްދީނުގެ ޓުވީޓެއްގައި ބުނެފައިވަނީ އޭނާގެ ދައްތަ މަރުވުމާ ގުޅިގެން މަންމަ މާ ބޮޑަށް ދެރަވެގެން އުޅޭތީ މަންމަ ކައިރިއަށް ދާން ޖެހުނީމަ ހޯމް ކަރަންޓީނަށް ދާން ޖެހުނީ އެވެ.

ފިލްމީ ރޮނގުން ބަލާއިރު ނަވާޒުއްދީން މިވަގުތު ކުޅެމުންދަނީ ދެ ފިލްމެކެވެ. އެއީ ޕުޝްޕެންދުރަ ނާތު މިތުރާ ޑައިރެކްޓްކުރާ "ގޫމްކެޓޫ" އާއި އޭނާގެ ބޭބެ ޝަމަސް ނަވާބް ސިއްދީގީގެ "ބޯލެ ޗޫޅިޔާ" އެވެ.