ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދިވެހި ރާއްޖެ އަލުން ހުޅުވާލުން

އެއާޕޯޓް ހުޅުވާއިރަށް 10 ފްލައިޓް ތައްޔާރު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ނިއުނޯމަލްގައި ހުޅުވާއިރު އިންޓަނޭޝަނަލް 10 ފްލައިޓެއް ޖައްސަން ޖާގައަށް އެދިފައިވާ ކަމަށް، މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމެޓީގައި މިއަދު ވާހަކަ ދައްކަވަމުން، އެމްއޭސީއެލްގެ އެކްޓިން މެނޭޖިން ޑިރެކްޓަރު މޫސާ ސޯލިހު ވިދާޅުވީ އިންޓަނޭޝަނަލް 10 ފްލައިޓެއް ޖައްސަން ޝައުގުވެރިކަން ފާޅުކޮށް، ޖާގައަށް އެދިފައިވާ ކަމަށެވެ.

"ދިހަ ފްލައިޓް މިހާތަނަށް ފައިނަލް ކޮށްފައި އޮތީ، މި އަދަދު އިތުރު ވެސް ވެދާނެ... ފްލައިޓުތަކުން ސްލޮޓްތައް ދޫކޮށެއް ނުލާ. އެހެންވެ ގަބޫލު ކުރަނީ ޑޮމެސްޓިކް ފްލައިޓުގެ އަދަދު ވިއްސަށް އިތުރު ވާނެ ކަމަށް. ފްލައިޓްތައް އެތިބީ އަޅުގަނޑުމެންގެ ޑޭޓަކަށް ބަލަން. އެކަން ފައިނަލްވީމަ ކުރިއަށް ދާނީ. ނޭޝަނަލް ލެވަލްގައި އެކަން ނިންމަން ޖެހޭނީ،" ސޯލިހު ވިދާޅުވި އެވެ.

އެ ކުންފުނިން ބުނީ ސްލޮޓްތައް އެދިފައި އެއާލައިންތަކުގެ ތެރޭގައި އިންޑިގޯ އާއި ސްރީލަންކަން އަދި ގަތަރު އެއާވޭސް އާއި އިއްތިހާދު އޭވާ ވޭސް އަދި ސިލްކް އެއާ ހިމެނޭ ކަމަށެވެ. ޖުލައި އެކެއްގައި ފަށާނެ ކަމަށް ބަލައި ގަތަރު އެއާވޭސް އިން އެއް ފްލައިޓް އޮޕަރޭޓް ކުރަން ހުށަހަޅާފައިވެ އެވެ. އަދި ސްރީލަންކަން ތިން ފްލައިޓް ހަފުތާއަކު އަޅާއިރު، އިއްތިހާދު އެއާވޭސް އިން ހަފުތާއަކު އެއް ފްލައިޓް އަދި ސިލްކް އެއާއިން ހަފުތާއަކު ފަސް ފްލައިޓް އަޅަން އެދިފައިވާ ކަމަށެވެ.

ސޯލިހު އިތުރަށް ވިދާޅުވީ ކޮވިޑް-19 ދުނިޔެ އަށް ފެތުރެން ފެށުމާއެކު، ވީއައިއޭ ތައްޔާރުވާން ފަށާފައިވާ ކަމަށެވެ. އަދި ނިއު ނޯމަލަށް އެ އެއާޕޯޓް މިހާރު ފުރިހަމައަށް ތައްޔާރު ވެފައިވާ ކަމަށެވެ.

"އަޅުގަނޑުމެން މިހާރު ވާނީ އަލަށް ނިއު ނޯމަލްގައި ހުޅުވާލާއިރު، ބެލެހެއްޓޭނެ ކެޕޭސިޓީއަކީ ކޮބައިތޯ ބަލާފައި، ޖެއްސޭނީ ކިތަަށް ފްލައިޓް ތޯ؟ އެ ހުރިހާ މައުލޫމާތެއް އެއާލައިން ތަކަށް އަޅުގަނޑުމެން ޝެއާ ކުރާނަން. އެ ސްޓޭޖުގައި މިހާރު އޮތީ،" ސޯލިހު ވިދާޅުވި އެވެ.

ދިހަ ފްލައިޓް ރިކުއެސްޓް ސަބްމިޓް ކޮށްފައިވަނީ. ސީޒަނަށްގައި މި އަދަދު އިތުރު ވެސް ވެދާނެ. ފްލައިޓު ތަކުން ސްލޮޓްތައް ދޫކޮށެއް ނުލާ. ޑޮމެސްޓިކް ފްލައިޓުގެ އަދަދު 20 އަށް އިތުރުވާނެ ކަމަށް ބެލެވޭ. ފްލައިޓްތައް އެތިބީ އަޅުގަނޑުމެންގެ ޑޭޓަކަށް ބަލައިގެން. ޑޭޓެއް ފައިނަލްވީމަ ކުރިއަށް ދާނީ. ނޭޝަނަލް ލެވަލްގައި އެކަން ނިންމަން ޖެހޭނީ،
މޫސާ ސޯލިހު | އެކްޓިން އެމްޑީ

ސޯލިހު ވިދާޅުވީ އެއާޕޯޓު ހުޅުވާއިރު، ޑޮމެސްޓިކް ޓާމިނަލަށް ފުރަން ދާއިރު ރައްކާތެެރި ފިޔަވަޅުތައް އަޅާފައިވާ ކަމަށެވެ.

"ފުރާ މީހާ ނޫން އެހެން ބަޔަކު ނުވަދެވޭ ގޮތަށް، ނޫނީ އޭނާއަށް އެހީތެރި ވެދޭ މީހާ އެކަނި ވަދެވޭ ގޮތަށް ހަދާނީ،" ސޯލިހު ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ ރާއްޖޭގެ ބޯޑަރު ބަންދު ކުރި ނަމަވެސް ރާއްޖެ އަންނަ ފްލައިޓުގެ އަދަދު އެއްކޮށް ނުހުއްޓޭ ކަމަށެވެ.

"އެވްރެޖު ގޮތެއްގައި ދުވާލަކު ފަހެއް ނޫނީ ހައެއް އިންޓަނޭޝަނަލް ފްލައިޓް މޫވްމެންޓް ހިންގާ،" ސޯލިހު ވިދާޅުވި އެވެ.

އެއް ފަހަރާ ހިދުމަތް ދޭނީ ދެ ބޯޓަށް

އޭނާ ވިދާޅުވީ ކުރިން އެއް ފަހަރާ 1000 މީހުންނަށް ހޭންޑްލް އިންޓަނޭޝަނަލް އެރައިވަލްގައި ގައި ސޯޝަލް ޑިސްޓެންސިންއާއެކު ހިދުމަތް ދެވޭނީ 577 މީހުން ވަރު ކަމަށެވެ. އަދި އިންޓަނޭޝަނަލް 1200 މީހުން ޑިޕާޗާގައި ހިދުމަތް ދެވުނު ނަމަވެސް އަލުން ހުޅުވާއިރު ހިދުމަތް ދެވޭނީ 750 ފަސިންޖަރުންނަށް ކަމަށެވެ.

"ދެން އޮންނާނީ ބޮޓުލް ނެޓް ލިމިޓްވާ ތަންތަން ބަލައި އެ ތަންތަން އެކްސްޕެންޑް ކުރަން. ރަށުތެރޭގައި އެޗްޕއޭގޭގެ ގައިޑްލަސްއާ އެއްގޮތަށް ބަލަހައްޓާނަން. މާސްކް އަޅައިގެން އުޅެންވާނީ،" ސޯލިހު ވިދާޅުވި އެވެ.


އެމްއޭސީއެލްއިން ބުނީ އެ ކުންފުނިން ހަދާފައިވާ އެސްއޯޕީގެ ދަށުން ހިދުމަތް ދެވޭނީ ދެ ފްލައިޓަށް ކަމަށެވެ.

އެއާޕޯޓް އިމަޖެންސީ ސާވިސްގެ ޑެޕިއުޓީ ޗީފް އޮފިސަރު، އަހުމަދު ފަޔާޒު ވިދާޅުވީ ނިއުނޯމަލްގައި އެއާޕޯޓް ހުޅުވާއިރު އިތުރު އިމަޖެންސީއެއް ދިމާވެދާނެ ކަމަށް ބަލައި ތައްޔާރުވެފައިވާ ކަމަށާއި އެއާޕޯޓުގައި ތިން މަހުގެ އިމެޖެންސީ އަށް ބޭނުންވާ ސާމާނު ވެސް އެބަހުރި ކަމަށެވެ.

"ނިއު ނޯމަލްގައި އިތުރު އިޖަމެންސީ ތަކެއް ދިމާވާނެ ކަމަށް ގަބޫލު ކުރަން ފްލައިޓުގެ ތެރޭގައި ކެއްސުން ނޫނީ ހުން އައުން ފަދަ ކަމެއް ދިމާވެއްޖެނަމަ އަޔާޓާގެ ގަވައިދުން ބުނާ ގޮތުން. ކައިރި އެއާޕޯޓަކަށް ޖައްސަން ޖެހެނީ. އެކަމަށް ވެސް އަޅުގަނޑުމެން ވާނީ ތައްޔާރުވެފައި،" ފަޔާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޓާމިނަލްގައި ސޯޝަލް ޑިސްޓެންސިން މާކްތައް ހަދައި، އެއާޕޯޓުގެ އަށް ސަރަހައްދެއްގައި ތާމަލް ކެމެރާ ވެސް ބަހައްޓާފައިވާ ކަމަަށެވެ.

ފަޔާޒު ވިދާޅުވި ގޮތުގައި ކޮވިޑް-19 އިގެ ބަލި މީހަކު ފާހަގަ ކުރެއްވިއްޖެނަމަ އެކަން ކުރިއަށް ގެންދާނީ، އެޗްޕީއޭ ގުޅިގެން ކަމަށެވެ. އަދި އައިސޮލޭޓް ކުރަން ޖެހޭ މީހަކު ފެނިއްޖެނަމަ އެ މީހަކު ޓާމިނަލް ސައިޑުން ނެރެ ހާއްސަ އައިސޮލޭޝަން ފެސިލީޓީއެއް ކަަމަށްވާ "ފެސިލިޓީ 13" އަށް ގެންދާނެ ކަމަށެވެ.

"އެކަން ކުރި އަށް ދާނީ އެޗްޕީއޭއިން ގްރައުންޑުގައި ހުންނަ އިސް ބޭފުޅެއްގެ ބެލުމުގެ ދަށުން. ބަލި މީހަކު ފާހަގަ ކުރެއްވިއްޖެނަމަ ފަޔާ ރެސްކިއުގެ ބެލުމުގެ ދަށުން އެ ބޭފުޅަކު އައިސޮލޭޝަން އަށް ގެންދާނީ،" ފަޔާޒު ވިދާޅުވި އެވެ.

ހަތަރު ގަޑިއިރު ކުރިން އެއާޕޯޓަށް

ނިއު ނޯމަލްގައި ފުރަން ދާއިރު ހަތަރު ގަޑިއިރު ކުރިން އެއާޕޯޓަށް ދާން ޖެހޭނެ އެވެ. އަދި 18 ގަޑިއިރަށް ބަހާލައިގެން އެއާލައިން ތަކަށް ސްލޮޓް ދޭނެ އެވެ.

"ކުރިން 20 މިނެޓަކުން ފްލަޓެއް ހޭންޑް ކުރެވޭ. ނިއު ނޯމަލްގައި 15 މިނެޓުން ފްލައިޓެއް ހޭންޑްލް ކުރެވޭނެ. ޓްރެފިކް ފޯކާސްޓް ދައްކާ ގޮތުން 2019 ގެ ޕީކްއަށް ދާނީ 2022 ހިސާބުގައޭ" ސޯލިހު ވިދާޅުވި އެވެ.

ގެއިން ޗެކިން ކުރެވޭނެ ގޮތް ހަދަނީ

ސޯލިހު ވިދާޅުވި ގޮތުގައި ގޭގައި ތިބެގެން ޗެކިން ކުރެވޭނެ ގޮތް ވެސް ހަދަން މަސައްކަތް ކުރަމުންދާ ކަމަށެވެ.

"ގޭގައި ތިބެގެން ފޮށި އެއްޗިހި ވެސް ދޫކޮށްލެވޭނެ ގޮތް ހަދައިމ ގޭގައި ތިބެގެން ޗެކިން ވެވޭނެ ގޮތް ހަދަން މަސައްކަތް ކުރަމުން މިދަނީ، މީގެ އިތުރުން ޓަޗް-ފްރީ ޑޯސް އާއި ޓޮއިލެޓް ފަދަ ތަންތަން ހަދަން އެއާޕޯޓުގައި ހަދަން މަސައްކަތް ކުރަނީ. އެކަމަށް ވަރަށް ގިނަ މަސައްކަތް ކުރަން އެބަޖެހޭ،" ސޯލިހު ވިދާޅުވި އެވެ.

ސަރުކާރުން ދަނީ މައި އެއާޕޯޓް އަންނަ މަހު ހުޅުވަން ތައްޔާރު ވަމުންނެވެ. ކުރިން އޮތީ ޖުލައި މަހުގެ އެއްވަނަ ދުވަހު ހުޅުވާށެވެ. ނަމަވެސް މިހާރު އެ ތާރީހުގައި ނުހުޅުވޭނެކަން ވަނީ ޔަގީންވެފަ އެވެ.