ކޮވިޑާއެކު ދުރު ގާތްކޮށްދޭ އެއް ވަސީލަތަކަށް "ޒޫމް އެޕްލިކޭޝަން" ވެއްޖެ އެވެ. ގިނަ ބަޔަކު މިހާރު ފެނިލައި "ސަލާން ގަލާން" ކޮށްލަން ބޭނުން ކުރަނީ މި އެޕްލިކޭޝަން އެވެ. އެހާ ވަރަށް ގިނަ ބަޔަކަށް މި އެޕް މިވަނީ މުހިންމު ވެފަ އެވެ. އެހެންވެ ދުނިޔެ އަށް ކުރިމަތިވެފައިވާ މި ޕެންޑެމިކާ ގުޅިގެން މިޑް މާކެޓިން ޕްރައިވެޓް ލިމިޓެޑް އިން ވަނީ ޒޫމް ފޯ ފިއުޗާ (ޒެފް) ގެ ނަމުގައި އޮންލައިން އިނގިރޭސި ބަހުން ގެނެސްދޭ، ވީޑިއޯ އިންޓަވިއު ސީރީޒެއް ތައާރަފު ކޮށްފަ އެވެ.
ޒެފް އިންޓަވިއު ސީރީޒްގެ މަގުސަދަކީ އެކި ދާއިރާތަކުގެ ތަޖުރިބާކާރުންނާ އިންޓަވިއުކޮށް އެއް ދާއިރާތަކުގައި އުޅޭ ބޭފުޅުންގެ ލަފާ ހޯދޭނެ ޕްލެޓް ފޯމެއް ގާއިމް ކުރުމެވެ.
މިޑް މާކެޓިން އިން ޒެފްގެ ނަމުގައި ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި 15 އަށް ވުރެ ގިނަ އިންޑަސްޓްރީތަކުގައި މަސައްކަތް ކުރާ، ބޭފުޅުން އެ ބޭފުޅުންގެ ކުންފުނިތައް މި ދަނޑިވަޅުގައި ކުރިއަށް ގެންދެވޭނެ ގޮތާއި އެޅިދާނެ ފިޔަވަޅުތަކާމެދު މަޝްވަރާކޮށް، ލަފާދެވޭނެ ޕްލެޓްފޯމެއް ގާއިމް ކޮށްދެވޭނެ އެވެ.
ސޯޝަލް މީޑިއާ މާކެޓިން އަށް ހާއްސަ މިޑްމާކެޓިން ކުންފުނީގެ މި ހިދުމަތް މެދުވެރިކޮށް ވީޑިއޯ އިންޓަވިއު ސީރީޒްތައް ހިލޭ ތައްޔާރު ކޮށް ދިނުމުގެ މަސައްކަތް މިހާރު ވަނީ ފެށިފަ އެވެ.
އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިރާހް އިބްރާހިމް ވިދާޅުވި ގޮތުގައި "ޒޫމް އިންޓު ދަ ފިއުޗާ" މެދުވެރިކޮށް ތަޖުރިބާކާރުންގެ އިންޓަވިއު ތަކެއް ނެރެވޭނެ ކަމަށާ، މި ހާލަތުގައި ވިޔަފާރި ތަކަށް ކުރި އަސަރާއި މިހާލަތުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތުގެ ވާހަކަތައް ގެނެސްދޭނެ ކަމަށެވެ.
"ރާއްޖެ އަށް ހާއްސަ ކަމެއް ދީފައިވަނީ ކޮވިޑް-19 އާ ގުޅިގެން ޓޫރިޒަމް އިންޑަސްޓްރީ އަށް ކޮށްފައިވާ އަސަރުތަކާއި މިކަން ކަމުން އަރައިގަންނަން އެޅޭނެ ފިޔަވަޅު ތަކަށް. މިއާ އެއް ފަދައިން އެހެން އިންޑަސްޓްރީ ތަކަށް ކޮށްފައިވާ އަސަރުތަކުން ސަލާމަތްވާން ކުރެވޭނެ މަސައްކަތްތައް ވެސް މި ޕްލެޓްފޯމުން ކިޔައިދޭނެ،" މިރާހް ވިދާޅުވި އެވެ.
އެ ކުންފުނިން ބުނީ ކުރިއަށް އޮތް ހަފުތާތެރޭގައި ގިނަ އިންޓަވިއު ތަކެއް ނަގާނެ އެވެ.