ހަބަރު

ހާދިސާތަކުގައި އިހުމާލުވާ ފަރާތްތަކަށް ފިޔަވަޅު އަޅާނަން: ޓްރާންސްޕޯޓް އޮތޯރިޓީ

Sep 20, 2015

ކަނޑު ދަތުރުތަކަށް ސަމާލުވާން މުއައްސަސާ ތަކުން ކުރި އިލްތިމާސް ތަކަށް ނުބަލައި ދަތުރު ކުރާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެ ކަމަށާއި މިހާތަނަށް ހިނގި ހާދިސާތަކުގައި އިހުމާލުވި ފަރާތްތަކުގެ މައްޗަށް ވެސް ތަހުގީގުކޮށް ފިޔަވަޅު އަޅާނެަކަމަށް ޓްރާންސްޕޯޓު އޮތޯރިޓީ އިން ބުނެފި އެވެ.

އެ އޮތޯރިޓީން މިއަދު ބުނީ ކޯސްޓުގާޑާއި މެރީން ޕޮލިސް ފަދަ މުއައްސަސާ ތަކުން ކަނޑުމަތީ ދަތުރުތަކަށް ސަމާލުވާން ކުރި އިލްތިމާސް ތަކަށް ބެލުމެއް ނެތި ދަތުރު ކުރުމުގެ ސަބަބުން ފާއިތުވި ދެތިން ދުވަހެއް ތެރޭގައި ގިނަ ހާދިސާއެއް ހިނގާފައިވާ ކަމަށާއި އަދި މިފަދަ ހާދިސާތަށް ހިނގަން މެދުވެރިވީ ގޮތް ތަހުގީގުކޮށް އިހުމާލުވާ ފަރާތް ތަކަށް މެދު އަޅަންޖެހޭ ފިޔަވަޅު އަޅާނެ ކަމަށެވެ.

"އެގޮތުން ގަވައިދާ ހިލާފުވާ ކެޕްޓަނުންގެ ނެވިގޭޝަން ލައިސެން ހިފެހެއްޓުމާއި އުޅަނދު ފަހަރުގެ ވެރިފަރާތް ނުވަތަ އެއުޅަނދު އޮޕަރޭޓު ކުރާ ފަރާތްތަކާއި މެދުވެސް ވިޔަވަލު އަޅާނެ ވާހަކަ ދަންނަވަން،" ޓްރާންސްޕޯޓުގެ އިއުލާނެއްގައި ބުނެފައި ވެއެވެ.

ކަނޑުމަތީ ދަތުރުކުރުމުގައި އުޅަނދު ދުއްވާފަރާތާއި އުޅަނދުގައި ދަތުރުކުރާ ފަރާތް ތަކުން ސަމާލުވެލަންވީ ކަންތަށްތައް:

- އުޅަނދަކަށް ޕަސަންޖަރުންނާއި މުދާ އުރުވާފައިވަނީ ހުއްދަ ކުރާ މިންވަރަށްކަން ބެލުން.

- ލައިފް ޖެކެޓާއި ސަލާމަތީ ކަންކަން ހުރީ ރަނގަޅު ފެންވަރުގައި ބޭނުން ކުރެވޭގޮތަށްކަން ޔަގީން ކުރުން.

- އުޅަނދުގައި ދަތުރު ކުރާ މީހުންގެ އަދަދު އެންގޭ ގޮތަށް މެނިފެސްތޯއެއް ހަދައިފައި އޮތުން.

- ދުރު ދަތުރުތަށް ކުރާ އުޅަނދުތަކުން މީހުންނަށް އޮޝޯވެވޭނެ ވަރަށް ޖާގަ ބެހެއްޓުން.

- މޫސުން ލަފާކުރާ ގޮތް އޮޅުން ފިލުވުމަށް ފަހު ދަތުރު ފެށުން.