ހަބަރު

އަލިފާނުގެ ހާދިސާގައި 22 ޓޫރިސްޓުން ފިހުނު، އެންމެންގެ ހާލު ވެސް ރަނގަޅު: ހޮސްޕިޓަލް

Sep 26, 2015

ކަނިފިނޮޅު ރިސޯޓުގެ ޓްއަރިސްޓުން ތަކެއް ގޮވާގެން ހުޅުލެއަށް ދަތުރުކުރި "ސުވެނިއާ 18" ލޯންޗުގައި އަލިފާން ރޯވި ހާދިސާގައި ފިހުނު، 22 ޓްއަރިސްޓުންގެ ހާލު ސީރިއަސްއެއް ނޫން ކަމަށް ހޮސްޕިޓަލުން ބުނެފި އެވެ.

ލޯންޗްގެ އިންޖީނުގައި އަލިފާން ރޯވެ ހިނގި އެ ހާދިސާގައި ފިހިގެން އޭޑިކޭ އަށް ގެންގޮސްފައި ވަނީ ލޯންޗްގެ ފަހަތު ސީޓްގައި ތިބި ޗައިނާގެ ދެ މަފިރި އަކާއި އޭނާގެ ދަރިފުޅެވެ. ދެން ބާކީ ތިބި ޓްއަރިސްޓުން ގެންގޮސްފައި ވަނީ އައިޖީއެމްއެޗަށެވެ.

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އައްފާލް ވިދާޅުވީ އެ ދެމަފިރިންގެ 22 ޕަސަންޓު ފިހިފައި ހުރި އިރު، ކުޑަކުއްޖާގެ އެކި ތަންތަނުން 10 ޕަސަންޓު ފިހިފައިވާ ކަމަށެވެ. ފިހުނު އާއިލާއަށް ޑޮކްޓަރުން ފަރުވާދީ މިހާރު އެމީހުންގެ ހާލު ރަނގަޅު ކަމަށް އޭނާ ވިދާޅުވި އެވެ. މިއީ އެންމެ ބޮޑަށް އެ ހާދިސާގައި ޒަހަމްވި މީހުންނެވެ.

"ފިހިގެން އޭޑީކޭއަށް ގެނެއީ ޗައިނާގެ އާއިލާ އެއް. އެއީ 36 އަހަރުގެ ފިރިހެނަކާއި 34 އަހަރުގެ އަންހެނެއް އަދި 5 އަހަރުގެ ކުޑަ ކުއްޖެއް. ޑޮކްޓަރުން އެމާޖަންސީގައި އެމީހުންނަށް ފަރުވާދީ މިހާރު އެމީހުންގެ ހާލު ސްޓޭބަލް،" އޭނާ ވިދާޅުވި އެވެ.

އައިޖީއެމްއެޗް އިން ބުނިގޮތުގައި 19 ޓުއަރިސްޓުންނާއި އެއް ދިވެއްސަކު ފަރުވާ ދިނުމަށް އެހޮސްޕިޓަލަށް ގެނަ އެވެ. އެ އެންމެންގެ ހާލު ރަނގަޅު ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ. އެންމެ ބޮޑަށް ޒަހަމްވެގެން ގެނައީ ޗައިނާ އަންހެން ޓްއަރިސްޓެކެވެ. އޭނާގެ މޫނު މަތި ކޮންމެވެސް ވަރަކަށް ކަފައިގެން ގޮސް ޒަހަމްތަކެއް ހުރި ނަމަވެސް ކުޑަ ސާޖަރީއަކަށް ފަހު އޭނާގެ ހާލު ވެސް ރަނގަޅު ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.

އެމްއެންޑީއެފް އިން މައުލޫމާތު ދިންގޮތުގައި ލޯންޗުން 23 މީހުން ދަތުރު ކުރި އެވެ. އޭގައި ތިބީ 13 ޗައިނާ މީހުންނާއި، ބަންގްލަދޭޝްގެ ދެ މީހެއް، އިންޑިޔާގެ ދެ މީހެއް އަދި ސްރީލަންކާ މީހެއް އަދި ދިވެއްސެކެވެ.

ހުޅުލޭ ފަޅުތެރެއަށް ވަންނަނިކޮށް ލޯންޗްގެ އިންޖީނުގައި އަލިފާން ހިފީ ބެޓެރިއަށް ދިމާވި މައްސަލައަކުން ކަމަށް އެ ލޯންޗްގެ ބައެއް ކްރޫ އިން ބުނެފައިވެ އެވެ. ފުލުހުންނާއި ސިފައިން މިހާރު އަންނަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ.