މަގާމުން ދުރު ކުރުން

ޒަހާ ވަކިކުރީ އެއްވެސް މަޝްވަރާއެއް ނެތި!

ފިޝަރީޒް މިނިސްޓަރު ކަމުގައި ހުންނެވި ޒަހާ ވަހީދު: ފޯނު ކޯލަކުން ވަނީ މަގާމުން ވަކިކުރައްވާފައިވާކަން ރޭ ވަނީ އަންގާފައި -- އަވަސް ފޮޓޯ
33.3%
0%
66.7%

ފިޝަރީޒް މިނިސްޓަރު ކަމުގައި ހުންނެވި ޒަހާ ވަހީދު އެ މަގާމު ވަކި ކުރެއްވީ އެކަމަނާ އާއި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) ގެ އިސް ވެރިންނާ އެއްވެސް މަޝްވަރާއެއް ނުކޮށް ކަމަށް އެ ޕާޓީގެ އިސް ބޭފުޅަކު ވިދާޅުވެއްޖެ އެވެ. އެމްއާރްއެމްގެ ސްލޮޓެއްގައި މިނިސްޓަރު ކަމުގައި ހުންނެވި ޒަހާ ވަހީދު އެ މަގާމުން ވަކި ކުރެއްވިކަން އެންގެވީ ރޭގެ ވަގުތެއްގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް ފޯނުން ގުޅުއްވައިގެނެވެ.

އަވަސްއާ ވާހަކަ ދެއްކެވި އެމްއާރްއެމްގެ އިސް، އަދި ޒަހާގެ ގާތް ބޭފުޅަކު ވިދާޅުވި ގޮތުގައި ސަރުކާރުން ކުއްލި ގޮތަަކަށް ޒަހާއަށް އެފަދަ އެންގުމެއް އެންގެވީ އެއްވެސް މަޝްވަރާއެއް ނުކުރައްވަ އެވެ. ޒަހާއާ ވެސް، އެމްއާރްއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އަދި ޕާޓީގެ އިސް ބޭފުޅުންނާ ވެސް އެއްވެސް މަޝްވަރާއެއް ކުރައްވާފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް އެކަމާ ގުޅޭގޮތުން ޒަހާ ވެސް އަދި ރައީސް މައުމޫން ވެސް ވަކި އެއްޗެއް ވިދާޅެއް ނުވެއެވެ.

ޒަހާ މަގާމުން ވަކިކުރައްވާފައި ވަނީ އެކަމަނާ މިނިސްޓަރު ކަމުން ވަކިކުރައްވާ ރައީސް އޮފީހުގެ މަގާމެއް ދެއްވަން ނިންމަވާފައިވާ ކަމުގެ އަޑުތައް ވެސް ގަދަވެފައި ވަނިކޮށެވެ.

ވަޒީރުންގެ މަޖިލީހަށް ބަދަލުތަކެއް ގެންނަވަން ނިންމަވާ އެ މަސައްކަތް ރައީސް ސޯލިހް ފެއްޓެވީ ކޯލިޝަން ޕާޓީތަކަށް އެކަން އެންގެވުމަށްފަހު އެވެ. ކޯލިޝަން ލީޑަރުންނަށް އެންގެވި އެންގެވުމުގައި ރައީސް ސޯލިހް ވިދާޅުވެފައި ވަނީ ބައެއް ވަޒީރުންނަށް މަގާމުގެ މަސްއޫލިއްޔަތު އަދާ ނުކުރެއްވޭ ކަމަށާ އެ ޝަކުވާތަކާއި ކަންބޮޑުވުން ރައްޔިތުންގެ ތެރޭގައި ވަރަށް ބޮޑަށް އެބައޮތް ކަމަށެވެ. އެހެންކަމުން ސަރުކާރުގެ ހިންގުން ހަރުދަނާ ކޮށް ހަލުއި ކުރަން ފިޔަވަޅު އަޅުއްވަން ނިންމަވާފައިވާ ކަމަށެވެ.

ކެބިނެޓަށް ބަދަލުތަކެއް ގެންނަން ނިންމަވާފައިވާ ނިންމުމާ އެއްގޮތަށް ކޯލިޝަން ޕާޓީތަކުގެ ލީޑަރުންނާއެކު ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށް ސަރުކާރުން އާދިއްތަ ދުވަހު ރޭ ވަނީ ބުނެފަ އެވެ.

ޒަހާ، ރައީސް ސޯލިހުގެ އަރިހުގައި ---

ރައީސް އޮފީހުގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބުރޫކް އަޒީޒު ވިދާޅުވީ ސަރުކާރުގެ ހިންގުމަށް ބަދަލު ގެންނަން ޖެހިވަޑައިގަންނަވާ ކަމަށް ދާދި ފަހުން އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ސޯލިހް ވިދާޅުވެފައިވާ ކަމަށެވެ. އަދި ކައުންސިލް އިންތިހާބުގައި ރައްޔިތުން އެ މެސެޖު ސަރުކާރަށް ދީފައިވާ ކަމަށެވެ.

"ރައީސް މިވަގުތު ކުރައްވަމުން ގެންދަވާ މަސައްކަތަކީ ކޯލިޝަންގެ ޕާޓްރަނުންނާއެކު މި ބަދަލުތަކާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުން. ސަރުކާރު ހިންގުމަށް ގެންނަން ޖެހޭ ބަދަލުތަކުގެ ވާހަކަތަކުގެ ތެރެއިން އެެއް ވާހަކައެއް ހިންގަވަން ތިއްބަވާ ބޭފުޅުންނާ ގުޅޭ ވާހަކައަކީ. އަދި އޭގެ ތެރެއިން އެއް ސަބް ޕޮއިންޓް ކެބިނެޓްގައި ތިއްބަވާ ވަޒީރުންނާއި ގުޅޭގޮތުން ދެކެވޭ ވާހަކަތައް. ޖުމްލަ ގޮތެއްގައި އެއަށްވުރެ މާފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރަމުން ދަނީ،" މަބުރޫކް ވިދާޅުވި އެވެ.

އެ ވާހަކަތަކާއި ގުޅިގެން އަވަސްއާ ވާހަކަ ދެއްކި ބައެއް ޕާޓީތަކުގެ އިސް ބޭފުޅުން ވިދާޅުވީ ކެބިނެޓަށް ބަދަލުތަކެއް ގެންނަންވަން ނިންމަވާ ކަމަށް ވިދާޅުވުން ފިޔަވައި އެހެން މަޝްވަރާތަކެއް އަދި ކުރައްވާފައި ނުވާ ކަމަށެވެ. ޗީފް އޮފް ސްޓާފް ސޮއިކުރައްވާ ރައީސްގެ އެންގެވުން ސިޓީއަކުން ފޮނުއްވާފައިވާ ކަމަށާ ނަމަވެސް އެ ސިޓީން ބަދަލު ގެންނަން ޖެހެނީ ކޮން ވުޒާރާތަކަކަށް ކަމެއް އަދި އަންނަން ޖެހޭ ބަދަލުތަަކަކީ ކޮބައި ކަން ސާފު ނުވާ ކަމަށެވެ.

"އެ ސިޓީގައި އޮތީ އެމަނިކުފާނު ގަސްތު ކުރައްވާ ނުވަތަ ނިންމަވާފައި އޮތް ކަމެއްގެ ވާހަކަ. އޭގެ ފަހުން ކުރަން ޖެހޭ ކަމަށް ވިދާޅުވާ މަޝްވަރާ އަދި ނުކުރައްވާ. ސަރުކާރުން އެހެން ވިދާޅުވީ ކީއްވެ ކަމެއް އަޅުގަނޑުމެންނަށް ނޭނގެ،" ކުރިން މަޖިލީސް މެންބަރުކަން ކުރެއްވި ކޯލިޝަންގައި ހިމެނޭ ޕާޓީއެއްގެ އިސް ބޭފުޅަކު ވިދާޅުވި އެވެ.

އެހެން ޕާޓީއެއްގެ ބޭފުޅަކު ވިދާޅުވި ގޮތުގައި އެއްވެސް ވަޒީރެއްގެ މަގާމު ބަދަލު ކުރައްވާނަމަ އެ ވަޒީރަކަށް ނުކުރެއްވުނު ކަމެއް ބުނެ ދޭން ޖެހޭނެ އެވެ. އަދި އެއީ ހަގީގަތް ނަމަ އެ ވަޒީރަކަށް އެހެން މަގާމެއް ވެސް ދެއްވަން ޖެހޭ ސަބަބެއް ނެތެވެ.

އޭނާ ވިދާޅުވި ގޮތުގައި ކެބިނެޓަށް ބޮޑެތި ބަދަލުތަކެއް ގެނައުމަކީ ވަރަށް ބޮޑު ކަމެކެވެ. އެކަމުގެ ސަބަބުން ކޯލިޝަން ސަރުކާރު ދެމެހެއްޓުމަށް ބުރޫއަރާނެ ފަދަ ކަމަކަށް އެކަން ވެދާނެ އެވެ. އެހެންވީމަ ރައީސް އިސްވެ ރަނގަޅު މަޝްވަރާތަކެއް ކުރެއްވުން ވަރަށް މުހިންމެވެ.

"މިހާރުވެސް އެމްޑީޕީ ފިޔަވައި އެހެން ހުރިހާ ޕާޓީތަކެއްގެ ގޮނޑިއެއް ކެބިނެޓުން ގެއްލިއްޖެ. ޝަކުވާ އޮތަސް އެ ވާހަކަތައް ބޭރުނުވެ އޮތީ ކޯލިޝަން ދަމަހައްޓަން ހުރިހާ ޕާޓީތަކުންވެސް ބޭނުންވާތީ. ނަމަވެސް މިހާރު އިވޭ އަޑުތައް އެއީ ހަގީގަތެއް ނަމަ އަދި އެގޮތަށް ރައީސް އަމަލު ކުރައްވައިފިނަމަ ކޯލިޝަނަށް ގޮންޖެހުން ކުރިމަތިވާނެ. ކޯލިޝަން ދަމަހައްޓަން ފަސޭހައެއް ނުވާނެ. އެހެންވީމަ ޕާޓީތަކުގެ މެދުގައި ރަނގަޅު އަންޑަސްޓޭޑިންއެއް އޮވެގެން ރައީސް އިސްވެ ގެންނަވާ ބަދަލުތަކާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުން މުހިންމު. އަދި އެއްބަސްވެވޭ ގޮތަކަށް ކަންކަން ނިންމުން ވަރަށް ބުއްދިވެރި،" ނަން ހާމަނުކުރައްވަން އެދިވަޑައިގެން ޕާޓީއެއްގެ ކައުންސިލްގައި ހިމެނިވަޑައިގަންނަވާ ބޭފުޅަކު ވިދާޅުވި އެވެ.

4 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ކަނޑާލާކަނޑާލާ

ތަމެންނަށް ރާއްޖޭގެ ވެރިކަން ނުވާނެއޭ ތަމެން އިސްތިއުފާ ދީފައި ރަށަށް ކަނޑާލާ ދެން ކަނޑާލާ ކަނޑާލާ...

މިއަދު

ވަކިކުރާނެ ނުބައިތިއްބާނެ އެމްޑީޕީނޫން ދެމީހުންފިޔަވާ އެއްމެން ވަކިކުރާނެ ޓްރާންސްޕޯޓް މިނިސްޓަރ ހެރިޓޭޖު މިނިސްޓަރ ނުކުރާނެ ނުވެސް ކެރޭނެ

މުބީނު މާރނީ

ޒަހާ ގެ ބޭނުން އޭނާ ހިފައިފި. ޒަހާ ގެ ބޭނުމަކީ އެމް.ޑީ.ޕީ އަށް ވޯޓް ލިބުނަ ނުދިނުން. އެއީ ޤަވާޢިދުތައް ޒަހާ ނުހެދި ކަމަކީ.

ބެއްޔާބެ

ޕާފޯމަންސްގައި މައްސަލައެއް އުޅެގެން ވަކިކުރަންޏާ އެންމެ ދަށްކޮށް އޮތީ ބޯހިޔާވަހިކަން. އަސްލަމް އަށް ވެސް ވަގުތު ދެވިއްޖެ. ނަމަވެސް ނަތީޖާއެއް ނުނިކުމޭ. ހަދާފައި ހުރި ތަންތަން ނުދެވިގެން އުޅޭ އިރު އެކަށީގެންވާ މަޝްރޫއެއް ވެސް އާންމުންނަށް ފެންނަ ވަރެއް ނުކޮށްދެވުނު. އެހެންވީމާ އަސްލަމް ވަކިކުރާކަށް ނުޖެހޭތޯ؟

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345