ކެބިނެޓް

ބިރެއް ނުދެއްކޭނެ: އެކަމަކު ފަހަރަކު ވަޒީރެއް!

ބައެއް ވަޒީރުންނަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ބިރު ދައްކަމުންދާ ކަމުގެ ތުހުމަތަކީ އަބަދުވެސް އޮންނަ ތުހުމަތެކެވެ. އެ ތުހުމަތުތަކަށް ބާރު ލިބޭ ކިތަންމެ ކަމެއް ހިނގައިވެސް ގޮސްފި އެވެ. މިހާރު ވެސް އެދަނީ ހިނގަމުންނެވެ. ބައެއް ވަޒީރުން މަޖިލީހަށް ހާޒިރުކޮށް ޒިންމާ އަދާ ނުކުރާ ކަމުގެ ތުހުމަތުކޮށް އެފަދަ ވަޒީރުން މަގާމުން ދުރުކުރާނެ ކަމުގެ އިންޒާރު ވެސް ދީފައި ވެއެވެ. އަދި ބައެއް ކަންކަން ކޮށް ނިންމުމަށް ވަޒީރުންނަށް މަޖިލީހުން މުހުލަތު ވެސް ކަނޑައަޅާ ދީފައި ވެއެވެ. މިއީ ރިޔާސީ ނިޒާމާ މުޅީން ބީރައްޓެހި މި ނިޒާމުގައި ކަން ހިނގައިގެންވާނެ ގޮތެއް ނޫނެވެ. އެހެންވީމަ އެއީވެސް ވަޒީރުންނަށް ބިރު ދެއްކުމުގެ އަމަލެއްގެ ގޮތުގައި ދެކޭ ބަޔަކު އުޅެއެވެ.

ވަޒީރުންނަށް ބިރު ދައްކާ ކަމުގެ ތުހުމަތު ރަށުތެރޭގައި އޮތް ނަމަވެސް މަޖިލީހުގެ ހައިބަތު ބޮޑު ތަޅުމުގައި އެފަދަ ވާހަކައެއް ފުރަތަމަ ދެއްކެވީ މިދިޔަ ހޯމަ ދުވަހު އިތުބާރު ނެތް ކަމުގެ ވޯޓް ނަގާ މަގާމުން ދުރުކުރި އޭރުގެ ސައިންސް މިނިސްޓަރު މުހައްމަދު މަލީހު ޖަމާލެވެ. އިތުބާރު ނެތް ކަމުގެ ވޯޓްގެ ކުރިން ޖަވާބުދާރީވެވަޑައިގެންނެވުމަށް ލިބިވަޑައިގެންނެވި ފުރުސަތުގައި އެ ތުހުމަތުތަކަށް ވަރުގަދައަށް ރައްދު ދެއްވާ ވާހަކަފުޅު ދައްކަވަމުން މަލީހު ވަނީ މަޖިލީހުގެ ބައެއް މެންބަރުން ވަޒީރުންނަށް ބިރު ދައްކަމުންދާ ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހުގެ މަދު މެމްބަރުންތަކެއް ސަރުކާރުގެ ވަޒީރުންނަށް ކަނޑައެޅިގެން ބިރު ދައްކަމުން އެބަ ދޭ. އޭގެ ތަފްސީލަކަށް ފެންނާން އެ އޮތީ [ކުރީގެ މިނިސްޓަރު] ޝިދާތާއަށް މަޖުބޫރު ކުރުވި އިސްތިއުފާ ދޭން،" މަލީހު ވިދާޅުވި އެވެ.

މަލީހުގެ މި ވާހަކަފުޅާއެކު މެންބަރުން ރަތަށް އެރިއެވެ. އަދި މަޖިލީހުގެ ރިޔާސަތުން ވެސް މަލީހުގެ ވާހަކަ ތަހުގީގު ކުރުމަށް ކޮމެޓީއަށް ފޮނުވާނެ ކަމަށް ވިދާޅުވި އެވެ. އަދި ކޮމެޓީން އެކަން ސާބިތުވެއްޖެނަމަ ދައުވާ ކުރާނެ ކަމުގެ އިންޒާރުވެސް ދިނެވެ.

ވަޒީރުންނަށް ބިރު ދައްކާ ކަމަށް ވިދާޅުވެ މަލީހު މިސާލަކަށް ދެއްކެވީ ކުރީގެ މިނިސްޓަރު ޝިދާތާގެ އިސްތިއުފާ އެވެ. ޝިދާތާ މަގާމުން އިސްތިއުފާ ދެއްވީ މަޖުބޫރު ވެގެން އެ ނޫން އެއްވެސް ގޮތެއް ނެތިގެނެވެ. އެއީ ވަރަށް ސާފު މައްސަލަ އެކެވެ. އަމިއްލަފުޅަށް އިސްތިއުފާ ނުދެއްވައިފިނަމަ މަޖިލީހުން "ހުތުރު" ކޮށް ބޭރުކޮށްލާނެ ކަމުގެ އިންޒާރު އެމްޑީޕީގެ ބައެއް މެންބަރުން ދިނެވެ. އަދި އެކަމަށް މުހުލަތެއް ވެސް ދިނެވެ. މައްސަލަ ހައްލުވާނެ އެއްވެސް ގޮތެއް ނުފެނުމުން ޝިދާތާ މަޖުބޫރު ވެގެން އިސްތިއުފާ ދެއްވީ އެވެ.

އެމްއާރުއެމްގެ ސްލޮޓެއްގައި ހައުސިން މިނިސްޓަރު ކަމުގައި ހުންނަވި އައިމިނަތު އާތިފާ ޝަކޫރުގެ އިސްތިއުފާގެ ފަހަތުގައި ވެސް ނުފޫޒުތައް ހުއްޓެވެ. އެކަމަނާގެ އިސްތިއުފާގެ ކުރިއަށް ސިއްހީ ހާލަތު ގެންނެވި ނަމަވެސް މެންޑޭޓް ކުޑަކޮށްލާފައި އޮތް އެ މިނިސްޓްރީއަށް ކަންކަން ނުކުރެވޭ ކަމަށް ދައްކާ އެކަމަނާ ފެއިލްވެފައިވާ ކަމަށް އެމްޑީޕީގެ ބައެއް މެންބަރުން ގެންދެވީ ފާޅުގައި ވިދާޅުވަމުންނެވެ. މަޖިލީހުގެ ތަޅުމާއި ކޮމެޓީ ބައްދަލުވުންތަކަށް ހާޒިރުކޮށް ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ.

ވެންޓިލޭޓަރުތަކުގެ ހިޔާނާތުގެ ތުހުމަތު ކުރެވި ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އިސްތިއުފާ ދެއްވަން ޖެހިވަޑައިގަތުމުގެ ފަހަތުގައި ވެސް އޮތީ ޕްރެޝަރާއި ނުފޫޒެވެ. އެ މައްސަލަ ހިނގާ ދިޔަގޮތް އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށެވެ.

މައްސަލަ ހައްލު ކުރެއްވެއްވޭތޯ އެތެރެއިން ކިތަންމެ މަސައްކަތެއް ކުރެއްވި އެވެ. ރައީސަށް ވަފާތެރި މެންބަރުން މެދުވެރިކޮށް އަމީނަށް އިތުބާރު އޮތް ކަމަށް އެމްޑީޕީގެ ޕީޖީ ގުރޫޕުން ވެސް ނިންމި އެވެ. ނަމަވެސް އެ ނިންމުމާ ދެކޮޅު ހެއްދެވި ބޭފުޅުން ފާޅުގައި ނުކުންނަވާ އެ މައްސަލަ މަޖިލީހަށް ހުށައެޅިއެވެ. އަމީންގެ އިސްތިއުފާ އައީ އިތުބާރު ނެތް މައްސަލަ މަޖިލީހަށް ހުށައެޅި ދުވަހުގެ ރެއެވެ. ރައީސް ސޯލިހާ ވަރަށް ދިގުކޮށް ކުރެވުނު މަޝްވަރާއިން އިސްތިއުފާ ނޫން ގޮތެއް ފެނިވަޑައި ނުގެންނެވުމުންނެވެ. ރައީސާ ދެކޮޅަށް ނުކުންނެވި މެންބަރުންނާ ހަނގުރާމަކޮށް އަމީން ދިފާއު ނުކުރެއްވޭ ކަމަށް ރައީސް ވިދާޅުވުމުންނެވެ.

ވަޒީިރުންނަށް ބިރު ދައްކާ ކަމަަށް ކުރެވޭ ތުހުމަތާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބުރޫކް އަޒީޒު ވިދާޅުވި ގޮތުގައި އެ ފުރުސަތު އެއްވެސް ބަޔަކަށް ސަރުކާރުން ނުދޭނެ އެވެ. ވަޒީރުންނަށް ބިރު ދެއްކުމަށް ޖާގައެއް ނޯންނާނެ އެވެ. އަދި އެފަދަ ކަންކަން ބަޔަކު ކުރާނަމަ ފިޔަވަޅުވެސް އަޅާނެ އެވެ.

"އެއްވެސް ބޭފުޅަކަށް [ވަޒީރަކަށް] ބިރު ދެއްކުމުގެ ޖާގައެއް ނޯންނާނެ. އެކަން އެހެން ވިޔަކަ ނުވެސް ދޭނެ ސަރުކާރުން، އެކަން އެހެން ވާކަށް ބޭނުމެއް ވެސް ނޫން. އަދި އެކަން ހިނގާނަމަ ފިޔަވަޅު ވެސް އަޅާނެ،" މަބުރޫކް ވިދާޅުވި އެވެ.

އެއްވެސް ބޭފުޅަކަށް [ވަޒީރަކަށް] ބިރު ދެއްކުމުގެ ޖާގައެއް ނޯންނާނެ. އެކަން އެހެން ވިޔަކަ ނުވެސް ދޭނެ ސަރުކާރުން، އެކަން އެހެން ވާކަށް ބޭނުމެއް ވެސް ނޫން. އަދި އެކަން ހިނގާނަމަ ފިޔަވަޅު ވެސް އަޅާނެ،
މުހައްމަދު މަބްރޫކް | ސަރުކާރުގެ ތަރުޖަމާނު

އޭނާ ވިދާޅުވި ގޮތުގައި މަޖިލީހުގައި ސަރުކާރުގެ މުހިންމު ހިއްސާއެއް އެބައޮތެވެ. އޭގެ މާނައަކީ މުޅި މަޖިލީހުގެ ބޮޑު ޕަސެންޓެއް ނިސްބަތްވަނީ ސަރުކާރު ހިންގާ މައި ޕާޓީއަށެވެ. ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ މެންބަރުން ވެސް މަޖިލީހުގައި އެބަ ތިއްބެވެ. އެހެންވީއިރު މަޖިލީހުން އެފަދަ ކަމެއް ހިނގައިގެނެއް ނުވާނެ އެވެ.

އަނެއް ކަމަކީ ޖަވާބުދާރީ ވުމުގައި މި ސަރުކާރުގެ ރެކޯޑެވެ. މަބުރޫކް ވިދާޅުވި ގޮތުގައި މިހާ ކުރު މުއްދަތެއްގައި މަޖިލީހަށް އެންމެ ގިނަ ވަޒީރުން ހާޒިރުކުރީ މިދިޔަ ދެ އަހަރު އެވެ. ސަރުކާރު ވެސް އަދި ވަޒީރުން ވެސް ތިބީ މަޖިލީހަށް ފުރިހަމަ އެއްބާރުލުން ދެއްވާ ގޮތަށެވެ.

"މަޖިލީހަކަށް ނުފޫޒު ފޯރުވުމުގެ ވިސްނުމެއް ނޯވޭ ރައީސެއް. މަޖިލީހަށް އެންމެ ގިނައިން ހާޒިރުވީ ސަރުކާރަކަށް މި ސަރުކާރުގެ ވަޒީރުވާނެ އިނގޭތޯ،" މަބުރޫކް ވިދާޅުވިއެވެ.