ޒަހާ ވަހީދު

ޒަހާ ވަހީދު މަގާމުން ވަކިކޮށްފި

ފިޝަރީޒް މިނިސްޓަރު ކަމުގައި ހުންނެވި ޒަހާ ވަހީދު އެ މަގާމުން ވަކިކުރައްވައިފި އެވެ.

މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) ގެ ސްލޮޓެއްގައި މިނިސްޓަރު ކަމުގައި ހުންނެވި ޒަހާ ވަހީދު އެ މަގާމުން ވަކިކުރެއްވިކަން އެންގެވީ މިރޭގެ ވަގުތެއްގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް ފޯނުން ގުޅުއްވައެވެ.

ޒަހާ މަގާމުން ވަކިކުރައްވާފައި މިވަނީ އެކަމަނާ މިނިސްޓަރު ކަމުން ވަކިކުރައްވާ ރައީސް އޮފީހުގެ މަގާމެއް ދެއްވަން ނިންމަވާފައިވާ ކަމުގެ އަޑުތައްވެސް ގަދަވެފައިވަނިކޮށެވެ.

ވަޒީރުންގެ މަޖިލީހަށް ބަދަލުތަކެއް ގެންނަވަން ނިންމަވާ އެ މަސައްކަތް ރައީސް ސޯލިހް ފެއްޓެވީ ކޯލިޝަން ޕާޓީތަކަށް އެކަން އެންގެވުމަށްފަހު އެވެ. ކޯލިޝަން ލީޑަރުންނަށް އެންގެވި އެންގެވުމުގައި ރައީސް ސޯލިހް ވިދާޅުވެފައިވަނީ ބައެއް ވަޒީރުންނަށް މަގާމުގެ މަސްއޫލިއްޔަތު އަދާނުކުރެއްވޭ ކަމަށާ އެކަމުގެ ޝަކުވާތަކާއި ކަންބޮޑުވުން ރައްޔިތުންގެ ތެރޭގައި ވަރަށް ބޮޑަށް އެބައޮތް ކަމަށެވެ. އެހެންކަމުން ސަރުކާރުގެ ހިންގުން ހަރުދަނާ ކުރައްވާ ހަލުވި ކުރެއްވުމަށް ފިޔަވަޅު އަޅުއްވަން ނިންމަވާފައިވާ ކަމަށެވެ.

ކެބިނެޓަށް ބަދަލުތަކެއް ގެންނަން ނިންމަވާފައިވާ ނިންމުމާ އެއްގޮތަށް ކޯލިޝަން ޕާޓީތަކުގެ ލީޑަރުންނާއެކު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށް ސަރުކާރުން ރޭ ވަނީ ހާމަކޮށްފައެވެ.

ރައީސް އޮފީހުގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު މަބުރޫކް އަޒީޒު ވިދާޅުވީ ސަރުކާރުގެ ހިންގުމަށް ބަދަލު ގެންނަން ޖެހިވަޑައިގަންނަވާ ކަމަށް ދާދި ފަހުން އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެފައިވާ ކަމަށެވެ. އަދި ކައުންސިލް އިންތިހާބުގައި ރައްޔިތުން އެ މެސެޖު ވެސް ސަރުކާރަށް ދީފައިވާ ކަމަށެވެ.

"ރައީސް މިވަގުތު ކުރައްވަމުން ގެންދަވާ މަސައްކަތަކީ ކޯލިޝަންގެ ޕާޓްރަނުންނާއެކު މި ބަދަލުތަކާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުން. ސަރުކާރު ހިންގުމަށް ގެންނަން ޖެހޭ ބަދަލުތަކުގެ ވާހަކަތަކުގެ ތެރެއިން އެެއް ވާހަކައެއް ހިންގަވަން ތިއްބަވާ ބޭފުޅުންނާ ގުޅޭ ވާހަކައަކީ. އަދި އޭގެ ތެރެއިން އެއް ސަބް ޕޮއިންޓް ކެބިނެޓްގައި ތިއްބަވާ ވަޒީރުންނާއި ގުޅޭގޮތުން ދެކެވޭ ވާހަކަތައް. ޖުމްލަ ގޮތެއްގައި އެއަށްވުރެ މާފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރަމުން ދަނީ،" މަބުރޫކް ވިދާޅުވި އެވެ.

އެ ވާހަކަތަކާއި ގުޅިގެން އަވަސްއާ ވާހަކަ ދެއްކި ބައެއް ޕާޓީތަކުގެ އިސް ބޭފުޅުން ވިދާޅުވީ ކެބިނެޓަށް ބަދަލުތަކެއް ގެންނަންވަން ނިންމަވާ ކަމަށް ވިދާޅުވުން ފިޔަވައި އެހެން މަޝްވަރާތަކެއް އަދި ކުރައްވާފައި ނުވާ ކަމަށެވެ. ޗީފް އޮފް ސްޓާފް ސޮއިކުރައްވާ ރައީސްގެ އެންގެވުން ސިޓީއަކުން ފޮނުއްވާފައިވާ ކަމަށާ ނަމަވެސް އެ ސިޓީން ބަދަލު ގެންނަން ޖެހެނީ ކޮން ވުޒާރާތަކަކަށް ކަމެއް އަދި އަންނަން ޖެހޭ ބަދަލުތަަކަކީ ކޮބައިކަމެއް ސާފުނުވާ ކަމަށެވެ.

"އެ ސިޓީގައި އޮތީ އެމަނިކުފާނު ގަސްތުކުރައްވާ ނުވަތަ ނިންމަވާފައި އޮތް ކަމެއްގެ ވާހަކަ. އޭގެ ފަހުން ކުރަން ޖެހޭ ކަމަށް ވިދާޅުވާ މަޝްވަރާ އަދި ނުކުރައްވާ. ރޭގައި ސަރުކާރުން އެހެން ވިދާޅުވީ ކީއްވެ ކަމެއް އަޅުގަނޑުމެންނަށް ނޭނގެ،" ކުރިން މަޖިލީސް މެންބަރުކަން ކުރެއްވި ކޯލިޝަންގައި ހިމެނޭ ޕާޓީއެއްގެ އިސް ބޭފުޅަކު ވިދާޅުވި އެވެ.

އެހެން ޕާޓީއެއްގެ ބޭފުޅަކު ވިދާޅުވި ގޮތުގައި އެއްވެސް ވަޒީރެއްގެ މަގާމު ބަދަލު ކުރައްވާނަމަ އެ ވަޒީރަކަށް ނުކުރެއްވުނު ކަމެއް ބުނެދެއްވަން ޖެހޭނެ އެވެ. އަދި އެއީ ހަގީގަތް ނަމަ އެ ވަޒީރަކަށް އެހެން މަގާމެއްވެސް ދެއްވަން ޖެހޭ ސަބަބެއް ނެތެވެ.

އޭނާ ވިދާޅުވި ގޮތުގައި ކެބިނެޓަށް ބޮޑެތި ބަދަލުތަކެއް ގެނައުމަކީ ވަރަށް ބޮޑު ކަމެކެވެ. އެކަމުގެ ސަބަބުން ކޯލިޝަން ސަރުކާރު ދެމެހެއްޓުމަށް ބުރޫއަރާނެ ފަދަ ކަމަކަށް އެކަން ވެދާނެ އެވެ. އެހެންވީމަ ރައީސް އިސްވެ ރަނގަޅު މަޝްވަރާތަކެއް ކުރެއްވުން ވަރަށް މުހިންމެވެ.

"މިހާރުވެސް އެމްޑީޕީ ފިޔަވައި އެހެން ހުރިހާ ޕާޓީތަކެއްގެ ގޮނޑިއެއް ކެބިނެޓުން ގެއްލިއްޖެ. ޝަކުވާ އޮތަސް އެ ވާހަކަތައް ބޭރުނުވެ އޮތީ ކޯލިޝަން ދަމަހައްޓަން ހުރިހާ ޕާޓީތަކުންވެސް ބޭނުންވާތީ. ނަމަވެސް މިހާރު އިވޭ އަޑުތައް އެއީ ހަގީގަތެއް ނަމަ އަދި އެގޮތަށް ރައީސް އަމަލު ކުރައްވައިފިނަމަ ކޯލިޝަނަށް ގޮންޖެހުން ކުރިމަތިވާނެ. ކޯލިޝަން ދަމަހައްޓަން ފަސޭހައެއް ނުވާނެ. އެހެންވީމަ ޕާޓީތަކުގެ މެދުގައި ރަނގަޅު އަންޑަސްޓޭޑިންއެއް އޮވެގެން ރައީސް އިސްވެ ގެންނަވާ ބަދަލުތަކާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުން މުހިންމު. އަދި އެއްބަސްވެވޭ ގޮތަކަށް ކަންކަން ނިންމުން ވަރަށް ބުއްދިވެރި،" ނަން ހާމަނުކުރައްވަން އެދިވަޑައިގެން ޕާޓީއެއްގެ ކައުންސިލްގައި ހިމެނިވަޑައިގަންނަވާ ބޭފުޅަކު ވިދާޅުވިއެވެ.