ކޮވިޑް-19 އާ ގުޅިގެން ދިގު ލޮކްޑައުންއެއްގައި މުޅި ގައުމު އޮތުމަށް ފަހު މި މަހުގެ އެއްވަނަ ދުވަހު އެތެރޭގެ އިކޮނޮމީ ހުޅުވާލި އެވެ. އެތެރޭގެ އިކޮނޮމީ ހުޅުވާލި ނަމަވެސް ހަގީގީ ގޮތުން އިގްތިސޯދު ހުޅުވިގެން މިދަނީ މިއަދުން ފެށިގެނެވެ. މިއަދު ރާއްޖޭގެ ބޯޑަރު ހުޅުވިގެން ދިއުން ވާނީ ރާއްޖޭގެ އިގްތިސޯދީ އަދި ގައުމީ ތާރީހުގެ އާ ސޮފުހާއެއް ލިޔާން ފެށުމަށެވެ.
ސަބަބަކީ ރާއްޖޭގެ ތާރީހުގައި މިހާ ދިގު މުއްދަތަކަށް "އޮން އެރައިވަލް" ވިސާ ހުއްޓާލާފައި ނުވާތީ އެވެ. ރާއްޖޭގެ ބޯޑަރުގައި އަޅުވާފައިވާ "ބޮޑު ތަޅު" ނައްޓައި "އޮން އެރައިވަލް ވިސާ" ދޫކުރަން ފެށި ނަމަވެސް އިގްތިސޯދަށް ވަނީ ފޫބައްދަން ދަތި ގެއްލުތައް ވެފަ އެވެ. ބޯޑަރު ބަންދުކޮށް ޓޫރިސްޓުން އައުން ހުއްޓާލި ފަހުން އަސަރު ނުކުރާ އެއްވެސް ކަމެއް ވެސް އެއްވެސް ވިޔަފާރިއެއްވެސް ނެތެވެ.
ގެއްލުން ނުލިބޭ އާއިލާއެއް ނެތެވެ. އަސަރު ނުކުރާ މީހަކު ނެތެވެ. އާއްމު ފަރުދުންގެ އިތުރުން ސަރުކާރުގެ މާލީ ހާލަތު އޮތީ ވަކި ރަނގަޅު ފައްތަރެއްގައެއް ނޫނެވެ. ކުރުކޮށް ބުނާނަމަ ރާއްޖޭގެ ހާލަތު މިއޮތީ ނާށިގަނޑު ހިފައިގެން ނުކުންނަ ޖެހޭ ހާލަތުގަ އެވެ.
ރާއްޖޭގެ އިގްތިސޯދު މިހާރު "ހިކި ހީނަރު" ވެފައިވާއިރު ސަރުކާރުން ދަނީ ދައުލަތް ހިންގަން ފައިސާ ހޯދަން ގިނަ މަސައްކަތް ތަކެއް ކުރަމުންނެވެ.
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ބެލުމުގެ ދަށުން ގިނަ މަސައްކަތްތަކެއްކޮށް މިހާތަނަށް 300 މިލިއަން ޑޮލަރު ޔަގީންވެފައިވާ ކަމަށް ބުނަމުން ދެ އެވެ.
ނަމަވެސް މިހާތަނަށް ދައުލަތުގެ މާލިއްޔަތަށް ވަދެފައި ވަނީ ނިސްބަތުން މަދު އަދަދެކެވެ. އަދި މިހާރު މިއޮތް ހާލަތުން ވެސް ގިނަ އަދަދެއްގެ ފައިސާ އިތުރަށް ބޭނުން ވާނެ އެވެ. ހިސާބުތަކުން ލަފާކުރެވޭ ގޮތުގައި ބަޖެޓު ފައިނޭންޝަލް ގެޕް ކުޑަ ކުރަން ބޭނުންނަމަ އިތުރަށް 12 ބިލިއަން ރުފިޔާ ވަރު ރާއްޖެއަށް ބޭނުންވެ އެވެ.
ބޭރުގެ މާލީ އެހީ ހޯދަން ފަސޭހައެއް ނޫން
ބޭރުން މި ފައިސާ ހޯދަން މަޖުބޫރުވެފައި ވަނީ ދަރަންޏާއި ހިލޭ އެހީގެ ގޮތުގަ އެވެ. ކޮވިޑް-19 އަކީ ދުނިޔޭގެ ހުރިހާ ކަންކޮޅުތަކަށް ފޯރާފައިވާ ބަލިމަޑު ކަމަށްވުމުން ހިލޭ އެހީ ހޯދުމުގައި ވެސް ގިނަ ގޮންޖެހުންތަކެއް އެބަ އޮތެވެ. އަދި ދުނިޔޭގެ ބާޒާރުން ފައިނޭންސް ހޯދަން ހުރި މަގުތައް ވެސް ވަނީ ބޮޑު ތަނުން ހަނިވެފަ އެވެ.
އެއް މިސާލަކީ ރާއްޖޭން ޖަޕާނުގެ ބާޒާރުގައި ވިއްކަން މަސައްކަތް ކުރި 300 މިލިއަން ޑޮލަރުގެ ބޮންޑު ނުވިކުމެވެ. އެހެންވެ، ސަރުކާރުގެ މިހާރުގެ ވިސްނުމަކީ 300 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 4.6 ބިލިއަން ރުފިޔާ) ގެ ސުކޫކްއެއް ވިއްކުމެވެ. ސަރުކާރުގެ މިހާރުގެ ވިސްނުމަކީ ދަރަންޏަށް ފައިސާ ނަގައިގެން ޓޫރިޒަމް ރަނގަޅަށް ފެށެއްދެން ވެސް ހިފަހައްޓާލުމެވެ. އެހެންވެ ކުރިއަށް އޮތް އަހަރުތަކުގައި ރާއްޖޭގެ ދަރަނި ބޮޑުތަނުން މައްޗަށް އުފުލިގެން ދާނެ ކަމަށް ބެލެވެ އެވެ.
އިގްތިސޯދީ މާހިރުންގެ ނަޒަރުގައި މިހާރު ދަރަންޏަށް ފައިސާ ނެގި ނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައި އެ ފައިސާ ދައްކަން ވެސް ކުރިމަތިލާން ޖެހޭ ބުރަ ވަކީން ކުޑައެއް ނުވާނެ އެވެ.
"މިހާރުން މިހާރަށް ބޭނުންވާ ވަރަށް ވެސް ފައިސާ ލިބޭނެ ކަމުގެ ފުރުސަތު އެހާ ތަނަވަހެއް ނޫން. އެކަމަކު ކޮންމެވެސް ވަރެއް ރެއިޒް ކުރެވި ދާނެ. މީގައި އެންމެ މުހިންމު ކަމަކީ ހަމަ ހަރަދުތައް ކުޑަ ކުރުން. މިކަން މިއީ ސަރުކާރުން ހަމައެކަނި ކުރަން ޖެހޭނެ ކަމެއް ވެސް ނޫން. ރައްޔިތު މީހާއާ ހިސާބުން މިކަން ކުރަން ޖެހެނީ،" ދިވެހި އިގްތިސޯދީ ތަޖުރިބާކާރަކު ވިދާޅުވި އެވެ.
ބޮޑު ސިނާއަތަށް ބޮޑު ގެއްލުން
ބޯޑަރު ބަންދު ކުރުމުން ރާއްޖޭގެ ރިސޯޓުތަކުގެ ބޮޑުބައިގެ ހިންގުން މުޅިން ހުއްޓެނެވެ. މީގެ އެންމެ ބޮޑު އަސަރެއް ކޮށްފައިވާ އެއް ބަޔަކީ ރިސޯޓު މުވައްޒަފުންނެވެ. އެ މީހުންގެ ދިރިއުޅުމަށް ވަނީ ވަރަށް ނުބައި އަސަރުތައް ކޮށްފަ އެވެ.
ޔޫއެންޑީޕީ އާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން ހަދާފައިވާ ދިރާސާއަކުން ދެއްކި ގޮތުގައި ކޮވިޑް-19 ގެ ސަބަބުން ޓޫރިޒަމް ސިނާއަތުގައި ހަރަކާތްތެރިވާ 45،000 މުވައްޒަފުންނަށް އެ ގެއްލުން ވަނީ ފޯރާފަ އެވެ. މީގެ ތެރޭގައި 22،000 ދިވެހިން ހިމެނެ އެވެ. މިއީ ރާއްޖޭގެ އާބާދީގެ ނިސްބަތުން ބަލާނަމަ ގާތްގަނޑަކަށް 14 ޕަސެންޓަށް އިގްތިސޯދީ ނުރަނގަޅު އަސަރެއް ކުރުމެވެ.
ކޮވިޑް-19 އިން އާމްދަނީއަށް ކުރި އަސަރު ސީދާ ރައްޔިތު މީހާގެ ޖީބަށް ވެސް ވަނީ ވަރަށް ބޮޑަށް ކޮށްފަ އެވެ. ރާއްޖޭގެ އިގްތިސޯދުގެ މައި ބަދައަކީ ޓޫރިޒަމް ކަމަށްވީ ނަމަވެސް ދިވެހި އާއްމުންގެ ގިނަ ބަޔަކީ އަމިއްލަ މަސައްކަތުން އުޅުނު ބައެކެވެ. ނަމަވެސް ކޮވިޑް-19 އިގެ ސަބަބުން ޓޫރިޒަމް ހީނަރުވެ، އިގްތިސޯދު ހުއްޓުމަކަށް ދިއުމާއި ގުޅިގެން އަމިއްލަ އެތައް ވިޔަފާރިއެއް ހުއްޓި ބަނގުރޫޓު ވެފައި ވެއްޖެ އެވެ. މީގެ ތެރޭގައި ކުދި އަދި މެދުފަންތީގެ ކޮންސްޓްރަކްޝަން ކުންފުނިތަކާއި ކެއިން ބުއިމުގެ ހިދުމަތްދޭ ތަންތަނާއި ކުދި ފިހާރަތައް ވެސް ހިމެނެ އެވެ.
ގައުމީ ޔުނިވާސިޓީން ހެދި ދިރާސާއިން ދެއްކި ގޮތުގައި ރާއްޖޭގެ އިގްތިސޯދު ހުއްޓުމުގެ ސަބަބުން ކޮންމެ 10 މީހެއްގެ ތެރެއިން އެކެއްގެ އާމްދަނީ ހުއްޓުނެވެ. އަދި ކޮންމެ 10 މީހެއްގެ ތެރެއިން ތިން މީހުންގެ މުސާރަ ކުޑަ ކުރި އެވެ. އަދި ކޮންމެ 10 ވިޔަފާރިއެއްގެ ތެރެއިން ހަތަރު ވިޔަފާރިއެއްގެ މުޅި އާމްދަނީ ހުއްޓިގެން ދިޔަ އެވެ. އަދި ކޮންމެ 10 ވިޔަފާރިއަކުން ފަސް ވިޔަފާރި އަކަށް ބޮޑެތި ގެއްލުންތަކާ ކުރިމަތިލާން ޖެހުނެވެ. މިއީ ޕްރައިވެޓް ސެކްޓާއަށް ލިބުނު ގެއްލުމުގެ ކުޑަ އަންދާޒެއް ކަމަށް ބުނެވިދާނެ އެވެ. ފެންނަ ފެނުމަށް މި އަދަދު ބޮޑުވުމުގެ ފުރުސަތު އެބައޮތެވެ.
މިއަދު ބޯޑަރު ހުޅުވުނަސް ނޭވާ ހިފަހައްޓާލައިގެން ހައެއްކަ މަސް އުޅެން ޖެހޭނެ އެވެ. މިހާރު އަންދާޒާއަކީ ބޯޑަރު ހުޅުވުމާއެކު މިމަހު ރާއްޖެ އަންނާނީ އަންނާނީ 10،595 ޓޫރިސްޓުންނެވެ. އެކަމަކު މިއީވެސް އަންދާޒާ އެކެވެ. މިކަން ބިނާވެފައި އޮންނާނީ ދުނިޔޭގެ އެހެން ގައުމުތަކުގެ ބޯޑަރު ހުޅުވެމުންދާ ގޮތަކާއި ކޮވިޑް-19 އިގެ ބަލާއާފާތް ދުނިޔޭގައި ކޮންޓްރޯލް ކުރެވޭ މިންވަރެއްގެ މައްޗަށެވެ.
މިހާރުގެ އަންދާޒާއަކީ މި އަހަރު އެންމެ ގިނަ ޓޫރިސްޓުން އަންނާނީ އާއްމު ގޮތެއްގައި ޓޫރިޒަމް އެންމެ ރަނގަޅުވާ ނިއު އިޔާ ބަންދުގަ އެވެ. އަންދާޒާ ކުރާ ގޮތުގައި ޑިސެމްބަރު މަހު 13،738 މީހުންނެވެ. އެހެންވެ، މިއާއެކު މި އަހަރުގެ ބާކީ އޮތް ދުވަސްތަކުގައި އަންނާނީ 450،134 މީހުންނެވެ. މާނައަކީ މި އަހަރު ނިމޭއިރު އަންނާނެ ކަމަށް ބެލެވޭ ޖުމްލަ ޓޫރިސްޓުންގެ އަދަދަކީ ގިނަ ވެގެން ވެސް ގާތްގަނޑަކަށް 800،000 މީހުނެވެ. އެ އަދަދަށް ޓޫރިސްޓުން އައި ނަމަވެސް، ދައުލަތަށް އާމްދަނީ ލިބެން ފަށާނީ ޖެނުއަރީ މަހުން ފެށިގެންނެވެ.
މި ހުރިހާ ކަމެއް މި ގޮތުގައި ހުރި ނަމަވެސް މިއަދުން ފެށިގެން ރާއްޖެ އަނެއްކާ ވެސް މި ދަނީ އާ ހާލަތަކަށެވެ. ތިން މަހަށްވުރެ ގިނަ ދުވަހު މައި ދޮރާށި ބަންދުކޮށްފައި ބޭއްވުމަށް ފަހު އަލުން މިއަދު ހުޅުވީ އެވެ. އެކަމަކު ރާއްޖޭގެ އިގްތިސޯދު އޮތީ ދަތި އުނދަގޫ ހާލަތެއްގަ އެވެ.