އެމްޑީޕީ

ހުރިހާ ވާދަވެރިން ރޫޅިއްޖެ، ދެމި އޮތީ އެމްޑީޕީ: ނަޝީދު

އެމްޑީޕީގެ 15 އަހަރުގެ ހަޔާތުގައި ދެ ފަހަރު ރާއްޖޭގެ ވެރިކަން ކުރެވިފައިވާ ކަމަށާ އެމްޑީޕީގެ ހުރިހާ ސިޔާސީ ވާދަވެރިން ރޫޅިފައިވާ ކަމަށް އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ 15 ވަަނަ އަހަރީ ދުވަހުގެ ތަހުނިޔާ ފޮނުވުމުގެ ގޮތުން މިރޭ އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސިޔާސީ ހުރިހާ ވާދަވެރިން ރޫޅިއްޖެ ކަމަށެވެ. އެމަނިކުފާނު އިޝާރާތް ކުރައްވާފައި އެ ވަނީ އެމްޑީޕީއާއެކު އުފެއްދި އެންމެ ވާދަވެރި ޑީއާރްޕީ ސިޔާސީ މައިދާނުން ގެއްލުމާއި، ފަހުން ރައީސް މައުމޫން އުފެއްދެވި ޕީޕީއެމްއާ ވެސް އެމަނިކުފާނު ފެއަށް ޖެހިވަޑައިގަތުމަށް ކަމަށް ބެލެވެ އެވެ.

ރައީސް މައުމޫން ވަނީ ފަހުން އެމްއާރުއެމްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދަވާފަ އެވެ. ރައީސް ނަޝީދާއި ރައީސް މައުމޫނަކީ ޒަމާންވީ ދެ ވާދަވެރިންނެވެ. ނަމަވެސް ރައީސް ސޯލިހްގެ ވެރިކަން ގެނައުމަށް ދެ ބޭފުޅުން މަސައްކަތް ކުރެއްވީ އެކުގައި އެއް ކޯލިޝަނެއްގަ އެވެ. އެކަމަކު ދެ ބޭފުޅުންގެ ގުޅުން މާބޮޑަށް ބަދަހިވެފައެއް ނުވެއެވެ. މި ފަހުން ވެސް ނަޝީދު ގެންދަވަނީ މައުމޫނަށް އަމާޒު ކުރައްވާ ފާޑުވިދާޅުވަމުންނެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ 15 އަހަރުގެ ހަޔާތުގައި އެ ޕާޓީން ދެ ފަހަރު ވެރިކަން ކޮށްފައިވާ ކަމަށެވެ. އެއީ 2008 ވަނަ އަހަރު އަދި 2018 ވަަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމެވެ. ނަމަވެސް އެ ދެ ފަހަރު ވެސް އެމްޑީޕީން ވެރިކަމަށް އައީ ބޮޑު އިއްތިހާދަކާއެކު ގިނަ ސިޔާސީ ޕާޓީތަކެއްގެ އެހީތެރިކަމާ ވެސް އެކު އެވެ.

ރައީސް ނަޝީދު ވަނީ އަހަރީ ދުވަހުގެ ތަހުނިޔާ ފޮނުއްވާ އަދިވެސް އެމްޑީޕީ ދާނީ ރަނގަޅަށް ކަމަށާ އަދިވެސް ކަންކަން ކުރެވޭނެ ކަމަށް ވިދާޅުވެފަ އެވެ.

"ވަރަށް ބޮޑަށް މަރުހަބާ އެމްޑީޕީ. ﷲގެ އިރާދަފުޅުން ހުރިހާ ކަމެއްވެސް ދާނީ ރަނގަޅަށް. އަދިވެސް ކަންކަން ކުރެވޭނީ އެމްޑީޕީއަށް." ނަޝީދު ވިދާޅުވި އެވެ.

މި ވާހަކަތައް ފުރަތަމަ ޓްވީޓް ކުރެއްވީ އެމްޑީޕީގެ މަގުމަތީގެ ހަރަކާތެއްގައި ޕާޓީގެ ބައެއް ބޭފުޅުންނާއެކު ހުންވާ ފޮޓޯއަކާއެކު އެވެ. ނަމަވެސް އެ ޓްވީޓް ޑިލިޓް ކުރެއްވުމަށް ފަހު އަލުން ޓްވީޓް ކުރެއްވީ ކުޑަ ދެ ކުދިންނާއެކު ރާޅުފެންކުރީގައި ކުޅުއްވަން އިންނަވާ މަންޒަރު ފެންނަ ފޮޓޯއަކާއެކު އެވެ. ދެވަނަ ޓްވީޓްގެ ވެސް އިބާރާތަކަށް ބަދަލެއް ގެންނަވާފައެއް ނުވެއެވެ.

އެމްޑީޕީގެ އަހަރީ ދުވަހުގެ ތަހުނިޔާ ޕާޓީގެ މެންބަރުންނަށް، އެ ޕާޓީގެ އިސް ލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވެސް ވަނީ ފޮނުއްވާފަ އެވެ.

އެމްޑީޕީގެ އަސާސީ ގަވާއިދު ކުރިން އޮތްގޮތުން އެ ޕާޓީއަށް ނިސްބަތްވާ ބޭފުޅަކު ރައީސުލްޖުމްހޫރިއްޔާގެ މަގާމު ފުރުއްވަމުން ގެންދަވާނަމަ އޮޓޯއިން އެ ބޭފުޅަކު ޕާޓީގެ ރައީސް ކަމުގެ މަގާމު ލިބިވަޑައިގަންނަވާނެ އެވެ. ނަމަވެސް ރައީސް ސޯލިހު ވެރި ކަމަށް ވަޑައިގަތުމުން އެ އުސޫލު ވަނީ ބަދަލު ކޮށްފަ އެވެ.

އެމްޑީޕީގެ މިހާރުގެ ރައީސަކީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. ރައީސް ނަޝީދަކީ އެމްޑީޕީ އުފެއްދުމުގައި އެންމެ އިސް ދައުރެއް އަދާ ކުރައްވާ އަދި މިދިޔަ 15 އަހަރު ދުވަހުގެ ތެރޭގައި ވެސް އެޕާޓީގެ އެންމެ ޕޮޕިއުލާ ލިީޑަރެވެ. ރައީސް ސޯލިހަކީ އެ ޕާޓީގެ އިސް ލީޑަރެވެ.