ގާނޫނު އަސާސީ އިސްލާހު ކުރުން

ގާނޫނު އަސާސީ އިސްލާހު ކުރުމުން އޭޖީގެ ޝުކުރު މަޖިލީހަށް

ކޮވިޑް-19 ގެ ބަލިކަމުކަމުގެ ހާލަތުގެ ސަބަބުން ކައުންސިލް އިންތިހާބު ނުބޭއްވޭތީ އާ ކައުންސިލަރުން އިންތިހާބު ކުރެވެން ދެން މިހާރު ތިބި ކައުންސިލަރުން މަގާމުގައި ތިބެވޭ ގޮތަށް ގާނޫނު އަސާސީއަށް ގެންނަ އިސްލާހު ރައްޔިތުންގެ މަޖިލީހުން މިރޭ ފާސްކުރުމާއި ގުޅިގެން ބަންޑާރަ ނާއިބް އެކަމަށް މަރުހަބާ ވިދާޅުވެއްޖެ އެވެ.

ސުޕްރީމް ކޯޓުގެ ލަފައަށް ރިއާޔަތްކޮށް ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް ހުށަހެޅުއްވި ބިލަށް އިސްލާހު ގެނެސް ގާނޫނު އަސާސީގެ ލާމަރުކަޒީ ބާބުގައި އިންތިގާލީ މާއްދާއެއް ހިމަނައިގެން އެ ގޮތަށް ބިލު ފާސްކުރީ 74 މެންބަރުންގެ ވޯޓުންނެވެ. ބިލު ފާސްކުރަން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ. ގާނޫނު އަސާސީގައި ބުނާ ގޮތުގައި ގާނޫނު އަސާސީއަށް މަޖިލީހުން އިސްލާހެއް ގެނެވޭނީ މަޖިލީހުގެ ހަތަރުބައި ކުޅަ ތިންބައިގެ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށްގެންނެވެ. މަޖިލީހުގައި މިހާރު 87 މެންބަރުން ތިއްބަވާއިރު، ހަތަރުބައި ކުޅަ ތިންބައިގެ އަޣުލަބިއްޔަތަކީ 66 މެންބަރުންނެވެ.

ގާނޫނު އަސާސީއަށް އިސްލާހު ގެނެސްފައިމިވަނީ ގާނޫނު އަސާސީއަށް އިސްލާހު ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށް ކުރީގެ ދެ އުއްތަމަފަނޑިޔާރުންނާއި ގާނޫނީ ބައެއް ބޭފުޅުންވެސް ވިދާޅުވަމުން ގެންދަވަނިކޮށެވެ. ނަމަވެސް ބަންޑާރަ ނާއިބް ލަފާ ދެއްވީ ގާނޫނު އަސާސީ އިސްލާހު ކުރެއްވުމަށެވެ.

މަޖިލީހުގެ ނިންމެވުމަށް މަރުހަބާ ވިދާޅުވަމުން ރިފްއަތު ވިދާޅުވީ ގާނޫނުއަސާސީއަށް ގެންނަންޖެހޭ އިސްލާހު ގެނެސް، ލާމަރުކަޒީ ނިޒާމު މެދުކެނޑުމެއްނެތި ދެމެހެއްޓުމަށް މަޖިލީހުގެ މެންބަރުން ކޮށްދެއްވި އިހްލާސްތެރި މަސައްކަތްޕުޅަށް ޝުކުރު ދަންނަވާ ކަމަށެވެ.

ކުރީގެ ދެ އުއްތަމަ ފަނޑިޔާރުން ކަމަށްވާ އަހުމަދު ފާއިޒާއި ޑރ. އަހުމަދު އަބްދުﷲ ދީދީ ވަނީ މި ހާލަތުގައި ގާނޫނު އަސާސީ އިސްލާހު ކުރަންޖެހޭ ސަބަބެއް ނެތް ކަމަށް ވިދާޅުވެފައެވެ. އަދި މިހާރު ދިމާވެފައިވާ މައްސަލަތަކަށް ސުޕްރީމް ކޯޓުން ހައްލު ހޯދޭނެ ކަމަށް ވިދާޅުވިއެވެ.