އާމިނަތު އާތިފާ

އާތިފާގެ އިސްތިއުފާއަކީ ގައުމަށް ލިބުނު ގެއްލުމެއް: މައުމޫން

Jun 11, 2020
4

ހައުސިން އެންޑް އާބަން މިނިސްޓަރުގެ މަގާމުން އާމިނަތު އާތިފާ ޝަކޫރު އިސްތިއުފާ ދެއްވުމަކީ ގައުމަށް ލިބުނު ގެއްލުމެއް ގޮތުގައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ސިފަ ކުރައްވައިފި އެވެ.

ރައީސް މައުމޫން މިއަދު ވިދާޅުވީ އާތިފާއަކީ ހިތްވަރު ގަދަކަމާއި އިހުލާސްތެރިކަމުގެ ނަމޫނާއެއް ކަމަށާއި އެކަމަނާ ރައްޔިތުންނަށް ހިދުމަތް ކޮށްދެއްވީ ތެދުވެރިކަމާއެކުގައި ކަމަށެވެ. އަދި އާތިފާގެ އިސްތިއުފާ ދެއްވުމަކީ ގައުމަށް ލިބުނު ބޮޑު ގެއްލުމެއް ކަމަށް ވިދާޅުވި އެވެ.

ހައުސިން މިނިސްޓަރުގެ މަގާމުން އާތިފާ އިސްތިއުފާ ދެއްވާފައި ވަނީ އެކަމަނާގެ ސިއްހީ ހާލުކޮޅު ގޯސް ވެގެން ކަމަށް ރައީސް އޮފީހުން ބުންޏެވެ. މިއަދު އާތިފާގެ އިސްތިއުފާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ގަބޫލުފުޅު ކުރައްވާފަ އެވެ.

އެއަށްފަހު ރައީސް ސޯލިހު ވަނީ ހައުސިން މިނިސްޓްރީ އުވާލައި، ނޭޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާގެ ނަން ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ނަމަށް ބަދަލު ކުރައްވާފަ އެވެ.

ހައުސިން މިނިސްޓްރީއަކީ މި ސަރުކާރުގައި އެމްއާރްއެމްއަށް ދީފައި އޮތް ސްލޮޓެކެވެ. އާ ހައުސިން މިނިސްޓަރަކަށް ވެސް ގެންނާނީ އެމްއާރްއެމްގެ ބޭފުޅެއް ކަމަށް ރައީސް އެ ޕާޓީގައި ދަންނަވާފައިވާ ކަމަށް އެމްއާރްއެމްގެ ބައެއް ބޭފުޅުން ރޭ ވަނީ ވިދާޅުވެފަ އެވެ.