ހަބަރު

ކޭތަޔާ ގުޅިގެން އެންމެ ބޮޑަށް އުދަ އަރާނީ 27 އަދި 28 ގައި: ޑިޒާސްޓާ

Sep 25, 2015

އަންނަ ހޯމަދުވަހު ހިފާ ބޮޑު ހަނދުކޭތައާއި ގުޅިގެން ރާއްޖޭގެ ރަށްރަށަށް އުދަ އަރާނެ ކަމަށް ލަފާކުރެވޭތީ އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން ސަރުކާރުގެ ކަމާއި ބެހޭ ފަރާތްތަކުން އިލްތިމާސްކޮށްފި އެވެ.

ބޮޑު ހަނދުކޭތައާއި ގުޅިގެން ރާއްޖޭގެ ބޮޑު ބަޔަކަށް އުދަ އަރާނެ ކަމަށް ލަފާކުރެވިފައިވާތީ އެކަމާ ބެހޭ މައުލޫމާތު ދިނުމަށް މިރޭ ޓީވީއެމްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޯސްޓް ގާޑުގެ ކޮމާންޑަރު މުހައްމަދު އިބްރާހިމް ވިދާޅުވީ، މި ދުވަސްވަރު ކަނޑުގެ ލޮނުގަނޑު އާދަޔާ ހިލާފަށް އުފުލޭނެކަން ދަނެ އެކަމަށް ސަމާލުވެ ތިބުމަށް އިލްތިމާސްކުރައްވާ ކަމަށެވެ.

މުހައްމަދު އިބްރާހިމް ވިދާޅުވީ، މި ދުވަސްވަރަކީ ދިޔަވަރާއި އޮއިވަރަށް ބަދަލު އަންނަ ދުވަސްވަރެއްކަން ގަބޫލުކޮށް، މޫދަށް ނޭރެން އެދިލައްވާ ކަމަށެވެ. އަދި އާދަޔާ ހިލާފަށް ދިޔަވަރަށް ކުއްލި ބަދަލުތައް އަންނާތީ އޮޑިދޯނިފަހަރު އެޅުމުގައި ވެސް ލިބިދާނެ ގެއްލުމަކަށް ސަމާލުވެ ތިބުމަށް އެދިލައްވާ ކަމަށެވެ.

".. މި މޫސުމުގައި އާދަޔާ ހިލާފަށް ދިޔަވަރު ހިކޭކަން ގަބޫލުކޮށްގެން އޮޑިދޯނިފަހަރު އަޅާ އިރު އެކަމަށް ވެސް ސަމާލުވާން އލްތިމާސްކުރަން. އޮއިވަރު އެކި ރަށްރަށުގައި ހުންނާނީ އެކި މިންވަރަށް. ދިޔަވަރު ބޮޑުވާ ގަޑީގައި، ތޮއްޓާ ގާތް ކޮށްފައި ހުންނަ އޮޑި ދޯނިފަހަރު އުފުލިދާނެ. އެހެންވީމާ އޮޑިދޯނި ގެންގުޅުއްވާ ފަރާތްތަކުން ވެސް މި މޫސުމުގައި އާދަޔާ ހިލާފަށް ދިޔަވަރު ބޮޑުވާ ކަމާއި އަދި އާދަޔާ ހިލާފަށް ދިޔަވަރު ހިކޭކަން ގަބޫލު ކުރައްވައިގެން އޮޑިދޯނިފަހަރަށް ބައްލަވަމުން ގެންދަވަން އިލްތިމާސްކުރަން،" ކާނަލް ވިދާޅުވިއެވެ. ".. އަޅުގަނޑު އިލްތިމާސްކުރަން އުދަ އަރާ ސަރަހައްދުތަކަށް ކުޑަ ކުދިން ނުގެންދިޔުމަށާއި މޫދަށް އެރި ނޫޅުމަށް. ހާއްސަކޮށް ފަތަން ނުދަންނަ ނަމަ މިކަމަމަށް ވަކިން ސަމާލުވާން،"

މެޓް އޮފީހުގެ ފަރާތުން ވާހަކަފުޅުދައްކަވަމުން މެޓް އޮފީހުގެ ޑިރެކްޓަރު އަބްދުލް މުހުސިން ވިދާޅުވީ ހަނދު ކޭތައިގެ ސަބަބުން ދިޔަވަރު ބޮޑުވެ، ދިޔަވަރަށް ބަދަލު އައިސް އުދަ އަރާނެ ކަމަށް ބެލެވެނީ 26 ވަނަ ދުވަހުގެ ރެއިން ފެށިގެން 30 ވަނަ ދުވަހާއި ހަމަޔަށެވެ. [މާދަމާ ރެއިން ފެށިގެން އަންނަ އަންގާރަ ދުވަހާ ހަމައަށް]

ރާއްޖޭގެ ބޮޑު ބަޔަކަށް އުދަ އަރާނެ ކަމަށް ލަފާކުރެވުމާއި ގުޅިގެން މިހާރުވެސް ބޮޑަށް އުދަ އަރާ ރަށްރަށުން މިކަމަށް ސަމާލުވާން ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ފާތުމަތު ތަސްނީމް ވަނީ އިލްތިމާސްކުރައްވާފައެވެ. އެކަމަނާ ވިދާޅުވީ، އުދައިގެ ލޮނުގަނޑު ރަށުތެރެއަށް އަރައިގެން އަންނަ އިރު ގޭގެއާއި ފިހާރަތަކާއި ރެސްޓޯރަންޓް ފަދަ ތަންތަނަށް ލިބިދާނެ ގެއްލުންތައް ކުޑަކުރަން ފަރުދީ ގޮތުން އެޅޭނެ ފިޔަވަޅު ކުރިއާލައި އަޅަން އިލްތިމާސްކުރައްވާ ކަމަށެވެ.

އެގޮތުން އުދަ އަރާ ސަރަހައްދު ކައިރީގައި ހުންނަ ގެތަކުގައި ހުންނަ އަގު ބޮޑު މުދަލާއި ކާޑުގެ ބާވަތްތައް ރައްކާތެރި ހިސާބަކަށް ބަދަލުކުރުމާއި، ލޮނުގަނޑު ވަނަ ނުދޭން ވެލި ބަސްތާ ޖެހުން ފަދަ މަސައްކަތްތައް ފަރުދީ އަދި ރަށު ލެވެލްގައި ކުރެވިދާނެ ކަމަށް ތަސްނީމް ވިދާޅުވިއެވެ.

މިފަދަ ހާލަތުގައި ކައުންސިލުތަކުން މީޑިއާއިން ފޯރުކޮށްދޭ މައުލޫމާތުގެ އިތުރަށް މިނިސްޓްރީ ތަކުން ހިއްސާކުރާ މައުލޫމާތު ތައް އާންމުންނަށް ސައްހަ މައުލޫމާތު ފޯރުކޮށްދޭން އެހީތެރިވުމަށް ރަށު ކައުންސިލުތަކަށް ތަސްނީމް ވަނީ އިލްތިމާސްކުރައްވާފަ އެވެ.

".. އުދަ އަރާކަމަށް ވަންޏާ އެހީތެރިކަމަށް އެދެންޖެހޭ ފަރާތްތަކުގެ އެހީއަށް އެދުމަކީ މުހިއްމު ކަމެއް ކަމެއް. ދިޔަ ހިއްކެން ހުރި ރަށްރަށުގައި ދިޔަ ހިއްކުމަށް ކައުންސިލުތަކުން މަސައްކަތް ކުރަންޖެހޭނެ. މި ރާޅުތައް މުޅި ރަށަށް ފެތުރޭނެ ކަމަށް ލަފާއެއް ނުކުރެވޭ. އެހެންވީމަ ކާޑާއި ފެނާއި އިލެކްޓްރޯނިކް ސާމާނު ރައްކާތެރި ސަރަހައްދު ތަކަށް ގެންދިޔުމަކީ ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅެއް،" ތަސްނީމް ވިދާޅުވިއެވެ.