ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދިވެހި ރާއްޖެ އަލުން ހުޅުވާލުން

ބޮޑު ތަޅު ނައްޓައި ތަފާތު ހުޅުވުމެއް!

އެއާޕޯޓް އަލުން ހުޅުވާލުމަށް ވެފައިވާ ތައްޔާރީތައް -- ވީޑިއޯ: އާއިމް ޒަމީރު | އަވަސް

ރާއްޖޭގެ ބޯޑަރު، ނުވަތަ އިގްތިސޯދީ މައި ދޮރާށި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ބަންދު ކުރުން މިވީ ދިވެހިންގެ ގައުމީ ހަޔާތުގައި އެންމެ ބޮޑު އަސަރެއް ކުރި ފަހަރަށެވެ. މީގެ ކުރިން ރާއްޖޭގެ ފަހުގެ ތާރީހެއްގައި ބޯޑަރު އެންމެ ގިނަ ދުވަހަށް ބަންދު ކުރަން ޖެހުނީ ސުނާމީ ކާރިސާއާ ގުޅިގެންނެވެ. ސުނާމީގެ އުސް ރާޅު ހުޅުލެ ވަށައިގެން އަރައި ރަންވޭ ފެންބޮޑު ކޮށްލި އެވެ.

ރަންވޭ މައްޗަށް ވެލިގަލާއި ކުނި ޖަމާވެ، އެއާޕޯޓް ބަންދު ކުރަން މަޖުބޫރުވި އެވެ. ނަމަވެސް ދެ ދުވަހުގެ ތެރޭގައި އަލުން އެއާޕޯޓް އޮޕަރޭޝަނަށް ގެނަ އެވެ.

ނަމަވެސް މދިއަ މާޗް މަހުގެ 27 ވަނަ ދުވަހުގެ ރޭ މެންދަމު 12:00 ޖެހުމާއެކު ރާއްޖޭގެ މައި ދޮރާށި ވީއައިއޭ ބަންދު ކުރަން ޖެހުނެވެ. އެ ރެއަކީ ދުވަހަކު ވެސް ދިވެހިން ދެކެން ބޭނުންނު ވި ބިރުވެރި ހުވަފެން ފެނި ހަގީގަތަކަށް ވެސްވި ރެއެވެ.

ކޮވިޑް-19 އިގެ ބަލި ފެތުރުން ހުއްޓުވަން ފިޔަވަޅު އަޅަން މަޖުބޫރުވުމުން ރާއްޖެއަށް އޮން އެރައިވަލް ފްލައިޓްތައް ހުއްޓާލި އެވެ. މިއާއެކު ފްލައިޓް ޖެއްސުމުގެ ރެކޯޑް ހަދަމުން ގެންދިޔަ އެއާޕޯޓުގެ އެއްކޮށް "މަރުވި" އެވެ. އެއަށް ފަހު އެއާޕޯޓަށް ހަމައެކަނި ތިރިއަށް ޖައްސައި މައްޗަށް ނަގަމުން ދިޔައީ، ހާއްސަ ބޭނުންތަކަށް އަންނަ ޗާޓަރުތަކާއި މެޑިކަލް އިމަޖެންސީގެ ފްލައިޓްތަކެވެ. ނަމަވެސް މިއަދަކީ ބޯޑަރުގައި ތިން މަސް ވަންދެން އަޅުވާފައި އޮތް ތަޅު ނެއްޓި ދުވަހެވެ. އެ ތަޅު ނެއްޓި ނަމަވެސް ހުޅުވާލުން ވަރަށް ތަފާތެވެ.

ވީއައިއޭ ހުޅުވުމަށް، އެއާޕޯޓް ހިންގާ ކުންފުނި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ވަނީ ގިނަ ތައްޔާރީތަކެއް ވެފަ އެވެ. ސަބަބުތައް ވެސް ގިނަ އެވެ. ބޯޑަރު ބަންދު ކުރުމުން އެންމެ ގެއްލުންވި އެއް ކުންފުންޏަކީ އެމްއޭސީއެލެވެ. ސަރުކާރުގެ އެންމެ ފައިދާ ބޮޑު އެއް ކުންފުނި، އެމްއޭސީއެލްއަށް ބޯޑަރު ބަންދު ކުރުމުގެ ސަބަބުން ފޫބައްދަން ދަތި ގެއްލުންވެފައި ވެއެވެ. އެހެންވެ އެ ކުންފުނިން ވަނީ ހަރަދު ކުޑަ ކުރަން ގިނަ ފިޔަވަޅުތަކެއް ވެސް އަޅާފަ އެވެ.

ރައްޔިތުން މަޖިލީހުގެ އެސްއޯއީ ކޮމެޓީގައި އެއާޕޯޓް އިމަޖެންސީ ސާވިސްގެ ޑެޕިއުޓީ ޗީފް އޮފިސަރު، އަހުމަދު ފަޔާޒު ވިދާޅުވި ގޮތުގައި އަލުން އެއާޕޯޓް ހުޅުވާއިރު އިތުރު އިމަޖެންސީއެއް ދިމާވެދާނެ ކަމަށް ބަލައި ތައްޔާރުވެފައިވެ އެވެ. އެއާޕޯޓުގައި ތިން މަހުގެ އިމެޖެންސީ އަށް ބޭނުންވާ ސާމާނު ވެސް އެބަހުއްޓެވެ.

"ނިއު ނޯމަލްގައި އިތުރު އިޖަމެންސީ ތަކެއް ދިމާވާނެ ކަމަށް ގަބޫލު ކުރަން ފްލައިޓުގެ ތެރޭގައި ކެއްސުން ނޫނީ ހުން އައުން ފަދަ ކަމެއް ދިމާވެއްޖެނަމަ އަޔާޓާގެ ގަވައިދުން ބުނާ ގޮތުން. ކައިރި އެއާޕޯޓަކަށް ޖައްސަން ޖެހެނީ. އެކަމަށް ވެސް އަޅުގަނޑުމެން ވާނީ ތައްޔާރުވެފައި،" ފަޔާޒު ވިދާޅުވި އެވެ.

މައި ދޮރާށި ހުޅުވޭ އެއާޕޯޓު އޮތީ ކޮންމެ 20 މިނެޓުން ފްލައިޓް ޖެއްސޭ ވަރަށް ތައްޔާރުވެފަ އެވެ. އަދި އެއާޕޯޓް ސާފުކޮށް ބެހެއްޓުމަށް ހާއްސަ ޓީމްތަކެއް އެމްއޭސީއެލް އިން ވަނީ މިއަދަށް އެކުލަވާލާފަ އެވެ. ބޯޓު ޖައްސާ އަދި ފުރާ ކޮންމެ ފަހަރަކު އެއާޕޯޓް ޑިސްއިންފެކްޓް ކުރާނެ އެވެ. ކޮވިޑުގެ ބަލި މީހެއް ފެނިދާނެ ކަމަށް ބަލައި އެކަމަށް ވެސް ވަނީ ތައްޔާރުވެފަ އެވެ. އިޖުތިމާއީ ގައިދުރުކޮށް ހިދުމަތް ދެވޭ ގޮތަށް މުޅި އެއާޕޯޓުގެ ނިޒާމު ވަނީ ބައްޓަންކޮށްފަ އެވެ.

މި ބަދަލާއެކު ކުރިން އެއް ފަހަރާ 1000 މީހުންނަށް ހިދުމަތް ދެވޭ، އިންޓަނޭޝަނަލް އެރައިވަލް ހޯލުގައި މިހާރު ހިދުމަތް ދޭނީ 577 މީހުންނަށެވެ. ކުރިން 1200 މީހުން ހިދުމަތް ދޭ އިންޓަނޭޝަނަލް ޑިޕާޗާ ހޯލުގައި މިއަދުން ފެށިގެން ހިދުމަތް ދޭނީ 750 މީހުންނަށެވެ.

މިއަދު ބޯޑަރު ހުޅުވުމާއެކު ރާއްޖެ އަންނަ ޝެޑިއުލް ފްލައިޓް ތަކަށް ހިލޭ ޖެއްސޭނެ އެވެ. ގްރައުންޑް ހޭންޑްލިންގެ ހިދުމަތްތަކާއި ލޭންޑިން ފީ އަދި ނެވިގޭޝަން ފީގެ އިތުރުން ޕާކިން ފީ އިން 50 ޕަސެންޓާއި 100 ޕަސެންޓާ ދެމެދުގެ ބޮޑު ޑިސްކައުންޓެއް ދޭނެ އެވެ. ރާއްޖެ އަންނަން މިހާތަނަށް 11 އެއާލައިނަކުން ޝެޑިއުލް ނެރެފަ އެވެ. މީގެތެރޭގައި ދުނިޔޭގެ މަޝްހޫރު ގިނަ އެއާލައިން ތަކެއް ހިމެނެ އެވެ.