ހަބަރު

ނިއު މޮޅުވީ ތަޖުރިބާކާރު ކުޅުންތެރިންގެ ސަބަބުން: ސާންތީ

Sep 26, 2015
1

ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގައި އީގަލްސް އަތުން ނިއު މޮޅުވީ ތަޖުރިބާކާރު ކުޅުންތެރިންގެ މޮޅުކަމުން ކަމަށް އީގަލްސްގެ ކޯޗު އިހުސާން އަބުދުލްގަނީ (ސާންތީ) ބުނެފި އެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ގައުމ ޓީމުގެ ކުރީގެ އެސިސްޓެންޓް ކޯޗު ބުނީ ނިއު އާއި އީގަލްސްގެ ތަފާތަކީ ވެސް ތަޖުރިބާކާރު ކުޅުންތެރިން ކަމަށެވެ.

"މިއަދު ފެނިގެންމިދިޔައީ ނިއު އާއި އީގަލްސްއާ ހުރި ތަފާތު. އެކްސްޕީރިއަސް ކުޅުންތެރިންގެ ތަފާތު މިފެނުނީ ނިއުގައި ތިބި. އޮއްޕޮ މެން އަޑޭމެން ފަދަ ކުޅުންތެރިން ބޮލުން (ވިސްނުން ބޭނުންކޮށްގެން) މިއަދު އެކުޅުނީ. އެމީހުންގެ ތަޖުރިބާ ބޭނުންކޮށްގެން އެކުޅުނީ،" ސާންތީ ބުންޏެވެ.

މިދިޔަ އަހަރުގެ މުބާރާތުގެ ފައިނަލް ކުޅެ، މެޗުގެ އިތުރު ވަގުތުގައި ނިއު އަތުން ބަލިވި ޓީމުގެ ކޯޗު އަދި ބުނީ މިއީ އީގަލްސް ތަށި ހޯދަންޖެހޭ ވަރުގެ މުބާރާތެއް ކަމަށެވެ.

"މިއީ އީގަލްސް ހުސްއަތާ ދާންޖެހޭ ވަރުގެ މުބާރާތެއްނޫން. ދެން ފުޓްބޯޅައިގައި ލަކްއޭ މިކިޔާ އެއްޗެއް ވެސް ބޭނުންވޭ މޮޅުވާން. ފުރަތަމަ ހާފުގައި ދަށްކޮށް އީގަލްސް ކުޅުނީ. އެކަމަކު ފަހުން މުޅި މެޗު ކޮންޓްރޯލްކޮށްގެން ކުޅުނީ އީގަލްސް. އަޅުގަނޑުމެން މޮޅުވާން ބޭނުމިއްޔާ އޮއްޕޮމެން ކަހަލަ ތަޖުރިބާކާރު ކުޅުންތެރިން ވެސް ޓީމަށް ގިނަކުރަންޖެހޭ،" ސާންތީ ބުންޏެވެ.