އެމްއާރުއެމް

"މިނިސްޓްރީ އުވާލީ ނަމެއް ފޮނުވަން ތައްޔާރުވަނިކޮށް"

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓްރީ އުވާލެއްވީ ހައުސިން މިނިސްޓަރަކަށް އެމްއާރްއެމްއިން ނަން ފޮނުއްވާ ބޭފުޅަކު ހަމަޖައްސަވާނެ ކަމުގެ ޔަގީންކަން ދެއްވުމުން ނަމެއް ފޮނުވަން ނިންމާފައިވަނިކޮށް ކަމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އިން ބުނެފި އެވެ.

ހައުސިން މިނިސްޓަރުގެ މަގާމުގައި ހުންނެވި އާމިނަތު އާތިފާ އިސްތިއުފާ ދެއްވީ އިއްޔެ އެވެ. އެކަން ރައީސް އޮފީހުން ހާމަކުރީ މިއަދު އެވެ. އަދި އެކަން ހާމަ ކުރެއްވިތާ ކުޑަ ވަގުތުކޮޅެއްގެ ފަހުން އެ މިނިސްޓްރީ އުވާލެއްވިކަން ރައީސް އިއުލާން ކުރެއްވި އެވެ.

އެއަށްފަހު ރައީސް ސޯލިހު ނިންމާފައި ވަނީ ހައުސިން މިނިސްޓްރީ އުވާލައި، ނޭޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާގެ ނަން ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ނަމަށް ބަދަލު ކުރައްވާށެވެ.

ރައީސް އޮފީހުން ބުނީ މިގޮތަށް ހަމަޖެއްސެވުމާ ގުޅިގެން ކުރިން ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓްރީން ކުރަމުން ގެންދިޔަ މަސައްކަތްތައް ދެން ކުރަމުން ގެންދާނީ ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން ކަމަށެވެ. އަދި އެ މަސައްކަތްތައް ކުރުމަށް ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓްރީގައި ތިބި މުވައްޒަފުން އާ މިނިސްޓްރީއަށް ބަދަލު ކުރަން ވެސް ވަނީ ނިންމާފަ އެވެ.

ޕްލޭނިން މިނިސްޓަރުގެ މަގާމުގައި މިވަގުތު ހުންނެވީ އެމްޑީޕީގެ މުހައްމަދު އަސްލަމެވެ. އާ މިނިސްޓްރީގެ މިނިސްޓަރުކަން ވެސް ކުރައްވާނީ އަސްލަމެވެ.

އަވަސްއާ ވާހަކަދައްކަވަމުން އެމްއާރްއެމްގެ އޮފިޝަލަކު ވިދާޅުވީ ހައުސިން މިނިސްޓްރީ އުވާލުމަކީ ލިބުނު ހައިރާންކަމެއް ކަމަށެވެ. އެކަން ކުރެއްވީ ހައުސިން މިނިސްޓަރަކަށް އެމްއާރްއެމްއިން ފޮނުއްވާ ބޭފުޅަކު ހަމަޖައްސަވާނެ ކަމުގެ ޔަގީންކަން ރައީސް ސޯލިހް، ރައީސް މައުމޫނަށް ދެއްވުމަށްފަހު ކަމަށެވެ. އަދި ރައީސް މައުމޫން ވަނީ ރޭ ބޭއްވި އެމްއާރްއެމްގެ އެގްޒެކްޓިވް ކޮމެޓީގެ ބައްދަލްވުމުގައިވެސް އެކަން ހާމަކުރައްވާފައެވެ.

އޭނާ ވިދާޅުވީ ރައީސް އެގޮތަށް ވިދާޅުވަމުން ދެ ދުވަސް މަތިން އެކި ބޭފުޅުންނާ މަޝްވަރާކޮށް ހައުސިން މިނިސްޓަރުކަމަށް ފޮނުއްވާނެ ބޭފުޅަކު ކަނޑައަޅާ ނިމިފައިވާ ކަމަށެވެ. އަދި މިނިސްޓްރީ އުވާލެއްވީ މިއަދުގެ ވަގުތެއްގައި ނަން ފޮނުވަން ނިންމާފައިވަނިކޮށް ކަމަށެވެ.

"ރައީސް ސޯލިހް ވަނީ ފުރިހަމަ ޔަގީންކަން ރައީސް މައުމޫނަށް ދެއްވާފައި ދެންވެސް ހައުސިން މިނިސްޓަރުކަމަށް އައްޔަން ކުރައްވާނީ އެމްއާރްއެމްގެ ބޭފުޅެއްކަމަށް، އަދި ނަމެއް ފޮނުއްވައިދެއްވުމަށް ރައީސް އެދިވަޑައިގެންނެވި. ނަމަވެސް ކުއްލިއަކަށް މިނިސްޓްރީ މި އުވާލެއްވީ. ރައީސް އެގޮތަށް ވިދާޅުވުމުން މިދިޔަ ދެ ދުވަސްތެރޭ ވަރަށް ގިނަ ބޭފުޅުންނާ ވާހަކަ ދެކެވިފައިވަނީ އެމްއާރްއެމްގެ ފަރާތުން، އެގޮތުން ވާހަކަ ދެއްކެވި ނަމެއް ފައިނަލްވެ، މިއަދު ފޮނުވާގޮތަށް އޮތީ،" އެމްއާރްއެމްގެ އޮފިޝަލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ހައުސިން މިނިސްޓަރަކަށް މައުމޫންގެ ދަރިކަލުން ފާރިސް މައުމޫންގެ ނަން ފޮނުވަން އެއްވެސް މަޝްވަރާއެއް ކޮށްފައިނުވާ ކަމަށެވެ. އަދި އެމްއާރްއެމްއިން ފައިނަލް ކުރި ނަމަކީވެސް ފާރިސްގެ ނަން ނޫންކަން އޭނާ ކަށަވަރުކޮށްދެއްވި އެވެ.

މިނިސްޓްރީ އުވާލުމުން ބޮޑު ތުހުމަތެއް

އަވަސްއާ ވާހަކަދެއްކި އެމްއާރްއެމްގެ އިސް އޮފިޝަލް ވިދާޅުވީ ހައުސިން މިނިސްޓްރީ އުވާލުމުކީ އެކަމުގެ ފަހަތުގައި ފޮރުވިފައިވާ ކަންތައްތަކެއް ހިމެނޭ ކަމެއް ކަމަށެވެ.

ހާއްސަކޮށް ހިޔާ މަޝްރޫއުގެ ދަށުން އަޅާފައިވާ 7،000 ފެލްޓް ދިނުމުގައި ސަރުކާރުން އަމަލު ކުރަން ނިންމާފައިވާ ގޮތާމެދު އޭނާ ސުވާލު އުފެއްްދެވިއެވެ. އަދި އާތިފާއާމެދު ސަރުކާރުގެ ނުރުހުން އޮތް ކަމަށާ އެއީ ހިޔާ ފްލެޓްތަކަށް ސަރުކާރުން ބޭނުންވާ ބަދަލުތައް ގެނައުމަށް އެކަމަނާ ދެކޮޅު ހެއްދެވުން ކަމަށެވެ.

"ހަގީގަތުގައި ހިޔާ ފްލެޓްތައް ވަކި ބަޔަކަށް ދިނުމުގެ މަސައްކަތްތަކެއް އެބަހިނގާ. އާތިފާ ހުންނަވައިގެން އެކަމަށް އޮތީ ވަރަށް ބޮޑަށް ހުރަސް އެޅިފައި، އެހެންވީމަ ފުރުސަތު ލިބުނީމަ އަވަހަށް މިނިސްޓްރީ އުވާލާ، އެ މަސައްކަތް އެމްޑީޕީގެ ވަޒީރެއްގެ ބެލުމުގެ ދަށުން ކުރާ ގޮތަށް މި ހަަމަޖެއްސީ."

މީގެ އިތުރުން މިނިސްޓަރު އާތިފާ މަގާމުން އިސްތިއުފާ ދެއްވީ ސިއްހީ ހާލަތު ހުރި ގޮތުން ނަމަވެސް އެކި ފަރާތްތަކުން އެކަމަނާއަށް ކުރިމަތި ކުރުވި ގޮންޖެހުންތައް ގިނަ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެގޮތުން އާތިފާ މަގާމުން ދުރުކުރުމަށް ރައީސް ނަޝީދު އިންތިހާބުވެވަޑައިގެންނެވި ދާއިރާގެ އެމްޑީޕީގެ ރައީސް މަޖިލީހަށް ސިޓީއެއް ފޮނުވުމުން އެކަމާއި ގުޅިގެން އާތިފާއަށް މަޖިލީހުން ޕްރެސަރު ކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

"އޭގެ ކުރިންވެސް ވަރަށް ދެރަކޮށް އިބާރާތްކޮށްފައިވާ ސިޓީއެއް މަޖިލީހުން އާތިފާއަށް ފޮނުވި. މަގާމުގެ މަސްއޫލިއްޔަތު އަދާކުރެވޭނެ ކަމުގެ ހެކި ދައްކައިދިނުމަށް އެދި. ވަޒީރަކު މަގާމުގައި ހުންނަނީ ރައީސުލްޖުމްހޫރިއްޔާއަށް އިތުބާރު އޮންނާނީ. އެއީ މަޖިލީހުން ކުޅެންޖެހޭ ރޯލެއް ނޫން. އަނެއްކޮޅުން އެގޮތަށް އިބާރާތްކޮށް ސިޓީ ފޮނުވުމަކީ ބިރު ދެއްކުމެއް،"