ރައީސް މައުމޫން އަބްދުލްގައްޔޫމް

ޒަހާގެ އުފަންދުވަހު މައުމޫންގެ ތައުރީފު

މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) ގެ ސްލޮޓެއްގައި ފިޝަރީޒް މިނިސްޓަރަކަށް ހުންނަވަނިކޮށް މަގާމުން ވަކިކުރެއްވި ޒަހާ ވަހީދަށް، އެމްއާރްއެމްގެ ރައީސް އަދި މި ސަރުކާރު ހިންގާ ކޯލިޝަންގެ އެއް ލީޑަރު ރައީސް މައުމޫން އަބްދުލްގައްޔޫމް ތައުރީފު ކުރައްވައިފި އެވެ.

ފިޝަރީޒް މިނިސްޓަރު ކަމުން ޒަހާ ވަހީދު ވަކި ކުރައްވާފައިވާކަން ރޭގެ ވަގުތެއްގައި އެކަމަނާއަށް ވަނީ އަންގަވާފަ އެވެ. އެކަން އެންގެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު، އެކަމަނާއަށް ފޯނުން ގުޅުއްވަ އެވެ.

އެ މައުލޫމާތު އެނގިވަޑައިގަންނަވާ ބޭފުޅަކު ވިދާޅުވި ގޮތުގައި މެންދަމު 12 ޖަހަން ދާދި ގާތްވެފައިވަނިކޮށް އަލީ ޒާހިރު ފޯނު ކުރެއްވި އެވެ. އަދި މަގާމުން ވަކި ކުރައްވާފައިވާ ކަމަށް ދެންނެވުމަށް ރަައީސުލްޖުމްހޫރިއްޔާ އެންގެވި ކަމަށް ވިދާޅުވިއެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މަގާމެއް ހަމަޖައްސައިވައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ކަމަށްވެސް އަލީ ޒާހިރު، ޒަހާ އަރިހުގައި ދެންނެވިއެވެ. ނަމަވެސް އެއީ ކޮން މަގާމެއްކަން އަދި އެހެން ވިދާޅުވި ކަމެއް އަވަސްއަށް ކަށަވަރެއް ނުކުރެވުނެވެ.

އެކަމަނާ މަގާމުން ވަކިކުރައްވާފައިވާއިރު މިއަދަކީ ޒަހާގެ އުފަންދުވަަހެވެ.

ޒަހާއަށް އުފަން ދުވަހުގެ ތަހުނިޔާ ފޮނުއްވާ މައުމޫން ކުރެއްވި ޓްވީޓެއްގައި އެކަމަނާއަށް ތައުރީފު ކުރައްވާ ވިދާޅުވީ ޒަހާ މަސްއޫލިއްޔަތު އަދާކުރެއްވީ ރަނގަޅަށް ކަމަށެވެ. އަަދި ކާމިޔާބަށް އެދިވަޑައިގެންނެވިއެވެ.

އަވަސްއާ ވާހަކަ ދެއްކެވި އެމްއާރްއެމްގެ އިސް، އަދި ޒަހާގެ ގާތް ބޭފުޅަކު ވިދާޅުވި ގޮތުގައި ސަރުކާރުން ކުއްލި ގޮތަަކަށް ޒަހާއަށް އެފަދަ އެންގުމެއް އެންގެވީ އެއްވެސް މަޝްވަރާއެއް ނުކުރައްވަ އެވެ. ޒަހާއާ ވެސް، އެމްއާރްއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އަދި ޕާޓީގެ އިސް ބޭފުޅުންނާ ވެސް އެއްވެސް މަޝްވަރާއެއް ކުރައްވާފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް އެކަމާ ގުޅޭގޮތުން ޒަހާ ވެސް އަދި ރައީސް މައުމޫން ވެސް ވަކި އެއްޗެއް ވިދާޅެއް ނުވެއެވެ.