ކޮވިޑް-19 އިގެ ބަލާއާފާތުގެ ބިރަށް އެންމެން ގޭ ބަންދުވުމަށް ފަހު ދިވެހި ރާއްޖެ އަލުން އާއްމު ހާލަތަކަށް ދެވޭތޯ އަޅާ ފުރަތަމަ ފިޔަވަޅު މާދަމާ ދިވެހީން އަޅާނެ އެވެ. ލޯ މަަތީން ބަދަލެއް ފެންނާން ނެތަސް ދިގު ލޮކްޑައުނަކަށް ފަހު މާދަމާ ހުޅުވޭ ރާއްޖެ ވަރަށް ތަފާތުވާނެ އެވެ. މާދަމާ ފަށާނީ ދިވެހިރާއްޖޭގެ މުޅި މެޝީން ބަދަލު ވެގެނެވެ. މާދަމާ ލޮލަށް ފެންނަ ބަދަލުތައް ވެސް ހުރެދާނެ އެވެ. ހުޅުވޭ ރާއްޖޭގައި އެންމެން އުޅެން ޖެހެނީ މާސްކު އަޅައިގެންނެވެ. ގޭގެއަށް ގޮސް ބައްދަލުވުންތައް ބާއްވައި ޖަމާއަތް ހަދައިގެން ކޮފީ ބޯން ދިއުމެއް ވެސް ނޯންނާނެ އެވެ. އަދި މާދަމާ އާ ރާއްޖެއަކަށް ދާއިރު ކޮވިޑް ބަލީގައި ރާއްޖެއަށް ކޮންޓްރޯލް ނެގިއްޖެ ކަމުގެ ކަށަވަރު ކަމެއް ވެސް ސަރުކާރަށް ނުދެވޭނެ އެވެ.
ރާއްޖެ ހުޅުވޭއިރު މި އޮތީ އިއްޔެ އޮތް ހާލަތުގައެއް ނޫނެވެ. ކުރީން ރާއްޖޭގެ ގިނަ ބަޔަކު ތިބީ އުފާވެރިކަމާއެކު ވަޒީފާތަކުގަ އެވެ. އެކަމަކު މާދަމާ ހުޅުވޭއިރު އެތައް ބަޔަކު ތިބޭނީ ވަޒީފާ ގެއްލި ހާލުގައި ޖެހިފަ އެވެ. ބައެއް މީހުން މަގުމަތި ވެފަ އެވެ. އަތްމަތި ދަތިވެގެން މާލޭގައި ކުއްޔަށް ނޫޅެވި، އެތައް ބަޔަކު ރަށަށް ވެސް ބަދަލުވެފައި ވެއްޖެ އެވެ. އަދި އުމުރު ދުވަހުގެ މަސައްކަތުން ނަގާ ކޮޅަށް ޖެހި ގިނަ ވިޔަފާރިތަކެއް ވަނީ ބަނގުރޫޓު ވެގެން ނިމި އިފްލާސް ކުރުމުގެ މަރުހަލާއަށް ދަތުރު ފަށާފަ އެވެ.
ހުރިހާ ގޮތަކުން ބެލި ނަމަވެސް މާދަމާ އިން ފެށިގެން ހުޅުވޭ ރާއްޖެ ވަރަށް ތަފާތު ވާނެ އެވެ. އެ މަންޒަރު ފެންނާނީ ސިކުނޑީ ލޮލަށެވެ. ރާއްޖޭގެ ސިފައަށް އައި އެންމެ ބޮޑު ބަދަލަކަށް ވާނީ މާދަމާއިން ފެށިގެން ދެން ދިވެހިން ކުރިމަތިލާންޖެހޭނީ ހައްލު ކުރަން މަޖުބޫރުވާނެ އެތައް މައްސަލަތަކެއްގެ ހަގީގަތާ އެވެ.
"ވަރަށް އެހެން ކަހަލަ ދިރިއުޅުމަކަށް [މާދަމާ] މި ނުކުންނީ. ރާއްޖޭން ކޮވިޑް ފިލީއެއް ނޫން، ގިނަ މީހުންގެ ބިރު ފިލީ؛ ކޮވިޑުގެ ބަލި ގިނަ ބަޔަކަށް ނުޖެހުނަސް ރައްޔިތުންގެ ގިނަ ބަޔަކު ތިބީ ބަލިވެފައި. އެންމެ ބޮޑަށް ބަލިވެފައި ވަނީ އިގްތިސޯދީ ގޮތުން ކުރިމަތިވަމުންދާ ގެއްލުމުން. ގިނަ ރައްޔިތުންގެ އަތްމަތި ވަނީ ވަރަށް ދަތިވެފައި. މާލެ ހުޅުވުމާއެކު އެކަމުގެ ހަގީގީ މަންޒަރު ފެންނަން ފަށާނެ،" ފުޅާކޮށް ވިޔަފާރި ކުރައްވާ އިގްތިސޯދީ ތަޖުރިބާކާރަކު ވިދާޅުވި އެވެ.
ވަރަށް އެހެން ކަހަލަ ދިރިއުޅުމަކަށް [މާދަމާ] މި ނުކުންނީ. ރާއްޖޭން ކޮވިޑް ފިލީއެއް ނޫން، ގިނަ މީހުންގެ ބިރު ފިލީ؛ ކޮވިޑުގެ ބަލި ގިނަ ބަޔަކަށް ނުޖެހުނަސް ރައްޔިތުންގެ ގިނަ ބަޔަކު ތިބީ ބަލިވެފައި. އެންމެ ބޮޑަށް ބަލިވެފައި ވަނީ އިގްތިސޯދީ ގޮތުން ކުރިމަތިވަމުންދާ ގެއްލުމުން. ގިނަ ރައްޔިތުންގެ އަތްމަތި ވަނީ ވަރަށް ދަތިވެފައި. މާލެ ހުޅުވުމާއެކު އެކަމުގެ ހަގީގީ މަންޒަރު ފެންނަން ފަށާނެއިގްތިސޯދީ ތަޖުރިބާކާރެއް
ސަރުކާރާއި ރައްޔިތުން ވެސް ހާލުގައި
އެއްވެސް ޒަމާނެއްގައި ދިވެހިންނަކީ ފަހަށް ރައްކާ ކުރަން އާދަ ކޮށްފައިވާ ބައެއް ނޫނެވެ. މިކަން އޮތީ ހަމައެކަނި އާއްމުންގެ ތެރޭގައި އެކަންޏަކު ވެސް ނޫނެވެ. ދައުލަތުގެ އޮނިގަނޑު ތެރޭގައި ވެސް މި ގޯސް އެބައޮތެވެ. އަންނަ ކޮންމެ ސަރުކާރެއްގައި އެ ގޯސް އޮވެ އެވެ. އަބަދުވެސް އިންތިހާއަށް އިސްރާފު އޮވެ އެވެ. ރާއްޖެ އާ ފެށުމަކުން ފަށާއިރު އެންމެން ވިސްނަން ޖެހޭނީ މި ކަމަށެވެ.
ސަރުކާރު ވެސް މާދަމާ އިން ފެށިގެން ފަށަން ޖެހެނީ ހަމަ ސުމަކުންނެވެ. މި ފަދަ ހާލަތެއްގައި ދުނިޔޭގެ އެހެން ގައުމުތަކުގައި އާންމު ރައްޔިތުންނަށް ހިނގައި ގަނެވޭނެ ގޮތަށް ތަފާތު ނަންނަމުގައި އެހީވާ ފަންޑުތައް އޮތް ނަމަވެސް ދިވެހި ދައުލަތުގެ ތެރޭގައި އެ ފަދަ އެއްވެސް ވަސީލަތެއް ނެތްކަން ކޮވިޑް-19 އިން މިވަނީ ސާބިތުވެފަ އެވެ. އަދި އޮތް ޕެންޝަން ފަންޑަށް ހަދާނެ ގޮތެއް ވެސް ނޭނގޭ ކަން ވަނީ ސާބިތުވެފަ އެވެ. އެހެންވެ ސުމަކުން ހުރިހާ ކަމެއް މާދަމާ އިން ފަށައިގަނެ މި ކަމަށް އަހަމިއްޔަތު ކަމެއް ދޭން ސަރުކާރަށް މަޖުބޫރުވާނެ އެެވެ. އެހެން ވިސްނުމަށް ބަދަލު ނުވެއްޖެ ނަމަ ސަރުކަރަކަށް ފަސޭހައެއް ނުވާނެ އެވެ. ދައުރު ނިމެން ދެން ވެސް ސަރުކާރު އޮންނާނީ މަރަށް ތެޅި ތެޅި އެވެ.
ކުރިން ވިސްނައިގެން ތިބެނީ ހަމައެކަނި އަރާނީ ސުމާނީ ކަމަށެވެ. އެހެންވެގެން ސުނާމީ އެރިތާ ހައެއްކަ އަހަރު ވަންދެން ރަށްރަށުގައި ސުނާމީ އާލީ ވޯނިންއަށް ތައްޔާރުވުމުގެ ޑްރިލްތައް ހެދި އެވެ. ފަރިތަ ކުރުންތައް ބޭއްވި އެވެ. ސޭފް އައިލެންޑްގެ ޕްލޭންތައް ހެދި އެވެ. އެކަމަކު ލިޔެވިފައި ހުރި ލިޔުންތަކެއް ފިޔަވައި އެއިން އެއްވެސް ކަމެއް މިހާރު ހަނދާން ހުރި އެކަކުވެސް ރާއްޖޭގައި ހުރިއްޔާ އެއީ ތަފާތެކެވެ. އެކަން އެެހެން އޮތުމުގެ ސަބަބުން ކާރިސާތަކާއި ބަލިމަޑު ކަމާއި ބަލާމުސީބާތްތަކަށް ގައުމު ތައްޔާރު ކޮށްދީފައި ބޭއްވުން ވެސް މާދަމާ ޖެހެނީ ސުމަކުން ފަށައިގަންނާށެވެ.
ރާއްޖޭގެ މާލިއްޔަތު ވެސް އެކަމަށް ތައްޔާރުކޮށް ފުދުންތެރި ކުރަން މަސައްކަތް ފަށަން ޖެހޭނެ އެވެ. ސިސްޓަމްތައް ވެސް ސުމަކުން ފަށައިގަންނަން މަޖުބޫރު ވާނެ އެވެ. އެނޫން އެހެން އެއްވެސް ޗޮއިސް އެއް ރާއްޖެއަކަށް ނުހޯދެ އެވެ.
ރާއްޖޭގެ ގައުމީ ދިނީ، އިގްތިސޯދީ އިޖްތިމާއީ މެޝީން އަލުން ފަށައި ގަންނަން ދިވެހިން ތައްޔާރު ވާއިރު، އެންމެ ބޮޑު ގޮންޖެހުމަކަށް ވާނީ އިގްތިސޯދީ ހީނަރު ކަމެވެ. ދައުލަތަށް ލިބޭ އާމްދަނީ މަދުވަމުން ދެރަވަމުން ގެއްލެމުން ދިއުމެވެ.
މި އަހަރުގެ ފެބްރުއަރީ މަހާ ހަމައަށް އާދެވުނު އިރު ބަލައިގެން ތިބީ މި އަހަރަކީ ތިޔާގި އަހަރެއެގެ ގޮތުގަ އެވެ. އެކަމަކު ހުރިހާ ކަމެއް އެފުށް މިފުށަށް ޖެހިފައިވުމުން މިހާރު އިގްތިސޯދީ ދުރުމި އަޅައި ބަލާލާއިރު ކުރިމަތިން ފެންނަނީ ހަލާކުވެފައިވާ ވަރަށް ދެރަ އަދި އެއިން ވެސް ވައްކަން ކުރަމުންދާ އިގްތިސޯދެކެވެ.
މިދިޔަ އަހަރު ރާއްޖެ އަށް 1.7 މިލިއަން މީހުން ޒިޔާރަތްކޮށް އަދި އަންނަ އަހަރު ދެ ބިލިއަން ޓޫރިސްޓުންނަށް އަމާޒު ހިފައިގެން ތިއްބައި އައި ކޮވިޑް-19 އިގެ ސަބަބުން ރާއްޖޭގެ އިގްތިސާދު ވެސް ވަނީ ބޮޑު އަދި ފުން ވަޅުގަނޑަކަަށް ވެއްޓިގެން ގޮސްފަ އެވެ. އާމްދަނީ ވަނީ ބޮޑުތަނުން ދަށްވެފަ އެވެ.
މުށް ބާރު ކުރަން ޖެހޭނެ
ދައުލަތް ވަށާލާފައިވާ އިގްތިސޯދީ ބޮޑު ހީނަރުކަމުގެ ކުޑަ މިސާލެއް، މިދިޔަ މަހު ދައުތަލަށް ލިބުނު އާމްދަނީން އެކަނި ވެސް ޖަހާލެވި ދާނެ އެވެ. މިދިޔަ މަހު ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 200 މިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރުގެ މެއި މަހުގެ އެ އަދަދު އުޅެނީ ބިލިއަން ރުފިޔާ އިން މަތީގަ އެވެ. އެހެންވެ އާމްދަނީން އެއް މަހަށް ބަލާނަމަ އެވަނީ 80 ޕަސެންޓް ދަށްވެފަ އެވެ. އެންވެ،
މާދަމާ މާލޭ ސިޓީ ހުޅުވުނު ނަމަވެސް ރައްޔިތުން ހަރަދުތައް ކުޑަކޮށް، ފައިސާ އަށް ބަލައިގެން އުޅެން ޖެހޭނެ އެވެ. އިގްތިސޯދު ހުޅުވި، އެ އިގްތިސާދުގެ އިންޖީނު ރަނގަޅަށް ހިނގައިގަންނާނެ ދުވަހެއް އަދި ބުނަން ވެސް ނޭނގެ އެވެ.
އާ ދުވަހަށް ދާއިރު ސަރުކާރުން އަންދާޒާއަކީ އިގްތިސޯދުގެ އިންޖީނު ރަސްމީކޮށް އިސްޓާޓު ކުރެވޭނީ ޖުލައި މަހުގެ ތެރޭގަ އެވެ. އެކަމަކު އިގްތިސޯދީ ގިނަ ބޭފުޅުންނާއި ތަޖުރިބާކާރުންނާއި ކުރީގެ ބައެއް މާލީ ވަޒީރުންގެ ނަޒަރުގައި ޖުލައި މަހު އިގްތިސޯދީ ހަރަކާތައް ރަސްމީކޮށް ހުޅުވިއަސް، ހިނގައި ގަންނާނީ ނޮވެމްބަރު މަހުގެ ވެސް ފަހުންނެވެ. އެހެން ކަމުން ރާއްޖެ އަށް މީހުން އަންނަން ފަށާނެ ކަމަށް ލަފާ ކުރެވެނީ ސެޕްޓެމްބަރު މަހު ނޫނީ ނޮވެމްބަރުގެ ތެރޭގަ އެވެ.
އިގްތިސާދު ހުޅުވާލަން ތާރީހު އާއްމު ކުރުމުން ރިސޯޓުތަކަށް މިހާރު ކޮންމެވެސް ވަރަކަށް ބުކިން ލިބެމުން އެބަދެ އެވެ. އެކަމަކު އެ ބުކިންތައް ލިބުމަކީ ދައުލަތުގެ ހަޒާނާއަށް ރާސްލާފައި ފައިސާ އޮހިގަތުމެއް ނޫނެވެ. ދައުލަތާއި ރައްޔިތުންނަށް އެންމެ ފައިސާ ފޮއްޗެއް ވެސް ލިބޭނީ ޓޫރިސްޓުން ރާއްޖެ އައިސް، ފައިސާ ހޭދަ ކުރަން ފެށި ދުވަހަކުންނެވެ. އެހެންވެ، މާދަމާ ރާއްޖެއަށް މުޅިން އާ ދުވަހެއްގެ އިރު އަރާއިރު އެކަން ރައްޔިތުންގެ ސިކުނޑީގަައި ބާއްވަން ޖެހޭނެ އެވެ. ފަހަށް ރައްކާކުރުމުގެ ވިސްނުމެއް ހުރިހާ އެންމެންގެ ބޮލަށް ލާފައި ބާއްވަން ޖެހޭނެ އެވެ.
ރާއްޖެ އާއްމު ހާލަތަށް ނުކުމެވޭތޯ ފުރަތަމަ ފިޔަވަޅު އެޅި ނަމަވެސް، ކުރިއަށް އޮތީ ވަރަށް ދަތި ދުވަސް ތަކެވެ. ހާއްސަކޮށް އިގްތިސޯދީ ގޮތުން އަދި ވާނެ ގޮތެއް ބުނެދޭން ނޭނގެ ދުވަސްތަކެކެވެ. ރާއްޖެ ހުޅުވޭން ޖެހޭނީ ދައުލަތުން ވައްކަން ކުރުމާއި ބޭކާރު ހަރަދު ކުރުން ހުއްޓާލުމަށް ފަހު އެވެ. އަދި ރައްކާތެރިވެ ސަމާލުވެ ތިބެގެނެވެ. މި ހުޅުވެނީ ކުރިން އޮތް ރާއްޖެއެއް ނޫނެވެ. ހުރިހާކަމެއް މިއޮތީ މުޅީން ބަދަލުވެފަ އެވެ. އެއްވެސް ކަމެއް އަބަދަކު އެއް ގޮތަކަށް ދެމިއެއް ނުހުރެ އެވެ.