ޒަހާ ވަހީދު

ޒަހާގެ އުފަންދުވަހުގެ ހަދިޔާ: ވަޒީރުކަން އަތުލުން!

ޒަހާ ވަހީދު
0%
0%
0%

ފިޝަރީޒް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި ޒަހާ ވަހީދު އެ މަގާމުން ވަކި ކުރައްވަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ނިންމަވާފައިވާ ކަމުގެ އަޑުތައް ރަށުތެރޭގައި ފެތުރެމުންދާތާ ހަފްތާއެއްހާ ދުވަސް ވެއްޖެ އެވެ. ނަމަވެސް ރެއާ ހަމައަށް ވެސް އެކަމާއި ގުޅޭ ގޮތުން ސަރުކާރުން ރަސްމީކޮށް ވަކި އެއްޗެއް ނުބުނެ އެވެ. ސަރުކާރުގެ ތަރުޖަމާނު ވިދާޅުވިހާ ވެސް ވާހަކަފުޅަކީ ސަރުކާރަށް ބަދަލުތަކެއް ގެންނަން ރައީސް މަސައްކަތްޕުޅު ކުރައްވަމުން ގެންދަވާ ކަަމަށެވެ. އަދި ސަރުކާރަށް ގެންނަވާ ބަދަލުގައި ވަޒީރުންގެ މަޖިލީސް އެއީ މުހިންމު ދިމާއެއް ކަަމަށް ވިދާޅުވިއެވެ.

އަދި ސަރުކާރަށް ގެންނަވާ ކޮންމެ ބަދަލެއް ގެންނަވާނީ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާއެކު ކުރައްވާ މަޝްވަރާތަކަށް ފަހު ކަމަށް ވިދާޅުވިއެވެ. އެ މަޝްވަރާތައް މިހާރު ހިނގަމުންދާ ކަަމަށްވެސް މިދިޔަ އާދިއްތަ ދުވަހުގެ ރޭ އޮތް ނޫސްވެރިންގެ ބައްދަލްވުމުގައި ސަރުކާރުގެ ތަރުޖަމާން ވިދާޅުވި އެވެ.

ނަމަވެސް ކުއްލި ގޮތަކަށް ފިޝަރީޒް މިނިސްޓަރު ކަމުން ޒަހާ ވަހީދު ވަކި ކުރައްވާފައިވާކަން ރޭގެ ވަގުތެއްގައި އެކަމަނާއަށް ވަނީ އަންގަވާފަ އެވެ. އެކަން އެންގެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު، އެކަމަނާއަށް ފޯނުން ގުޅުއްވަ އެވެ.

އެ މައުލޫމާތު އެނގިވަޑައިގަންނަވާ ބޭފުޅަކު ވިދާޅުވި ގޮތުގައި މެންދަމު 12 ޖަހަން ދާދި ގާތްވެފައިވަނިކޮށް އަލީ ޒާހިރު ފޯނު ކުރެއްވި އެވެ. އަދި މަގާމުން ވަކި ކުރައްވާފައިވާ ކަމަށް ދެންނެވުމަށް ރަައީސުލްޖުމްހޫރިއްޔާ އެންގެވި ކަމަށް ވިދާޅުވިއެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މަގާމެއް ހަމަޖައްސައިވައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ކަމަށްވެސް އަލީ ޒާހިރު، ޒަހާ އަރިހުގައި ދެންނެވިއެވެ. ނަމަވެސް އެއީ ކޮން މަގާމެއްކަން އަދި އެހެން ވިދާޅުވި ކަމެއް އަވަސްއަށް ކަށަވަރެއް ނުކުރެވުނެވެ.

ސަރުކާރަށް ގެންނަވާ ފުރަތަމަ ބަދަލެއްގެ ގޮތުން ޒަހާ މަގާމުން ވަކިކުރެއްވިއިރު މިއަދަކީ އެކަމަނާގެ އުފަން ދުވަހެވެ. ބައެއް މީހުން ދެކޭ ގޮތުގައި މިއީ ސަރުކާރުން ޒަހާއަށް ކުރި ވަރަށް ބޮޑު ފުރައްސާރަ އެކެވެ.

"މަގާމުން ވަކިކުރަން މިއަށްވުރެ ރީތި ގޮތްގޮތް ވެސް ހުންނާނެ. ހަފްތާއެއް ވަނީ ޒަހާއާ ގުޅޭ އެކި ވާހަކަތައް އެކި ގޮތްގޮތުން ފެތުރޭތާ. އެއިން އެއްވެސް ވާހަކައެއް ދޮގު ނުކޮށް އަދި އެއިން ކަަމެއްގެ މަައުލޫމާތު ވެސް ސާފުކޮށް ނުދީ ކުއްލި ގޮތަކަށް ދަންވަރު ފޯނު ކޮށްލާފައި މަގާމުން ވަކި މި ކުރަނީ. އަދި އެވެސް ޒަހާގެ އުފަންދުވަހާ ދިމާކޮށް. އެކުގައި ކުރި ބުރަ މަސައްކަތުގެ އިނާމަކީ މިއީތަ،" ޒަހާއާ ވަރަށް ގާތް ބޭފުޅަކު ވިދާޅުވިއެވެ.

އަވަސްއާ ވާހަކަ ދެއްކެވި އެމްއާރްއެމްގެ އިސް، އަދި ޒަހާގެ ގާތް ބޭފުޅަކު ވިދާޅުވި ގޮތުގައި ސަރުކާރުން ކުއްލި ގޮތަަކަށް ޒަހާއަށް އެފަދަ އެންގުމެއް އެންގެވީ އެއްވެސް މަޝްވަރާއެއް ނުކުރައްވަ އެވެ. ޒަހާއާ ވެސް، އެމްއާރްއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އަދި ޕާޓީގެ އިސް ބޭފުޅުންނާ ވެސް އެއްވެސް މަޝްވަރާއެއް ކުރައްވާފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް އެކަމާ ގުޅޭގޮތުން ޒަހާ ވެސް އަދި ރައީސް މައުމޫން ވެސް ވަކި އެއްޗެއް ވިދާޅެއް ނުވެއެވެ.

ޒަހާ މަގާމުން ވަކިކުރައްވާފައި ވަނީ އެކަމަނާ މިނިސްޓަރު ކަމުން ވަކިކުރައްވާ ރައީސް އޮފީހުގެ މަގާމެއް ދެއްވަން ނިންމަވާފައިވާ ކަމުގެ އަޑުތައް ވެސް ގަދަވެފައި ވަނިކޮށެވެ.

ވަޒީރުންގެ މަޖިލީހަށް ބަދަލުތަކެއް ގެންނަވަން ނިންމަވާ އެ މަސައްކަތް ރައީސް ސޯލިހް ފެއްޓެވީ ކޯލިޝަން ޕާޓީތަކަށް އެކަން އެންގެވުމަށްފަހު އެވެ. ކޯލިޝަން ލީޑަރުންނަށް އެންގެވި އެންގެވުމުގައި ރައީސް ސޯލިހް ވިދާޅުވެފައި ވަނީ ބައެއް ވަޒީރުންނަށް މަގާމުގެ މަސްއޫލިއްޔަތު އަދާ ނުކުރެއްވޭ ކަމަށާ އެ ޝަކުވާތަކާއި ކަންބޮޑުވުން ރައްޔިތުންގެ ތެރޭގައި ވަރަށް ބޮޑަށް އެބައޮތް ކަމަށެވެ. އެހެންކަމުން ސަރުކާރުގެ ހިންގުން ހަރުދަނާ ކޮށް ހަލުއި ކުރަން ފިޔަވަޅު އަޅުއްވަން ނިންމަވާފައިވާ ކަމަށެވެ.

ކެބިނެޓަށް ބަދަލުތަކެއް ގެންނަން ނިންމަވާފައިވާ ނިންމުމާ އެއްގޮތަށް ކޯލިޝަން ޕާޓީތަކުގެ ލީޑަރުންނާއެކު ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށް ސަރުކާރުން އާދިއްތަ ދުވަހު ރޭ ވަނީ ބުނެފަ އެވެ.

އެ ވާހަކަތަކާއި ގުޅިގެން އަވަސްއާ ވާހަކަ ދެއްކި ބައެއް ޕާޓީތަކުގެ އިސް ބޭފުޅުން ވިދާޅުވީ ކެބިނެޓަށް ބަދަލުތަކެއް ގެންނަންވަން ނިންމަވާ ކަމަށް ވިދާޅުވުން ފިޔަވައި އެހެން މަޝްވަރާތަކެއް އަދި ކުރައްވާފައި ނުވާ ކަމަށެވެ.

3 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ހައިރާން

އުފަންދުވަހާއި މަގާމާ އޮތީ ކޮން ގުޅުމެއް...ސާބަސް...

މުބީނު މާރނީ

ކީއްވެ ގުޅުން ނެތީ. އިންސާނީ ޙަޔާތުގައި ލިބޭނެ އުފަލެއް އުފަންދުވަހަކީ. އެދުވަހާ ދިމާކޮށް ބޮޑު ހިތާމައެއް އުފުލާކަށް އެއްވެސް އިންސާނަކު ބޭނުމެއް ނުވާނެ.

ޓ

ހުތުރުކޮށް ނޫނީ އެއްކަމެއް ވެސް އެމްޑީޕިން ނުކުރާނެ

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345