ފިޝަރީޒް މިނިސްޓަރު ކަމުން ޒަހާ ވަހީދު މިއަދު އިސްތިއުފާ ދެއްވައިފި ކަމަށް ރައީސް އޮފީހުން ބުނުމުން އެކަމަނާ މަގާމުން ދުރު ކުރީތޯ އެކަމަނާ މަގާމުން އިސްތިއުފާ ދެއްވީތޯ ސުވާލު އުފެދިއްޖެ އެވެ.
ރައީސް އޮފީހުން އެ އޮފީހުގެ ވެބްސައިޓްގައި ޒަހާއާއި ގުޅޭގޮތުން މިއަދު ލިޔުމެއް އާންމުކޮށްފައި ވެއެވެ. އޭގައި ބުނެފައިވަނީ ޒަހާގެ އިސްތިއުފާގެ ސިޓީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންފައިވާ ކަމަށެވެ. އަދި އެ ސިޓީއާއި ގުޅިގެން ވަޒީރު ކަމުގެ މަގާމުގައި ހުންނަވައިގެން ޒަހާ ވަހީދު ކޮށްދެއްވި އިހުލާސްތެރި ހިދުމަތްތަކަށް ރައީސް ޝުކުރު އަދާކުރައްވާފައި ކަމަށެވެ.
އެކަމަކު މިދިޔަ ހޯމަ ދުވަހުގެ ރޭ ދަންވަރު ޒަހާ މަގާމުން ވަކިކުރީ ކަމަށް މީޑިއާގައި ވަނީ ރިޕޯޓް ކޮށްފައިވެ އެވެ. އެކަން ޒަހާވެސް އަދި ރައީސް އޮފީހުން ވެސް ދޮގެއް ނުކުރެ އެވެ.
މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) ގެ ސްލޮޓެއްގައި މިނިސްޓަރު ކަމުގައި ހުންނެވި ޒަހާ މަގާމުން ވަކިކުރެއްވިކަން އެންގެވީ ހޯމަ ދުވަހުގެ ރޭގެ ވަގުތެއްގައި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު، ޒަހާއަށް ފޯނުން ގުޅުއްވުމަށް ފަހު އެވެ.
ޒަހާ އަށް ރައީސް އޮފީހުގެ މަގާމެއް ދެއްވުމަށް ނިންމެވި ކަމަށް އަޑުތަކެއް އަރާފައިވެ އެވެ.
ޒަހާ މަގާމުން ވަކިކުރެއްވުމުގެ ކުރިން އެކަމަނާގެ މަސައްކަތުގެ ނަތީޖާއާ މެދު ސުވާލު އުފެދިގެން ނުވަތަ ހިތްހަމަޖެހިވަޑައިނުގެން ރައީސް ސޯލިހް އެއްވެސް އިރަކު މަޝްވަރާ ކުރައްވާފައި ނުވާ ކަމަށް އެމްއާރްއެމުން ބުނެފައިވެ އެވެ.