އެމްއާރުއެމް

އެމްއާރްއެމުން ނަޝީދަށް ރައްދު ދީފި

Apr 1, 2021
19

މި ސަރުކާރުގެ ފުރަތަމަ ދުވަސްކޮޅު ހައުސިން މިނިސްޓްރީ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އާ ހަވާލު ކުރުމަކީ "ދަންތުރަ" އެއްގެ ގޮތުގައި އެމްޑީޕީގެ ރަައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ސިފަ ކުރެއްވުމުން އެ ޕާޓީން ނަޝީދަށް ރައްދު ދީފި އެވެ.

ހަތަރު ޕާޓީ ހިމެނޭ ކޯލިޝަނަކުން މި ސަރުކާރު ވުޖޫދުވެ ހައުސިން މިނިސްޓްރީ ހަވާލު ކުރީ ރައީސް މައުމޫންގެ އެމްއާރްއެމަށެވެ. މިނިސްޓަރަކަށް ވަޑައިގެންނެވީ އާމިނަތު އާތިފާ ޝަކޫރެވެ. އެމްޑީޕީގެ ޕީޖީ މެންބަރުންގެ ވަރަށް ބޮޑު ފާޑުކިޔުމެއް އެކަމަނާއަށް އަމާޒުވި އެވެ. ސިއްހީ ހާލުކޮޅު ގޯސްވެފައިވާ ކަމަށް ވިދާޅުވެ އާތިފާގެ އިސްތިއުފާ ކުއްލި ގޮތަކަށް އައީ ޖޫން 10، 2020 ގައެވެ. ނަމަވެސް އިސްތިއުފާގެ ފަހަތުގައި ގިނަ ކަންތައްތަކެއް ފޮރުވިފައިވާ ކަމަށް ބުނެވެ އެވެ.

އާތިފާގެ ދިފާއުގައި ރައީސް ނަޝީދަށް ރައްދުދީ އެމްއާރްއެމްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިނިސްޓަރު އޮފް ހައުސިންގް އެންޑް އާބަން ޑިވެލޮޕްމަންޓުގެ މަގާމުގައި ހުންނެވި އާތިފާ ޝަކޫރު އަކީ 2018 ގެ ރިޔާސީ އިންތިހާބަށް ކޯލިޝަން ޕާޓީތައް ގުޅިގެން އެކުލަވާލި މެނިފެސްޓޯ ހެދުމުގައި ވަރަށް ބުރަކޮށް މަސައްކަތް ކުރެއްވި ބޭފުޅެއް ކަމަށާ އާތިފާ އަކީ ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓްގެ ދާއިރާއިން ދިވެހި ސަރުކާރަށާއި ރައްޔިތުންނަށް ވަރަށް އިހްލާސްތެރި ކަމާއެކު، ދިގު މުއްދަތަކަށް ހިދުމަތް ކޮށްދެއްވަމުން ގެންދެވި ތަޖުރިބާހުރި ހީވާގި ބޭފުޅެއް ކަމަށެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އެމަނިކުފާނުގެ ކެބިނެޓުގެ ވަޒީރަކަށް އާތިފާ އައްޔަން ކުރެއްވުމުން މިނިސްޓަރުކަމުގެ މަގާމުގެ ޒިންމާތައް ނުފޫޒުން އެއްކިބާވެ ހުންނަވައިގެން ވަރަށް ތެދުވެރި ކަމާއި އަމާނާތްތެރި ކަމާއެކު އަދާކުރެއްވި ބޭފުޅެއް ކަމަށްވެސް އެމްއާރްއެމްގެ ބަޔާނުގައި ބުނެފައި ވެއެވެ.

"... ނޮވެމްބަރ 2018 ގައި މިނިސްޓަރުކަމާ ހަވާލުވެ ވަޑައިގެންނެވި ފަހުން މި ހިންގާ ދިޔަ ދޮޅު އަހަރު ދުވަހުގެ ތެރޭގައި އެކަމަނާގެ ސީދާ ބެއްލެވުމުގެ ދަށުން ހައުސިންގް މިނިސްޓްރީގެ މަސައްކަތްތަކަށް ވަރަށް ބޮޑެތި ކުރިއެރުންތަކެއް ގެންނަވާފައިވޭ. ޒަމާންތަކެއް ވަންދެން ނުހެދި ހުރި، ދިރިއުޅުމަށް ދޫކުރާ ގެދޮރުގެ ކުލި ކަނޑައެޅުމުގެ ގާނޫނާއި އެއްމެދު އިމާރާތްތަކާ ބެހޭ ގާނޫނުގެ ދެލިކޮޕީތައް އެކުލަވާލައްވައި ސަރުކާރުގެ ކަމާބެހޭ އިދާރާއަށް ހުށަހަޅުއްވާފައިވޭ. އެއްރަށުން އަނެއްރަށަށް މީހުން ބަދަލުކުރުމާ ގުޅިގެން ގެދޮރު ލިބިފައި ނުވާ އެތައް ބަޔަކަށް ބޯހިޔާވަހިކަން ފޯރުކޮށްދެއްވި. މީގެއިތުރުން ކިޔޫ ހަދައިގެން ތޮއްޖެހިގެން ނުތިބެ ރައްޔިތުންނަށް ފްލެޓު ތަކަށް އެދެވޭނެ އޮންލައިން އިންތިޒާމު ހަމަޖައްސަވައި ދެއްވުމާއި ރައްރަށުގައި ހުރި ގެދޮރުވެރި ކަމުގެ މައްސަލަތައް ހައްލު ކުރުމަށް ކުރެއްވި މަސައްކަތުގައި ރައްޔިތުންގެ ގާތަށް ވަޑައިގެން އެމީހުންގެ ހިޔާލު ހޯއްދެވިކަންވެސް ފާހަގަކޮށްލަން. އަދި ރައްޔިތުންނަށް ފްލެޓް ދިނުމުށް އެކުލަވާލި ކޮމިޓީއަކީ ސީދާ ރައީސުލް ޖުމްހޫރިއްޔާގެ ބެއްލެވުމުގެ ދަށުން އެކުލަވާލި ކޮމިޓީއެއް. އަދި ކޮމިޓީގެ މަސައްކަތް ތަކުގައި ވެސް އެކަމަނާ އިޙުލާސްތެރިކަމާއެކު މަސައްކަތް ކުރެއްވިކަމީ މިސަރުކާރުގެ އެންމެ އިސް ބޭފުޅުން ދަންނާނެ ހަގީގަތެއް،"

އެމްއާރްއެމުން ބުނީ މިނިސްޓަރު އާތިފާ ގެ މިޖާޒުފުޅުގައި ހުންނަ އޯގާތެރިކަމާއި މީހުންނާ ބަހައްޓަވައި ގާތްކަން އެކަމަނާ ވަޒީރުކަމުގައި ރައްޔިތުންނަށް ހިދުމަތް ކުރެއްވުމުގައި ދެމިހުންނެވި އިރު ފާޅުކަން ބޮޑު ގޮތެއްގައި ފެނިގެން ދިޔަ ކަމަށާ ގެދޮރުގެ ދަތިކަން ތަހައްމަލު ކުރަމުން ގެންދާ ވަކިވަކި ފަރުދުންނާއި ރައްރަށުގެ ކައުންސިލް ތަކުން އެކަމަނާގެ އަރިހަށް ހުށަހެޅުމުންދިޔަ ކަންބޮޑުވުންތައް ސީދާ އަޑުއައްސަވައި ކަންކަން އޮޅުންފިލުއްވައި ދެއްވަމުން ގެންދެވި ކަމަށެވެ.

އެ ޕާޓީން ބުނީ ކަން އޮތީ އެހެން ނަމަވެސް ސިޔާސީ ބޭނުމަށް ރައްޔިތުންނަށް އޮޅުވާލުމަށްޓަކައި ސިޔާސީ އިސް ބޭފުޅުން އިތުރުފުޅު ހައްދަވައިގެން ވާހަކަފުޅުދެއްކެވުމަކީ ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ. އަދި އެކަން އެގޮތަށް ނުކުރުމަށް ވަނީ ގޮވާލާފައެވެ.

މިިދިޔަ މަހުގެ 23 ވަނަ ދުވަހު އެމްޑީޕީގެ މާފަންނު ޖަގަހަ ހުޅުވަން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުހައްމަދު ނަޝީދު ވަނީ ގެދޮރުވެރިކަމުގެ ވައުދު ނުފުދި އޮތް ގޮތުން އެމްއާރްއެމްގެ ބޮލުގައި އަޅުވާފަ އެވެ. ވިދާޅުވީ ސަރުކާރުގެ ފުރަތަމަ އަހަރު ދިޔައީ ހައުސިން އެމްއާރްއެމްގެ އަތުގައި އޮވެ ކަމަށެވެ. އެއީ "ދަންތުރަ" އެއް ކަމަށް ވިދާޅުވެ އެކަމުން މިހާރު އަރައިގަނެވިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

"އެނގިވަޑައިގަންނަވާނެ މި ސަރުކާރުގެ ފުރަތަމަ އަހަރު ނިމިދިޔައީ އެމްއާރުއެމްގެ ބޭފުޅަކު، ރައީސް މައުމޫންގެ ފަރާތުން ވަޑައިގެން ހުންނެވި ބޭފުޅަކު ހައުސިން މިނިސްޓަރު ކަމުގައި ހުންނަވާ. ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ މެނިފެސްޓޯގައި ވަރަށް ސާފުކޮށް މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައި ދިނުމަށް ތަސައްވުރެއް އަދި ހިނގާންޖެހޭ އިޖުރާއަތްތަކެއް މާކުރީގައި ވެސް ބަޔާންކުރި، މާ ސާފުކޮށް ކިޔާދިން. އެހެން ނަމަވެސް އަޅުގަނޑުމެންނަށް ދުވަސްކޮޅެއް ނެތި އެ 'ދަންތުރަ' އިން އަރައިގަތުމަށް. އިރާދަކުރައްވައިގެން ހައުސިން މިނިސްޓަރު ބަދަލުވެއްޖެ. މިހާރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ހައުސިން މިނިސްޓަރަކަށް އެ ހުންނެވީ އެމްޑީޕީގެ ހައުސިން މިނިސްޓަރެއް،" ރައީސް ނަޝީދު ވިދާޅުވިއެވެ.