ހަބަރު

މިއަދުވެސް ކަނޑުމަތީގެ ދެ ހާދިސާއެއް، އެންމެން ސަލާމަތްކޮށްފި

Sep 27, 2015

މިއަދު ވެސް ކަނޑުމަތީ ދެ ހާދިސާއެއް ހިނގައި ފުލުހުންނާއި ސިފައިންގެ އެހީތެރިކަމުގައި މީހުންނާއި މުދާ ސަލާމަތްކޮށްފި އެވެ.

އެންމެ ފުރަތަމަ ހާދިސާ އަކީ މިއަދު ފަތިހު 5:00 އެހާކަން ހާއިރު 17 މީހުންނާ އެކު މާލެއަށް ދަތުރު ކުރަމުން އައި، "ސްޕީޑް: ބޯޓް ގއ އަތޮޅުގެ ފަރަކަށް އެރުމެވެ. ކުޑަކުދިންނާއި އަންހެނުން ވެސް ތިބި މި ބޯޓް ފަރަށް އެރި ކަމުގެ ހަބަރު ލިބުމާ އެކު ގއ. ވިލިގިލީގައި ތިބޭ ފުލުހުން ވަނީ ބޯޓު ކައިރިއަށް ގޮސް އެ އެންމެން ސަލާމަތް ކޮށްގެން ވަނީ އެ އަތޮޅު ކޮނޑޭއަށް ގެނެސްފަ އެވެ. މި ހާދިސާ ހިނގުމާ އެކު އެހިސާބު ކައިރީގައި އޮންނަ ޕާކް ހަޔަޓް ރިސޯޓްގެ ދޯންޏެއް ވެސް ވަނީ ފުލުހުންނާ އެކު މީހުން ސަލާމަތް ކުރުމަށް ހަރަކާތްތެރިވެފަ އެވެ.

މި ހާދިސާގައި މީހަކަށް ގެއްލުމެއް ނުވެ އެވެ. ފުލުހުން ބުނީ ބޯޓްގެ ފަޅުވެރިންނާއި ވެރިމީހާ ގުޅިގެން ބޯޓް ފުންކުރުމުގެ މަސައްކަތް ކުރާ ކަމަށެވެ.

ދެވަނަ ހާދިސާ ހިނގީ ތެޔޮ އުފުލާ ދޯންޏެއް ވ. ވަށަގަރު ފަރަށް އަރައިގެންނެވެ. މިއަދު ހެނދުނު 7:30 އެހާކަން ހާއިރު ހިނގި މި ހާދިސާގައި ދޯނީގައި ތިބި ހަތަރު ފަޅުވެރިންނަށް ވެސް އަދި ދޯންޏަށް ވެސް މާ ބޮޑު ގެއްލުމެއް ނުވާ ކަމަށް ފުލުހުން ބުންޏެވެ. އަދި ދިޔަވަރު ބޮޑުވުމުން އެ ދޯނި މާ އުނދަގުލަކާ ނުލައި ފުން ކުރެވޭނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

މިދިޔަ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ބައެއް ކަނޑު އުޅަނދު ފަހަރުތައް ފެތުމާއި، އިންޖީނު ހުއްޓުމާއި ފަރަށް އެރުމުގެ ހިތާމަވެރި ހާދިސާތައް ވަނީ އިތުރުވެފަ އެވެ. އަދި އެ ހާދިސާތައް ހިނގަން މެދުވެރިވަނީ ވަރަށް ބޮޑަށް ކަނޑުގަދަވެ މޫސުން ގޯސްވުމުގެ ސަބަބުންނެވެ. ކަނޑު ދަތުރަށް ފުރުމުގެ ކުރިން ފުލުހުންނާއި ސިފައިންނަށް އެކަން އަންގައި، ސަލާމަތީ ފިޔަވަޅުތައް ފުރިހަމަކޮށްގެން ނޫނީ ދަތުރަށް ނޭރުމަށް ފުލުހުން އިލްތިމާސްކޮށްފައިވެ އެވެ. ޓްރާންސްޕޯޓް އޮތޯރިޓީ އިން ބުނަނީ މި އިލްތިމާސްތަކަށް ނުބަލައި ދަތުރު ކުރާ ފަރާތްތަކާ މެދު ގަވާއިދުން ފިޔަވަޅު އަޅާނެ ކަމަށެވެ.