އާމިނަތު އާތިފާ

އިއްޔެ އާތިފާއަށްކީ ފާޑު، މިއަދު ކުރަނީ ހެޔޮ ދުއާ!

ހައުސިން މިނިސްޓަރު ކަމުގެ މަގާމުން އިއްޔެ އިސްތިއުފާ ދެއްވި އާމިނަތު އާތިފާ ޝަކޫރަކީ ދައުރުތަކަށް ބެހިގެންދާ ގޮތަށް ހައުސިން މިނިސްޓްރީގަ އާއި ހައުސިންއާ ގުޅޭ އިދާރާތަކުގައި ވަރަށް ގިނަ ދުވަހު ހިދުމަތް ކުރެެއްވި ހިދުމަތްތެރި ބޭފުޅެކެވެ. ހައުސިން މިނިސްޓްރީގެ ތަފާތު މަގާމުތައްް ފުރުއްވެވި އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެބިނެޓަށް އެކަމަނާ ވަޑައިގެންނެވީ ރައީސް މައުމޫން އަބްދުލްގައްޔޫމާއި، ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި ސަރުކާރުގެ އިސް މަގާމުތައް ފުރުއްވަވައި ހިދުމަތުގެ ދިގު މާޒީއަކާއެކު އެވެ.

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގެ ތެރެއިން އައި ގޯސް ކަންކަމާ ދެކޮޅަށް ފެށި އިސްލާހީ މަަސައްކަތުގައި ވެސް އޭނާގެ ދައުރެއް އޮތެވެ. ވަރަށް ބޮޑު ބައްޔަަކަށް އެކަމަނާ ފަރުވާ ހޯއްދަވަމުން ވެސް އެ ދުވަސްވަރު އޮތް އިދިކޮޅު ފަރާތްތަކާއެކު އެކަމަނާ ނުކުންނަވައި ހިންގަވައި އުޅުއްވި އެވެ. އެ މަސައްކަތުގައި ސިއްހީ ހާލުކޮޅަށް ބެއްލެވުމެއް ނެތި ރައީސް މައުމޫނާއި އޭރުގެ އިދިކޮޅު ލީޑަރުން ޖަލުން މިނިވަން ކުރަން އަޑުއުފުއްލެވި އެވެ. އަދި ފަހުން އުފެދުނު ކޯލިޝަންގެ މެނިފެެސްޓޯ ތައްޔާރުކުރި ކޮމެޓީގައި ވެސް އިސް ދަައުރެއް އަދާ ކުރެއްވި އެެވެ.

ނޮވެންބަރު 17، 2018 ގައި ރައީސް ސޯލިހް މަގާމުގެ ހުވާ ކުރެއްވުމަށްފަހު އެކުލަވާލެއްވި ވަޒީރުންގެ މަޖިލީހުން އާތިފާއަށް ފުރުސަތު ދެއްވި އެވެ. އެކަމަނާ ހައުސިން މިނިސްޓަރު ކަމަށް ވަޑައިގެންނެވީ ރައީސް މައުމޫންގެ މޯލްޑިވްސް ރީފޯމް މޫވްމަންޓްގެ ސްލޮޓެއްގަ އެވެ. އާތިފާއަކީ ރައީސް މައުމޫން ވަރަށް އިތުބާރު ކުރައްވާ ބޭފުޅެކެވެ.

ރައީސް ސޯލިހުގެ ކެބިނެޓުން އެމްއާރްއެމަށް ލިބުނު ހަތަރު ސްލޮޓުން އާތިފާއަށް ހައުސިން ލިބިވަޑައިގެންނެވި އިރު އެ ވަގުތަކީ ރައީސް ޔާމީންގެ ސަރުކާރުން އިމާރާތް ކޮށްފައިވާ 7،000 ފްލެޓާމެދު ރައްޔިތުންގެ ތެރޭގައި ބޮޑެތި ބަހުސްތަކެއް ކުރެވެމުންދިޔަ ވަގުތެކެވެ. ތަފާތު އެތައް ވާހަކަތަކެއް ދެކެވެމުން ވެސް ދިޔައެވެ. އާ ސަރުކާރު އައީ ތިން އަހަރުތެރޭ 20،000 ފްލެޓް އަޅާނެ ކަމުގެ ބޮޑު ވައުދަކާއެކުގަ އެވެ. އެހެންވެ އެންމެ މުހިންމު އެއް ވުޒާރާއަކަށްވީ އާތިފާ ހުންނެވި ހައުސިން މިނިސްޓްރީ އެވެ.

ނަމަވެސް ގިނަ ދުވަސްތައް ނުވެ ވަޒީރުންނާއި ގުޅޭގޮތުން ތަފާތު ވާހަކަތައް ދެކެވެން ފަށައިފި އެވެ. ސަރުކާރުގެ އެތެރެއިން ވެސް ވަޒީރުންނަށް ފާޑުކިޔުންތައް ބޮޑުވި އެވެ. ހާއްސަކޮށް ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ ފާޑުކިޔުން އެެހެން ޕާޓީތަކުގެ ވަޒީރުންނަށް ވަރަށް ބޮޑަށް އަމާޒުވިއެވެ. އެހެން ޕާޓީތަކަށް ނިސްބަތްވާ ހުރިހާ ވަޒީރުން މަގާމުތަކުން ދުރުކޮށް އެމްޑީޕީން އެކަނި ސަރުކާރު ހިންގަން ބޭނުންވާ ކަމަށް ފާޅުގައި ގޮވާލާން ފެށިއެވެ. އެ ފާޑުކިޔުން އަމާޒުވި އެއް ބޭފުޅަކީ އާތިފާއެވެ.

އެކަމަނާ މަގާމުން އިސްތިއުފާ ދެއްވާފައި ވަނީ އެ މަގާމުން ދުރު ކުރަން، މަޖިލިސް ރައީސް އަދި ކުރީގެ ރައީސް ނަޝީދު މަޖިލީހަށް އިންތިހާބުވެވަޑައިގެންނެވި މައްޗަންގޮޅީ މެދު ދާއިރާގެ އެމްޑީޕީގެ ރައީސް މަޖިލީހަށް މައްސަލައެއް ފޮނުވާފައި ވަނި ކޮށެވެ. އަދި އެމްޑީޕީގެ ބައެއް މަޖިލީސް މެންބަރުން މިނިސްޓަރު އާތިފާއާއެކު ދެން ކުރިއަށް ނުދެވޭނެ ކަމަށް ވިދާޅުވެ އެކަމަނާ މަގާމުން ދުރުކުރަން ޖެހޭ ކަމަށް ވިދާޅުވަމުން ގެންދަވަނި ކޮށެވެ.

މީގެ އިތުރުން ހިޔާ މަޝްރޫއުގެ ފްލެޓްތައް އަންނަ ޖުލައި މަހުގެ ތެރޭގައި ދޫކުރަން ފެށޭނެ ކަމަށް އާތިފާއަށް ވިދާޅު ވެވުނީ އޮޅުމަކުން ކަމަށް ހައުސިން މިނިސްޓްރީން ބުނުން ވެގެން ދިޔައީ އެކަމަނާއަށް ފާޑުކިޔުން އިތުރުވީ ސަބަބަކަށެވެ. މި ސަބަބުތައް ހުއްޓަސް ކުއްލި ގޮތަކަށް މަގާމުން އިސްތިއުފާ ދެއްވާފާނެ ކަމަށް އެއްވެސް މީހަކަށް ގަބޫލު ކުރެވިފައެއް ނެތެވެ.

މިިދިއަ ބުދަ ދުވަހު އެކަމަނާ މަގާމުން އިސްތިއުފާ ދެއްވަން ނިންމަވާ އިސްތިއުފާގެ ސިޓީ ރައީސް ސޯލިހަށް ފޮނުއްވި އެވެ. އޭގެ ކުރިން އިސްތިއުފާ ދެއްވުމާއި ގުޅޭގޮތުން އެކަމަނާ ވަނީ ވަރަށް ދިގުކޮށް ރައީސް މައުމޫނާއެކު މަޝްވަރާ ކުރައްވާފަ އެވެ.

އާތިފާ މަގާމުން އިސްތިއުފާ ދެއްވީ އެ ކަމަނާގެ ބަލި ހާލު ގޯސްވަމުން ގޮސް މަގާމުގެ މަސްއޫލިއްޔަތު އަދާ ކުރެއްވޭ ވަރަށް ވުރެ ސިއްހީ ހާލުކޮޅު ގޯސް ވެގެނެވެ. އެކަމަނާއަކީ މީގެ އަހަރުތަކެއް ކުރިން ފެށިގެން ބޮޑު ބައްޔަކަށް ބޭސް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. ރާއްޖެއިން ބޭރުން ވެސް ގިނަ ދުވަސްތަކެއް ވަންދެން ފަރުވާ ހޯއްދެވި އެވެ. މިނިސްޓަރު ކަމާއި ހަވާލުވެވަޑައިގެންނެވީ އެ ހާލަތު ވަރަށް ބޮޑަސް ރަނގަޅުވެފައިވާތީ އެވެ. އޭގެ ފަހުން މިިދިއަ ދުވަސްތަކުގައި އަނެއްކާ ވެސް ސިއްހީ ހާޅުކޮޅު ގޯސްވަމުން ގޮސް. ވަރަ ބޮޑަށް ދަށަށް ދިޔައީ އެވެ.

މީގެ ހަފުތާއެއްހާ ދުވަސް ކުރިން ފެށިގެން ސިޔާސީ ގޮތުން އާތިފާއަށް އަމާޒުކޮށް ވަރަށް ގިނަ ފާޑުކިއުމާއި ވަރަށް ބޮޑެތި ތުހުމަތުތައް އަމާޒު ކުރި ނަމަވެސް އެކަމަނާގެ އިސްތިއުފާ އާއި ސިއްހީ ހާލުކޮޅުގެ ހަބަރާއެކު ސޯޝަލް މީޑިއާގައި އެކަމަނާއަށް ކުރާ ހެޔޮ ދުއާތައް ބަންޑުންވެފައި ވެއެވެ. މިދިއަ ބުދަ ވަހުގެ ރެއިން ފެށިގެން ސޯޝަލް މީޑިއާ ލިޔާން ފެށި ސޮފުހާއަކީ އެކަމަނާގެ ކެތްތެރި ކަމާއި ހިތްހެޔޮ ކަމާއި ގައުމީ ހިދުމަތްތަކުގެ ދިގު ވާހަކައިގެ ފޮޅުވަތްތަތެކެވެ.

އާތިފާގެ އިސްތިއުފާ އާއި ސިއްހީ ހާލުކޮޅުގެ މައުލޫމާތާއެކު މިދިޔަ ދުވަސްތަކުގައި ގައުމަށް ހިދުމަތް ކުރެއްވުމުގައި އެކަމަނާ ދެއްކެވި ހިތްވަރު ގިނަ ބަޔަކު ގެންދަނީ ފާހަގަ ކުރަމުންނެވެ. ހާއްސަކޮށް ރައީސް ޔާމީންގެ ސަރުކާރު ނިމޭން ދިޔައިރު އޭރު އޮތް އިދިކޮޅުން ހިންގި ސިޔާސީ ހަރަކާތުގައި އާތިފާ އަދާކުރެއްވި ދައުރު ވަރަށް ގިނަ ބައެއްގެ ހަނދާނުގައި ކޮއްޓާލާފައި ވެއެވެ.

ފްލެޓްތަކުގެ މަޝްރޫއު ފެށުމަށާއި، އަތޮޅުތަކުގެ ތެރޭގައި އިމާރާތް ކުރަމުންދާ ފްލެޓްތަކުގެ މަސައްކަތް ނިންމަވާ އެތަންތަން ހަވާލު ކުރައްވަން ކުރެއްވި މަސައްކަތުގެ އަގު ވަޒަން ކުރާ މީހުން ވެސް އުޅެ އެވެ. ހިޔާގެ 7،000 ފެލްޓް، އޭގެ ހަގީގީ ހައްގުވެރިން ދިނުމަށާއި، ހިޔާ މަޝްރޫއު މުޅިން ނިންމާލުމަށް އެކަމަނާ ކުރެއްވި މަަސައްކަތްތައް ވެސް ފާޅުވެގެން ނުކުމެއްޖެ އެވެ.

މިނިސްޓަރުކަމުގެ މަގާމުގެ ޒިންމާތައް އަދާ ކުރެއްވީ ނުފޫޒުން އެއްކިބާވެ ހުންނަވައި ވަރަށް ތެދުވެރި ކަމާއި އަމާނާތްތެރި ކަމާއެކު ކަމަށް ވިދާޅުވާ ދޫތައް މި ދެ ތިން ދުވަހު މަދަކު ބައިވަރެއް ވެފައި ވެއެވެ.

ނުހެދި އޮތް ދިރިއުޅުމަށް ދޫކުރާ ގެދޮރުގެ ކުލި ކަނޑައެޅުމުގެ ގާނޫނާއި، އެއްމެދު އިމާރާތްތަކާ ބެހޭ ގާނޫނުގެ ދެލިކޮޕީތައް އެކުލަވާލައްވައި ސަރުކާރުގެ ކަމާބެހޭ އިދާރާއަށް ހުށަހަޅުއްވުން ވެސް ފެނިއްޖެ އެވެ. އަދި އެއްރަށުން އަނެއް ރަށަށް މީހުން ބަދަލު ކުރުމާ ގުޅިގެން ގެދޮރު ލިބިފައި ނުވާ އެތައް ބަޔަކަށް ބޯހިޔާވަހިކަން ފޯރުކޮށްދެއްވުމާއި ކިޔޫ ހަދައިގެން ތޮއްޖެހިގެން ފްލެޓު ތަކަށް ހުށައެޅި ދުވަސް މާޒީކޮށް އޮންލައިން އިންތިޒާމު ހަމަޖައްސަވައި ދެއްވުމާއި، ރައްރަށުގައި ހުރި ގެދޮރުވެރި ކަމުގެ މައްސަލަތައް ހައްލު ކުރުމަށް ކުރެއްވި މަސައްކަތުގައި ރައްޔިތުންގެ ގާތަށް ވަޑައިގެން އެމީހުންގެ ހިޔާލު ހޯއްދެވިކަން ވެސް ފެނިއްޖެ އެވެ.

ރައީސް މައުމޫން ވިދާޅުވެފައިވާ ގޮތުގައި އާތިފާއަކީ ހިތްވަރު ގަދަކަމާއި އިހުލާސްތެރިކަމުގެ ނަމޫނާއެކެވެ. އެކަމަނާ ރައްޔިތުންނަށް ހިދުމަތް ކޮށްދެއްވީ ތެދުވެރިކަމާއެކު އެވެ. އަދި އާތިފާގެ އިސްތިއުފާއަކީ ގައުމަށް ލިބުނު ބޮޑު ގެއްލުމެކެވެ.

އިއްޔެ ވަޒީރުންގެ މަޖިލީހުގެ ޖަލްސާއެއް ވެސް އޮތެވެ؛ ރައީސް އޮފީހުގެ ވެބްސައިޓްގައި ބުނެފައިވާ ގޮތުގައި ރައީސް ސޯލިހު އާތިފާގެ މަސައްކަތް ފާހަގަ ކުރެއްވި އެވެ. މިދިޔަ ދުވަސްތަކުގައި ސަރުކާރުން ރައްޔިތުންނަށް ވީ ވައުދުތައް ފުއްދައި ދިނުމުގައި ކުރެއްވި މަސައްކަތް ރައީސް ފާހަގަ ކުރެއްވި އެވެ. އަދި ފަހަތްޕުޅުން އެހެން ވަޒީރުންވެސް އެ މޭރުމުން ޝުއޫރު ފާޅު ކުރައްވާފައި ވެއެވެ. ބައެއް ވަޒީރުންގެ ނަޒަރުގައި އާތިފާއަކީ ހިތްވަރުގަދަ "ފަހުލަވާނެ" ކެވެ. ހިންގުންތެރި ވަޒީރެކެވެ. ނުގުނޑާފަދަ ވަރުގަދަ އަޒުމެއްގެ ވެރިއެވެ. ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ނަމޫނާއެކެވެ.

އެ ހިިދުމަތް މިއަދަށް މި ވަގުތަށް ނިމުނީ އެވެ. މި ސަރުކާރުގައި އާތިފާއާއެކު ހައުސިން މިނިސްޓްރީ ވެސް އުވިގެންދިޔައީ އެވެ. މިހާރު ހައުސިން މިނިސްޓަރެއް، ހައުސިން މިނިސްޓްރީއެއް ވެސް ނެތެވެ. މިނިސްޓަރު އާތިފާއަށް އޮތް ފާޑު ކިޔުމެއް ވެސް ނެތެވެ. ނަމަވެސް މިހާރު އެންމެންގެ ހެޔޮ ދުއާ އެކަމަނާއަށް އެބައޮތެވެ. އެކަމަނާއަށް އަވަސް ޝިފާއެއް މިންވަރު ކުރައްވާށި އެވެ.