އާމިނަތު އާތިފާ

ހައުސިން މިނިސްޓަރު އާތިފާ އިސްތިއުފާ ދެއްވައިފި

ހައުސިން މިނިސްޓަރު އާމިނަތު އާތިފާ ޝަކޫރު މަގާމުން އިސްތިއުފާ ދެއްވައިފި އެވެ. އެކަން އެކަމަނާގެ އަރިސް ބައެއް ބޭފުޅުން ވަނީ މިރޭ ޔަގީން ކޮށްދެއްވާފަ އެވެ. އެކަމަނާ އިސްތިއުފާ ދެއްވީ ސިއްހީ ހާލުކޮޅު ގޯސް ވަމުން ގޮސް ކުއްލިއަކަށް ވަރަށް ބޮޑަށް ހާލުކޮޅު ގޯސް ވެގެނެވެ.

މަގާމުގެ މަސްއޫލިއްޔަތު އަދާ ކުރެއްވުމަށް ސިއްހީ ހާލަތު ތަން ނުދޭތީ މަގާމުން އިސްތިއުފާ ދެއްވަން ނިންމަވައި އެކަން އާތިފާ ވަަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ވެސް މިއަދު އަންގަވާފަ އެވެ. ނަމަވެސް އެކަމަނާ މަގާމުން އިސްތިއުފާ އިއުލާން ކުރައްވާނީ މާދަމާގެ ވަގުތެއްގައި ކަމަށް ވެސް އެނގިފައި ވެއެވެ. އަދި އެކަމާއި ގުޅިގެން ރައީސް އޮފީހުން މާދަމާ ބަޔާނެއް ނެރެން ނިންމާފައިވާ ކަމަށް ވެސް ވެއެވެ.

އާތިފާ ގެންދަވަނީ މީގެ އަހަރުތަކެއް ކުރިން ފެށިގެން ބޮޑު ބައްޔަކަށް ބޭސް ކުރައްވަމުންނެވެ. އިސްލާހީ މަސައްކަތުގައި އެކަމަނާ އޭރު މަސައްކަތް ކުރެއްވީ ވެސް ވަރަށް ބޮޑަށް ސިއްހީ ހާލުކޮޅު ގޯސްވެފައި ވަނިކޮށެވެ. އެ ބައްޔަށް ރާއްޖެއިން ބޭރުން ވެސް ގިނަ ދުވަސްތަކަކު ފަރުވާ ހޯއްދެވި އެވެ. އާތިފާ މިނިސްޓަރު ކަމާއި ހަވާލުވެވަޑައިގެންނެވީ ބަލި ހާލަތު ތަންކޮޅެއް ރަނގަޅުވުމާއި ގުޅިގެންނެވެ.

ހައުސިން މިނިސްޓަރު މަގާމުން އިސްތިއުފާ ދެއްވަން ނިންމަވާފައިވާއިރު އެކަމަނާ މަގާމުން ދުރު ކޮށްދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިންތިހާބުވެވަޑައިގެންނެވި މައްޗަންގޮޅީ މެދު ދާއިރާގެ އެމްޑީޕީގެ ރައީސް އިބްރާހިމް ރިޔާޒް ވަނީ އިއްޔެ ރައީސް ނަޝީދަށް ސިޓީއެއް ވެސް ފޮނުވާފަ އެވެ.

އެ ސިޓީގައި ސަރުކާރުގެ ވައުދުތައް ފުއްދުމުގައި އެކަމަނާ ފެއިލްވެފައިވާ ކަމަށާ އެހެން ކަމުން މަޖިލީސް މެދުވެރިކޮށް އެކަމަނާ މަގާމުން ދުރު ކުރުމަށް އެދިފައި ވެއެވެ. މީގެ ކުރިން މަޖިލީހުގެ ބައެއް މެންބަރުން ވެސް ވަނީ އެކި ފަހަރުމަތީން އެކަމަނާއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.

މަަޝްހޫރު ލަވަކިޔުންތެރިޔާ އުމަރު ޒާހިރުގެ އަނބިކަނބަލުން އަދި ކުރީގެ ވަޒީރު އާޒިމާ ޝަކޫރުގެ ދައްތަ އާތިފާ ހައުސިން މިނިސްޓަރަކަށް ވަޑައިގެންނެވީ ކުރީގެ ރައީސް މައުމޫންގެ އެމްއާރްއެމްގެ ސްލޮޓެއްގަ އެވެ.

އާތިފާ ވާނީ ރައީސް ސޯލިހުގެ ކެބިނެޓުން އިސްތިއުފާ ދެއްވާ ދެ ވަނަ މިނިސްޓަރަށެވެ. މީގެ އިސްތިއުފާ ދެއްވީ އަދާލަތު ޕާޓީގެ ސްލޮޓެއްގައި ޖެންޑަ މިނިސްޓަރު ކަމަށް ވަޑައިގެންނެވި ޝިދާތާ ޝަރީފެވެ.