ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ލޮކްޑައުން ޕްރޮޓޮކޯލް

ލޮކްޑައުން ލުއި ކުރުން: ގޭބަންދުން ނުކުމެ ހަށިފުރާ ނޭވާއެއް!

ކޮވިޑްގެ ލޮކްޑައުންގެ ތެރެއިން މިއަދަކީ ދިގު އިންތިޒާރަކަށް ނިމުމެއް އައި ދުވަހެވެ. ވަރަށް ދަތި އުނދަގުލުގެ ދުވަސްތަކަަކަށް ފަހު ހިތްހަމަ ޖެހުމުގެ ފުން ނޭވާއެއް ހަށިފުރާ ލާން، ބޭރަށް ނިކުމެލަން ލިބުނު ފުރުސަތެކެވެ. "ގޭބަންދު" ގައި ތިބެން ޖެހިފައިވާ އެތައް ދިވެހިންނަކަށް ކޮވިޑް-19 ވައިރަހުގެ ކިބައިން "މިނިވަންވި" ކަމުގެ އިހުސާސް ކުރެވުނު ވެސް ދުވަހެކެވެ. މުޅި މާލެ ލޮކްޑައުން ހާލަތުގައި އޮންނަތާ އެތައް ދުވަހަކަށް ފަހު ސަރުކާރުން ދިން ލުޔާއެކު ރޭ ފަތިހު ފަތިހާ އެތައް ބަޔަކު ވަނީ އަލުން މަގުމައްޗަށް ނުކުމެފަ އެވެ.

ސަރުކާރުން ކުރިން ހުއްދަ ދިން ގޮތަށް މަގުމަތީ ކަސްރަތު ކުރުމަށް ނުކުންނަ އުމުރުން ދުވަސްވީ މީހުންގެ އިތުރުން މިއަދު އެންމެ ގިނަވީ ފަތިހުގެ ފިނި ކަމާއި އަރައިގެން އައި އިރުގެ ދޯދިތަކުގެ ޖެހިލައި، ހިތްހަމަ ޖައްސާލަން ނުކުތް މީހުންނެވެ. މާލޭ އާޓިފިޝަލް ބީޗު ސަރަހައްދާއި ބްރިޖު ވިއުއިން ޕްލެޓު ހިމެނޭ ރާޅުގަނޑު ސަރަހައްދުގައި އެތައް ބަޔަކު އިށީނދެލައި، އިރު އަރާ މަންޒަރު ބަލަން ތިއްބެވެ. އެ މީހުންނާއެކު އައި ކުޑަކުދިން ބީޗުގައި ދުވެލައި ވެއްޔާ ކުޅެން ތިބިއިރު، އަނެއްބައި މީހުން އެ ސަރަހައްދުގައި އުދުހޭ ކޮތަރުތަކަށް ކާންދޭން އުޅުނެވެ. ވަރަށް ހިތް ފަސޭހަ މަންޒަރެކެވެ.

މީގެ ކުރިން ފަތިސް ވަގުތު މާލެ ވަށައި ދުވަން ނުކުންނަ މީހުނަށް ވެސް އަަލުން އެ ފުރުސަތު ލިބުނެވެ. އެހެން ނަމަވެސް ކުރިޔާ ހިލާފަށް މިއަދު ދުވަން ނުކުތް މީހުންގެ އަދަދު ގިނަ ކަން ފާހަގަ ކުރެވެ އެވެ. އޭގެ އިތުރުން ހެނދުނު ހެނދުނާ އެތައް ބަޔަކު މަގުމަތީ ސައިކަލު ދުއްވާލައި، މަގުމަތި ބަލައިލަން ވެސް ނިކުމެ އުޅުނެވެ.

މާލެއަށް މިއަދު ހީވެފައި އޮތީ އީދެއް އައިސްގެން އުޅޭ ހެނެވެ. މީގެ ކުރިން ހެނދުނު ނުފެންނަހާ ގިނަ މީހުން މަގުމަތީ އުޅުނެވެ. ރާޅާ އަޅާ ގްރޫޕުތައް ރާޅުގަނޑު ސަރަހައްދު މޫދަށް އެރި އޮތީ އިރު އަަރާ މަންޒަރު ބަލާށެވެ. އަދި ފަތާ ޓްރެކާއި އުސްފަސްގަނޑާއި ރަސްފަންނުގައި ވެސް އެތައް ބަޔަކު ތިއްބެވެ.

ހުރިހާ ކަމަކެއްގެ ތެރެއިން ފާހަގަވީ އަނެއް ކަމަކީ، ބައެއް ފަރާތްތަކުގެ އަމަލުތައް ހުރީ މާލޭގައި ލޮކްޑައުން އުވާލާފައިވާ ކަހަލަ ގޮތަށެވެ. އެއީ އޮޅުމެކެވެ. ސަރުކާރުން އަދި ދީފައި ވަނީ ލޮކްޑައުންއަށް ލުއިތަކަކެވެ. އެ ލުއިތައް ދިނީ ބައެއް ކަންކަމަށް ޝަރުތުކޮށްފަ އެވެ.

ސަރުކާރުން ދޭން ނިންމި ބައެއް ލުއިތައް

  • މަގުތަކުގައި އުޅެވޭނީ ފަތިހު 5:00 އިން ރޭގަނޑުގެ 10:00 އާ ދެމެދު
  • އާންމު ތަންތާގައި އެއްވެ އުޅެވޭނީ، އެއްފަހަރާ ތިން މީހުންނަށް
  • ގޭގެއަށް ޒިޔާރަތް ކުރުމުގެ ހުއްދައެއް ނެތް
  • އުމުރުން ދުވަސްވީ މީހުން ބޭރަށް ނުކުތުން - ފަތިހު 5:00 އިން ހެނދުނު 8:00 އަށް
  • ކުޑަކުދިން ބެލެނިވެރިޔަކާއެކު ބޭރަށް ނުކުތުން - ހަވީރު 4:00 އިން ހަވީރު 6:00 އަށް
  • ޢާންމު ތަންތާގައި ކަސްރަތުކުރުން - ހަވީރު 6:00 އިން ރޭގަނޑު 9:00 އަށް

މާލޭގައި ބައެއް މީހުން އެއްވެސް ވަރަކަށް މާސްކު ނާޅާ ވެސް އުޅުނެ ވެ. އަދި ތިން މީހުންނަށް ވުރެ ގިނައިން ބޮޑެތި ގްރޫޕު ހަދާފައި ވެސް އުޅުނެވެ. ގައި ދުރު ކުރުމަށް އެޗްޕީއޭ އިން އަދިވެސް ބާރު އަޅަމުން ދިޔައިރު އެތައް ބަޔަކު އެއާ ހިލާފަށް އުޅުނު ތަން ވެސް ފެނުނެވެ. އަދި ޕާކުތަކުގައި ބައެއް ކުޑަ ކުދިން ސްކޭޓު ދުއްވުން ފަދަ ކަނކަމުގައި އުޅުނު އިރު ޒުވާން ކުދިންތަކެއް ގްރޫޕު ހަދާފައި ބޮނޑިވެގެން ވެސް އުޅުނެވެ.